ރަސްމާލެ ތަރައްގީ ކުރާނެ ގޮތުގެ ތްރީޑީ ކުރެހުމެއް: ރިއަލް އެސްޓޭޓް ބިލުން ރާއްޖޭގެ މާކެޓަށް މުޅިން އާ ކަންތައްތަކެއް ތައާރަފުކޮށްދޭ.--
ފުރަތަމަ ނަޒަރުން، ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު
މުހައްމަދު ހަލީމް 10 ނޮވެމްބަރ 2026 (އަންގާރަ)   10:45
ދިވެހިރާއްޖޭގެ ބޯހިޔާވަހިކަމާއި އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ރިއަލް އެސްޓޭޓް ވިޔަފާރިތައް ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހްމަދު އައިފާން ވަނީ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" 8 ނޮވެމްބަރު 2026 ގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. މި ބިލަކީ ރާއްޖޭގައި މިހާތަނަށް ދިމާވަމުންދިޔަ ބޯހިޔާވަހިކަމުގެ މަކަރާއި ހީލަތުގެ މައްސަލަތަކަށް ބައިނަލްއަގުވާމީ "ބެސްޓް ޕްރެކްޓިސް" ނުވަތަ އެންމެ އެދެވޭ އުސޫލުތަކުގެ އަލީގައި ދާއިމީ ހައްލެއް ހޯދައިދޭނެ، އަދި ރާއްޖޭގެ މާކެޓަށް މުޅިން އާ ކަންތައްތަކެއް ތައާރަފުކޮށްދޭ ތާރީހީ ބިލެކެވެ.

ޕްރޮޕަރޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި ސިނާއަތް ބެލެހެއްޓުން
ބިލުގެ ތިންވަނަ ބާބުގެ 35 ވަނަ މާއްދާގެ (ހ) ގެ ދަށުން "ޕްރޮޕަރޓީ ރެގިއުލޭޓަރީ އޮތޯރިޓީ" ގެ ނަމުގައި ދައުލަތުގެ ހާއްސަ އިދާރާއެއް އުފެއްދުމަށް ބިލުގައި ވަނީ ކަނޑައަޅާފައެވެ. ދުނިޔޭގެ ކުރިއަރާފައިވާ ރިއަލް އެސްޓޭޓް މާކެޓްތައް ކަމަށްވާ ދުބާއީ (RERA) އަދި ސިންގަޕޫރު (CEA) ފަދަ ގައުމުތަކުގައިވެސް މިފަދަ މިނިވަން ރެގިއުލޭޓަރީ ބޮޑީތައް އޮތުމަކީ މާކެޓުގެ އިތުބާރު ދަމަހައްޓައިދޭ މައިގަނޑު އަސާސެވެ. މި އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތަކީ ބިލުގެ 36 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ޑިވެލޮޕަރުންނާއި ބްރޯކަރުން ރަޖިސްޓްރީކުރުމާއި، މަޝްރޫއުތައް މޮނިޓަރކުރުމާއި، އަދި ގާނޫނާ ހިލާފުވާ ފަރާތްތަކާމެދު ފިޔަޅުއެޅުމެވެ. ބައިނަލްއަގުވާމީ ގާނޫނީ ހަމަތަކުގެ އަލީގައި ބަލާއިރު، މިފަދަ ސަރުކާރު އިދާރާއެއްގެ ސަބަބުން ވިޔަފާރީގެ މާހައުލުގައި ހަމަހަމަކަމާއި ދެފުށް ފެންނަ ގޮތް ބޮޑުވެގެންދާނެއެވެ.

މުދަލުގެ ދަފްތަރުން ކަށަވަރުކޮށްދޭ ގާނޫނީ ރައްކާތެރިކަން
ބިލުގެ ހަތަރުވަނަ ބާބުގެ 41 ވަނަ މާއްދާގައި ހިމެނޭ "މުދަލުގެ ދަފްތަރު" އެކުލަވާލުމަކީ ބައިނަލްއަގުވާމީ ގޮތުން އިންވެސްޓަރުންގެ އިތުބާރު ހޯދުމަށް ކޮންމެހެން ބޭނުންވާ ލޭންޑް ރެޖިސްޓްރީ ނިޒާމާ އެއްގޮތަށް ފަރުމާކޮށްފައިވާ ބައެކެވެ. މި ދަފްތަރުގެ ތެރޭގައި ފްރީހޯލްޑް އަދި ލީސްހޯލްޑް ޕްރޮޕަޓީތަކުގެ ދަފްތަރުގެ އިތުރުން، އިމާރާތްކޮށް ނިމުމުގެ ކުރިން ކުރެވޭ މުއާމަލާތްތަކަށް ހާއްސަ "ޕްރޮވިޝަނަލް މުދަލުގެ ދަފްތަރު" ހިމެނެއެވެ. ބައިނަލްއަގުވާމީ ގާނޫނީ އުސޫލުތަކުގައި "އޮފް-ޕްލޭން" ކޮށް ވިއްކާ ތަންތަން ބިލުގެ 43 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިން މިފަދަ ޕްރޮވިޝަނަލް ދަފްތަރެއްގައި ރަޖިސްޓްރީ ނުކުރާހާ ހިނދަކު އެއީ ސައްހަ މުއާމަލާތެއް ކަމަށް ނުބެލެވޭނެއެވެ. މިއީ ޕްރޮޕަޓީ ގަންނަ ފަރާތްތަކުގެ ހައްގުތައް ގާނޫނީ ގޮތުން ރައްކާތެރިކޮށްދީ، މިލްކުވެރިކަމުގެ ޔަގީންކަން ކަށަވަރުކޮށްދޭ އެންމެ މަތީ މިންގަނޑެވެ.

ދަފްތަރަށް އުނި އިތުރު ގެނައުމާއި އޭގެ ބޭނުން
ބިލުގެ 47 ވަނަ މާއްދާގައި ދަފްތަރުގައި ހިމެނޭ މައުލޫމާތަށް އުނިއިތުރު ގެނައުން ނުވަތަ ރަޖިސްޓްރޭޝަން ރިސެޓްވުމުގެ މުހިންމު އުސޫލުތަކެއް ބަޔާންކޮށްފައިވާއިރު، މިއީ މާކެޓުގެ ހަގީގީ ހާލަތު ދެނެގަތުމަށް ކޮންމެހެން ބޭނުންތެރި ނިޒާމެކެވެ. ދަފްތަރުގައިވާ މައުލޫމާތަށް އުނިއިތުރު ގެނެވެނީ ނުވަތަ ރިސެޓް ކުރެވެނީ ކުށެއް އިސްލާހުކުރުމަށް ނުވަތަ މުދަލުގެ މިލްކުވެރިކަމަށް ނުވަތަ ހާލަތަށް ގާނޫނީ ބަދަލެއް އައުމުން ކަމަށްވާއިރު، މީގެ ސަބަބުން މާކެޓުގެ ސައްހަކަން ހިފެހެއްޓި، އެވަގުތަކު މާކެޓުގައި އޮތް ހަގީގީ ހާލަތު ސާފުކޮށް އެނގެން އޮވެއެވެ.

މީގެ އިތުރުން، ޕްރޮޕަޓީއެއްގެ މިލްކުވެރިކަން ބަދަލުވުމުން ނުވަތަ ޕްރޮވިޝަނަލް ރަޖިސްޓްރީއަކުން ދާއިމީ ރަޖިސްޓްރީއަކަށް ބަދަލުވާއިރު ދަފްތަރު އަދާހަމަ ނުކުރެވިއްޖެނަމަ، އެއް ޕްރޮޕަޓީއެއް ދެ ފަރާތަކަށް ވިއްކުން ފަދަ އޮޅުންތަކާއި މަކަރު ހީލަތުގެ ޖަރީމާތައް ހުއްޓުވުމަށް މިއީ އެންމެ ބޮޑު ބާރަކަށް ވެގެންދެއެވެ. ހަމައެއާއެކު، ޕްރޮޕަޓީއެއް ރަހުނުކޮށްގެން ލޯނު ދޫކުރާ ބޭންކުތަކަށާއި އިންވެސްޓަރުންނަށް އެ މުދަލުގެ ހަގީގީ ގާނޫނީ ހާލަތު ސާފުކޮށް އެނގެން އޮތުމަކީ ގާނޫނީ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުކޮށްދޭނެ ކަމެކެވެ.

ދިވެހިރާއްޖެއަށް އަލަށް ތައާރަފުކުރެވޭ މުހިންމު ކަންކަން
މި ބިލުގެ ދަށުން ދިވެހިރާއްޖޭގެ ރިއަލް އެސްޓޭޓް މާކެޓަށް މުޅިން އާ، ގާނޫނީ ބޮޑެތި ބަދަލުތަކެއް ތައާރަފުވެގެންދެއެވެ. އެގޮތުން ބިލުގެ 28 ވަނަ މާއްދާއާއި 56 ވަނަ މާއްދާގެ ދަށުން ރާއްޖޭގެ މާކެޓަށް އަލަށް ތައާރަފުކުރެވޭ "އެސްކްރޯ އެކައުންޓް" ގެ ނިޒާމަކީ ފާހަގަކޮށްލެވޭ އެންމެ ބޮޑު ކުރިއެރުމެވެ. ބިލުގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރިއަލް އެސްޓޭޓް ޕްރޮޕަޓީއެއް ވިއްކަންވާނީ ސޭލް އެންޑް ޕަރޗޭސް އެއްބަސްވުމެއްގެ ދަށުން ކަމަށްވާއިރު، ބިލުގެ 54 ވަނަ މާއްދާގެ (ހ) ގެ ދަށުން ބުކިން ފީގެ ގޮތުގައި ޕްރޮޕަޓީގެ ޖުމްލަ އަގުގެ 10 އިންސައްތައަށްވުރެ އިތުރުނުވާ އަދަދެއް ނެގުމަށްފަހު، އޮފް-ޕްލޭންކޮށް ވިއްކާ ތަންތަން ބޭންކެއްގައި ހުޅުވާފައިވާ ހާއްސަ އެސްކްރޯ އެކައުންޓެއްގައި ބަހައްޓަންޖެހެއެވެ. ހާއްސަކޮށް، ބިލުގެ 48 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުން މަޝްރޫއެއް ރަޖިސްޓްރީކުރުމުގެ ކުރިން އެއްވެސް ސިފައެއްގައި އިޝްތިހާރުކުރުމާއި ބުކިން ބަލައިގަތުން ސީދާ މަނާވުމަކީ، ކުރެހުންތަކެއް ދައްކައިގެން އާންމުން އޮޅުވާލުން ހުއްޓުވާނެ އާ ސިޔާސަތެކެވެ.

ހަމައެއާއެކު، ބިލުގެ ހަތްވަނަ ބާބާއި 69 ވަނަ މާއްދާގެ ދަށުން ބަންޑާރަ ބިމުގައި ނުވަތަ އަމިއްލަ ބިމުގައި ރިއަލް އެސްޓޭޓް މަޝްރޫއުތައް ހިންގުމަށް ހުއްދަދޭއިރު، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ އިދާރާތަކާ ގުޅިގެން ޖޮއިންޓް ވެންޗާ އުސޫލުން މަޝްރޫއުތައް ކުރިއަށްގެންދިއުމަށް ބިލު ފުރިހަމައަށް ތަންދެއެވެ. މީގެ އިތުރުން، ބިލުގެ 30 ވަނަ މާއްދާގެ ދަށުން އިޖުތިމާއީ އަދި އާންމު އިންފްރާސްޓްރަކްޗާ ތަރައްގީކުރުމަށްޓަކައި، މަޝްރޫއުތަކުގެ ތެރޭގައި ސީއެސްއާރު ކޮމްޕޯނަންޓްތައް ހިމެނުމަށް މިނިސްޓަރަށް ބާރު ލިބިދީފައިވެއެވެ. އަދި ބިލުގެ ދިހަވަނަ ބާބުގެ ދަށުން ރިއަލް އެސްޓޭޓް ބްރޯކަރުންނާއި، އޭޖެންޓުން (121 ވަނަ މާއްދާ) އަދި ޕްރޮޕަޓީގެ ހަގީގީ ބާޒާރު އަގު ކަނޑައަޅާ ހާއްސަ މާހިރުން ކަމަށްވާ  އަގުކުރާމީހުން ނުވަތަ ވެލިއަރުން (132 ވަނަ މާއްދާ) ލައިސަންސްކޮށް، ބިލުގެ 127 ވަނަ މާއްދާގެ ދަށުން ސުލޫކީ މިންގަނޑެއް ހިފަހައްޓަންޖެހޭ ގޮތަށް ހެދުމަކީވެސް ރާއްޖޭގެ މާކެޓް ހަރުދަނާކުރުމަށް އަލަށް ތައާރަފުކުރެވޭ ވަރަށް މުހިންމު ބައިނަލްއަގުވާމީ އުސޫލެކެވެ.

ކުލީގެ މުއްދަތު، 99 އަހަރުގެ އެގްރީމެންޓް އަދި ލީސްހޯލްޑް "ރިސެޓް" ނިޒާމު
މި ބިލުގެ ދަށުން ޕްރޮޕަޓީތައް ކުއްޔަށް ދިނުމާއި ލީސްހޯލްޑް ރައިޓްސް ބަދަލުކުރުމުގައި ބައިނަލްއަގުވާމީ ގޮތުން ދިގުމުއްދަތަށް ދޫކުރާ މޮޑެލްތަކަށް ރިއާޔަތްކޮށްފައިވެއެވެ. ބިލުގެ 25 ވަނަ މާއްދާގައި ބަޔާންކުރާ ގޮތުން، ޕްރޮޕަޓީއެއް ގަންނަ ކޮންމެ ފަހަރަކު 99 އަހަރާ ހަމައަށް ދެމިގެންދާ ދިގު މުއްދަތުގެ ކުލީގެ އެގްރީމެންޓެއް  ލިބުމުގެ ގާނޫނީ ފުރުސަތު ހުޅުވިގެންދެއެވެ. މިއީ އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ ގައުމުތަކުގައި ބޭނުންކުރާ އެންމެ ކާމިޔާބު އެއް އުކުޅެވެ.

ހާއްސަކޮށް، ބިލުގެ 43 ވަނަ މާއްދާއާއި ލީސްހޯލްޑް އުސޫލުތަކަށް ބަލާއިރު، ދިގު މުއްދަތުގެ ކުލީގެ ބިންތަކުގައި ޕްރޮޕަޓީ ގަންނައިރު، އެ މުއްދަތު ހަމަވުމުން ނުވަތަ ވަކި މަރުހަލާއެއްގައި ކުލީގެ މުއްދަތު އަލުން "ރިސެޓް" ކުރެވޭނެ ނުވަތަ އާ ކުރެވޭނެ ސާފު މެކޭނިޒަމެއް އޮތުމަކީ ބޭރުގެ ބޮޑެތި އިންވެސްޓަރުންނާއި ބޭންކުތަކަށް އެ ޕްރޮޕަޓީގެ ދިގު މުއްދަތުގެ އަގު ހިފެހެއްޓުމަށް ކޮންމެހެން ބޭނުންވާ ސިޔާސަތެކެވެ. މީގެ ސަބަބުން ގަންނަ ފަރާތަށް އެ މުއްދަތުގެ ތެރޭގައި ޕްރޮޕަޓީ ރަހުނުކުރުމާއި، ވިއްކުމާއި، އަދި ސަބް-ލީސް ކުރުމުގެ ފުރިހަމަ ގާނޫނީ ޔަގީންކަން ލިބިދެއެވެ.

އިންޓެގްރޭޓެޑް ޒޯންތަކާއި ދީނީ ގޮތުން މަނާކުރެވޭ ސޫދުގެ ވިޔަފާރިތަކުގެ ގާނޫނީ ހުރަސްތައް
ބިލުގެ އަށްވަނަ ބާބުގެ 76 ވަނަ މާއްދާގައި ބަޔާންކުރާ އިންޓެގްރޭޓެޑް ރިއަލް އެސްޓޭޓް ޒޯންތަކަކީ ބޮޑެތި މެގާ-ޕްރޮޖެކްޓްތަކަށް މަގުފަހިކުރުމަށްޓަކައި ބައިނަލްއަގުވާމީ އިގުތިސޯދީ ޒޯންތަކުގެ މޮޑެލްއަށް އެކުލަވާލާފައިވާ ބައެކެވެ. ނަމަވެސް، ބިލުގެ 96 ވަނަ މާއްދާއާއި 98 ވަނަ މާއްދާގެ ދަށުން މި ޒޯންތަކުގައިވެސް ގައުމީ ސަލާމަތާއި، ސިޔާދަތީ ބާރު ހިނގުމާއި، އަދި ބިލުގެ 97 ވަނަ މާއްދާގެ ދަށުން ދިވެހިންނަށް އިސްކަންދިނުން ފަދަ މާއްދާތައް ހިމަނާފައިވުމަކީ ގައުމީ މަސްލަހަތު އިސްކޮށްފައިވާ ވަރަށް މުހިންމު ސިޔާސަތެކެވެ.

ހަމައެއާއެކު، ބިލުގެ 2 ވަނަ މާއްދާގެ (ހ) ގެ ދަށުން ރާއްޖޭގައި ކުރެވޭ ރިއަލް އެސްޓޭޓް ވިޔަފާރިތަކުގައި އިސްލާމީ ޝަރީއަތާ ހިލާފު އެއްވެސް ކަމެއް ނުކުރެވޭނެ ގޮތަށް ބިލު ފަރުމާކޮށްފައިވުމަކީ ދިވެހިރާއްޖޭގެ ސަގާފަތާއި ދީނީ ސިފަތައް ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި، ބައިނަލްއަގުވާމީ ހަލާލް ރިއަލް އެސްޓޭޓް މިންގަނޑުތަކަށް ފެތޭ ކަމެކެވެ. މިގޮތުން، އިސްލާމީ އުސޫލުތަކާ ހިލާފުވާ ފަދަ ސޫދު ނުވަތަ އިންޓްރެސްޓް/ރިބާ ހިމެނޭ މުއާމަލާތްތައް ހިމެނޭ ވިޔަފާރިތަކާއި، ގާނޫނާއި ދީނުގައި މަނާކުރެވިފައިވާ ކަންކަމަށް ރިއަލް އެސްޓޭޓް ޕްޕޮޕަޓީތައް ބޭނުންކުރުމާއި އެފަދަ ވިޔަފާރިތައް ހިންގުން ސީދާ މި ބިލުގެ ދަށުން މަނާވެގެންވެއެވެ. ހާއްސަކޮށް، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނީ ހަމަތަކުގެ ތެރެއިން، އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން ބިނާކުރުމަށް ރިއަލް އެސްޓޭޓް ބިންތައް ދޫކުރުމާއި، އިސްލާމީ އުސޫލުތަކާ ހިލާފަށް ރލާއި، އޫރުމަސް ވިއްކުމާއި، ޖުވާ ކުޅޭ މަރުކަޒުތައް ނުވަތަ ކެސިނޯ ހިންގުން ފަދަ ދިވެހި މުޖުތަމައުގެ އަގުތަކާ ފުށުއަރާ އެއްވެސް ހަރަކާތަކަށް ޕްރޮޕަޓީތައް ބޭނުންކުރުން މި ބިލުގެ ދަށުން ސީދާ މަނާވެގެންވެއެވެ. އަދި ބޭންކުތަކުން އެސްކްރޯ އެކައުންޓުގައި ބަހައްޓާ ފައިސާއަށް ސޫދު އިތުރުކުރުން މަނާވުމަކީވެސް މާކެޓް ސައްހަ އިސްލާމީ ހަމަތަކުގައި ހިފެހެއްޓުމަށް އެޅޭ ވަރުގަދަ ހުރަހެކެވެ.

ކޮރަޕްޝަން ހުއްޓުވުމާއި "ކޫލިން -އޮފް" މަރުހަލާ
ބިލުގައި ހިމެނޭ އެންމެ ހަރުދަނާ އެއް ސިޔާސަތަކީ ބިލުގެ 37 ވަނަ މާއްދާގެ (ކ) ގެ ދަށުން ތައާރަފުކުރާ "ކޫލިން -އޮފް" ޕީރިއަޑް ނުވަތަ މަގާމުން ވަކިވުމަށްފަހު ރިއަލް އެސްޓޭޓް ދާއިރާގެ މަސައްކަތް ކުރުން މަނާވާ މަރުހަލާއެވެ. މި މާއްދާގައިވާ ގޮތުން، ޕްރޮޕަރޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) މަގާމުން ވަކިވާ ތާރީހުން ފެށިގެން 1 އަހަރު ދުވަސް ވަންދެން، މި ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އެއްވެސް ރިއަލް އެސްޓޭޓް ކުންފުންޏެއްގެ ވަޒީފާއެއް، ޑިރެކްޓަރުކަމެއް ނުވަތަ ހިއްސާދާރުކަމެއްވެސް އަދާކުރުން މަނާވެގެންވެއެވެ. މިއީ ބައިނަލްއަގުވާމީ ގޮތުން ސަރުކާރުގެ ނުފޫޒުގަދަ މަގާމުތަކުގައި ތިބޭ ފަރާތްތަކުން އަމިއްލަ މަންފާއަށްޓަކައި ވިޔަފާރިތަކަށް އެހީވުން ހުއްޓުވުމަށް ސިންގަޕޫރާއި އިނގިރޭސިވިލާތުގައި އެންމެ މަތީ ފެންވަރުގައި ހިފަހައްޓާ ޕްރެކްޓިސްތަކެވެ.

ބިލުގެ ޖޫރިމަނާގެ ނިޒާމާއި ބައިނަލްއަގުވާމީ މާކެޓްތަކުގެ އަޅާކިޔުމެއް
ބިލުގެ 116 ވަނަ މާއްދާއާއި 142 ވަނަ މާއްދާގެ ދަށުން ގާނޫނާ ހިލާފުވާ ފަރާތްތަކަށް ކަނޑައަޅާފައިވާ 1 ލައްކަ ރުފިޔާއާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ ޖޫރިމަނާއަކީ ރާއްޖޭގެ މާހައުލަށް ބަލާއިރު ބޮޑު އަދަދެއް އަދަދެކެވެ. ނަމަވެސް، ރިއަލް އެސްޓޭޓް ފަދަ ބިލިއަން ރުފިޔާގެ މުއާމަލާތްތައް ހިނގާ ސިނާއަތެއްގައި މިއީ އެންމެ އެކަށީގެންވާ ކުށް ކުރުން ހުއްޓުވުމުގެ ބާރަކަށް ވާނެތޯ ސުވާލު އުފެދެއެވެ. ބައިނަލްއަގުވާމީ ގޮތުން އެންމެ ކުރިއަރާފައިވާ ސިންގަޕޫރުގެ ރިއަލް އެސްޓޭޓް މާކެޓަށް ބަލާއިރު، އެ ގައުމުގެ ގާނޫނާ ހިލާފަށް ނުވަތަ ލައިސަންސް ނެތި ރިއަލް އެސްޓޭޓް ވިޔަފާރިއެއް ހިންގައިފިނަމަ، އެ ފަރާތެއް 75,000 ސިންގަޕޫރު ޑޮލަރުން (ގާތްގަނޑަކަށް 8.5 ލައްކަ ދިވެހި ރުފިޔާއިން) ޖޫރިމަނާކުރުމާއެކު 3 އަހަރުގެ ޖަލު ހުކުމެއް އާދެއެވެ. ހަމައެއާއެކު، އިނގިރޭސިވިލާތުގައި މަނީ ލޯންޑްރިން ނުވަތަ ކޮންސިއުމަރ ޕްރޮޓެކްޝަން ގަވާއިދުތަކާ ހިލާފުވާ ރިއަލް އެސްޓޭޓް އެޖެންޓުންނަށް، އެ މުއާމަލާތެއްގެ ޖުމްލަ އަގަށް ނުވަތަ ކުންފުންޏުގެ އަހަރީ އާމްދަނީއަށް ބިނާކޮށް ވަކި ލިމިޓެއް ނެތް ބޮޑެތި ޖޫރިމަނާތައް ކުރެއެވެ.

މި ދެ ގައުމުގެ ގާނޫނީ ހަމަތަކަށް ބަލާއިރު، ބޮޑެތި ޑިވެލޮޕަރުންނަށް 1 މިލިއަން ރުފިޔާއަކީ ޕްރޮޖެކްޓެއްގެ ވަރަށް ކުޑަ އިންސައްތައަކަށް ވާތީ، ގާނޫނު މުގުރާލުމަށްފަހު ޖޫރިމަނާ ދެއްކުމަކީ އެފަރާތްތަކަށް މާ ބޮޑު ތަކުލީފަކަށް ނުވެ ހިނގައިދާނެއެވެ. އެހެންކަމުން، ރާއްޖޭގެ ބިލު ފުރިހަމަވެގެން އަންނައިރު، ހަމައެކަނި ފިކްސްޑް ނުވަތަ ވަކި ވަރެއް ކަނޑައެޅިފައިވާ ޖޫރިމަނާއެއްގެ ބަދަލުގައި، ސިންގަޕޫރާއި އިނގިރޭސިވިލާތެކޭ އެއްފަދައިން، ކުރާ ކުށުގެ ސަބަބުން އާންމުންނަށް ލިބޭ ގެއްލުމުގެ ނިސްބަތުން ނުވަތަ ޕްރޮޖެކްޓުގެ ޖުމްލަ އަގަށް ބިނާކޮށް ޖޫރިމަނާގެ އަދަދު މަތިކުރެވޭނެ "ސްކޭލަބަލް ފައިންސް" ނުވަތަ ކުރާ ކުށުގެ ނިސްބަތުން ބަދަލުވާ ޖޫރިމަނާ ކުރެވޭނެ އުސޫލެއް ހިމެނުމަކީ ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްތަކާ އެއްގޮތުން މާކެޓް ހިމާޔަތްކުރުމަށް އެޅޭނެ އެންމެ ފުރިހަމަ ފިޔަވަޅެވެ.

ގާނޫނު ތަންފީޒުކުރުމާއި "އިންތިގާލީ މަރުހަލާ"
ބިލުގެ އެންމެ ފަހު ބާބުގެ 160 ވަނަ މާއްދާގައި ބަޔާންކުރާ "އިންތިގާލީ މަރުހަލާ" އަކީ މާކެޓް އެއްކޮށް ހުއްޓުމަކަށް ނުގެސް، އޮމާންކަމާއެކު އާ ގާނޫނީ ނިޒާމަށް ބަދަލުވުމަށް ބައިނަލްއަގުވާމީ ގޮތުން ބޭނުންކުރާ ވަރަށް މުހިންމު އުސޫލެކެވެ. މި މާއްދާގެ ދަށުން، ގާނޫނަށް އަމަލުކުރަން ފަށާއިރު މިހާރު ހިނގަމުންދާ ރިއަލް އެސްޓޭޓް މަޝްރޫއުތަކަށާއި، މިހާރު ދާއިރާގައި މަސައްކަތްކުރާ ބްރޯކަރުންނާއި އޭޖެންޓުންނަށް، އާ ގާނޫނުގެ ޝަރުތުތަކަށް ފެތުމަށާއި ލައިސަންސް ހޯދުމަށްޓަކައި އެކަށީގެންވާ ހާއްސަ މުއްދަތެއް ލިބިދެއެވެ. މިއީ މާކެޓުގައި ހަލަބޮލިކަމެއް އުފެދުމުން ސަލާމަތްކޮށް، ވިޔަފާރިތަކަށް ތައްޔާރުވުމަށް ލިބޭ ގާނޫނީ ރައްކާތެރިކަމެކެވެ.

ނިންމުން
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަކީ ރާއްޖޭގެ އިގުތިސޯދީ މުސްތަގުބަލު ބަދަލުކޮށްލާނެ ތާރީހީ ބިލެކެވެ. ބިލުގައި ބައިނަލްއަގުވާމީ އުސޫލުތަކާއި، ބެސްޓް ޕްރެކްޓިސް ފުރިހަމައަށް ހިމަނާފައިވާއިރު، ބިލު ގާނޫނަކަށް ވެގެން އަންނައިރު މީގައި ބަޔާންކުރާ އެންމެހާ އުސޫލުތަކާއި ޖޫރިމަނާތައް، ވަކި ފަރާތަކަށް ޖެހުމެއްނެތި ހަމަހަމަކަމާއެކު ތަންފީޒުކުރެވޭނެ ނިޒާމެއް ގާއިމުކުރުމަކީ މުޅި ސިނާއަތުގެ ކުރިއެރުމަށާއި އާންމު ރައްޔިތުންގެ ހައްގުތައް ކަށަވަރުކުރުމަށްޓަކައި އެޅޭނެ އެންމެ ބުއްދިވެރި ފިޔަވަޅެވެ.

ކޮމެންޓް