
މިނިސްޓަރު މުއްތަލިބު ސޯޝަލް މީޑިއާގައި އާންމުކުރެއްވި ޕޯސްޓެއްގައި މިކަން ސާފުކޮށްދެއްވީ މަޖިލީހުން ނުކުންނެވި އިރު "ޖިމް ބޭގެއް" އަޅުއްވައިގެން ހުންނަ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކުރުމުން އެކަމާ ގުޅުވައި ރިޝްވަތުގެ ތުހުމަތުކުރާތީ އެވެ.
އެގޮތުން، ރަސްމާލޭގައި ހިންގާ މެރީނާ މަޝްރޫއުއަށް ތާއީދުކުރުމަށް، ސަރުކާރު ހިންގާ ޕީއެންސީ މެމްބަރުންނަށް ރިޝްވަތުގެ ފައިސާ "މަޖިލީހަށް ވަދެފައިވާ"ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ތުހުމަތުކުރައްވައިފަ އެވެ.
އެ ތުހުމަތުތަކާ ގުޅިގެން، މުއްތަލިބު ވިދާޅުވީ ރޭގެ ވަގުތެއްގައި އެޓާނީ ޖެނަރަލް އަހްމަދު އުޝާމްއާ އެކު ރައްޔިތުންގެ މަޖިލީހަށް ވަޑައިގަތީ މެމްބަރުންތަކެއް އެދުމަށް ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލާ ގުޅޭގޮތުން އެ މެންބަރުން ސާފުކުރަން ބޭނުންވި ބައެއް ކަންކަން ސާފުކޮށްދެއްވަން ކަމަށެވެ.
އެކަމަކު އެ ބައްދަލުވުން ބާއްވަން ތާވަލުކޮށްފައި އޮތް ގަޑިއަކީ އާރަށުން ފުޓްބޯޅަ ކުޅެގެން މާލެއަށް ވަޑައިގަތް ވަގުތު ކަމަށް މުއްތަލިބު ވިދާޅުވި އެވެ. އަދި މަޖިލީހުގެ އިދާރާއަށް ވަޑައިގަތީ ލޯންޗުން ފޭބި ގޮތަށް، ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ވެސް ހިފައިގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"އެ ބައްދަލުވުން ހަމަޖައްސާފައި އޮތް ގަޑީގައި އަޅުގަނޑު އާރަށުން ފުޓްބޯޅަ ކުޅެގެން އައި ގަޑިއާ ދިމާވާތީ، ލޯންޗުން ފޭބި ގޮތަށް މަޖިލީހުގެ އިދާރާއަށް އަޅުގަނޑު ދިޔައީ ކުޅޭ ސާމާނު އަޅާފައިވާ ދަބަސް ހިފައިގެންނެވެ. މަޖިލިސް އިދާރާއަށް ވަނީ އެ ދަބަސް ސެކިއުރިޓީ ޗެކްކުރުމަށްޓަކާ ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ. ބައްދަލުވުމަށް ފަހު މަޖިލިސް އިދާރާ އިން އަޅުގަނޑު ނުކުތީ އެ ދަބަސް ކޮޑުގައި އަޅުވައިގެންނެވެ،" މިނިސްޓަރު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވި ގޮތުގައި މަޖިލީހުގެ އިދާރާއަށް އެެ ދަބަސް ހިފައިގެން ވަދެވަޑައިގަތީ ސެކިއުރިޓީ ޗެކްކުރުމަށްޓަކައި ސްކޭނާ އިން ސްކޭން ވެސް ކޮށްގެންނެވެ.




