"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން ބޭއްވި ބޮޑު އެއްވުމުގެ ތެރެއިން – ފޮޓޯ: އަނޫފް ޖުނައިދު
ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް ބާއްވަނީ
މި އެއްވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 4 ވަނަ ދުވަހު މާލޭގައި – ގައުމީ ހަރަކާތް
ހިޝާމް ހާރޫން 15 ނޮވެމްބަރ 2026 (އާދީއްތަ)   22:13
އަންނަމަހުގެ 4 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މިއަދު ހާމަކޮށްފިއެވެ.

ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން ހާމަކޮށްފައިވަނީ، މާލޭގައި ބާއްވާ އެ އެއްވުމުގައި ބައިވެރިވާން އެހެން ރަށްތަކުން ވެސް މީހުން އަންނާނެ ކަމަށެވެ.

އަދި އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވާނެ ކަމަށް ގައުމީ ހަރަކާތުން ހާމަކޮށްފައި ވާއިރު، "ރަތް ރޮނގު" ގެ ނަމުގައި ބާއްވާ އެ ޖަލްސާ އޮންނާނީ ހުޅުމާލޭ ފޭސް ދޭއްގައި ކަމަށް ވެސް އެ ހަރަކާތުން ބުންޏެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ވެސް އެ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެ ރޭ ބޭއްވި އެ އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

"ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ކުރީގެ ލީޑަރު ޝެއިޚް އިމްރާން ޢަބްދުﷲ ވިދާޅުވީ، މި ހަރަކާތުގެ ޖަލްސާއެއް އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އޮންނާނެ ކަމަށާ، އެއަށްފަހު އަންނަ ޑިސެންބަރު މަހުގެ ހަތަރުވަނަ ދުވަހު މާލޭގައި ދެވަނަ ބޮޑު އެއްވުމެއް ވެސް އޮންނާނެ ކަމަށެވެ.

އަދި، މިހާރު ރައްޔިތުންގެ މަޖިލީހަށް މި ސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލު ފާސްކުރާ ވަގުތަކީ މި އިސްލާމީ ގައުމުގައި އެހެންދީންތަކަށް ފުރުސަތުލިބި ދިވެހިންގެ ގައުމިއްޔަތު ފުނޑުފުނޑުވެ ދިވެހިވަންތަކަން ގެއްލިގެންދާނެ ވަގުތު ކަމަށް ވެގެންދާނެކަމަށް ވެސް ޝެއިޚް އިމްރާން ވިދާޅުވިއެވެ.

"ދިވެހި ގައުމިއްޔަތު ފުނޑުފުނޑުވެ، އެއްކޮށް ބިމާ ހަމަވެ ރައްޔިތުންގެ ބާރުގެއްލި، ދިވެހިންގެވެރިކަން ގެއްލިގެން ދިޔުމުގެ ފުރުސަތު އޮތް ކަމެއް މިއީ. އެހެންވީމާ އަޅުގަނޑުމެން މިއަދު އަތްފައިގާ ބާރުހުރެ އަޅުގަނޑުމެން އަތުގައި މިކަން ހުއްޓުވުމުގެ ކުލަދާނަކަމާ ގާބިލްކަން އޮވެ، އަޅުގަނޑުމެން ދޫކޮށްލައިފި ކަމަށްވާނަމަ ފަހުން ހިތާމަ ކުރުމުގެ އެއްވެސް މާނައެއް ނެތް." – ޝެއިޚް އިމްރާން

މިގައުމުގެ ރައްޔިތުން ތިބީ، ދިވެހިރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކުގެ މީހުން ހާއްސަކޮށް ޒަޔަނިސްޓުން މިރާއްޖޭގައި ވަޒަންވެރިވެ ވިޔަފާރި ކުރުމާ ދެކޮޅަކަށް ކަން ޔަގީންކަމަށް ވިދާޅުވެ ޝެއިޚް އިމްރާން ވިދާޅުވީ، ރައީސް މުއިއްޒު އަޅުގަނޑުމެންގެ ގައުމު މިވިއްކާލަނީ މިއަދު، އޭގެން އެއްވެސް ފައިދާއެއް ރައްޔިތަކަށް ނުލިބޭ. ފައިދާ ލިބެނީ ރައީސް މުއިއްޒުއާ އެމަނިކުފާނާ އެކުގައި އުޅުއްވާ ބްރަދަރ އަބްދުﷲ މެން ބޭފުޅުންނަށް ކަމަށެވެ.

ގައުމީ ހަރަކާތުގެ އިސް ސަފުގައި ހުންނެވި މަޝްހޫރު ގާނޫނީ ވަކީލު އަދި ކުރީގެ މަޖިލިސް މެންބަރު އަލީ ހުސެއިން ވިދާޅުވީ، ބޭރުގެ ފަރާތްތައް ރާއްޖޭގައި ވަޒަންވެރި ކުރުވައިފިނަމަ، އޭގެ އެންމެބޮޑު އުނދަގުލެއް، އެންމެބޮޑު ނުރައްކަލެއް ޖެހޭނީ ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކަށް ކަމަށާ، އެހެންކަމުން އެހާލަތައް ދިއުމުގެ ކުރިން އެކަން ހުއްޓުވުމަށް ދުރާލާ، ކުރިޔާލާ ސަލާމަތީ ބާރުތަކަށް ގޮވާލާ ކަމަށެވެ.

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފް ޒާކިރް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ދިމާވާ އެންމެ ބޮޑު އެއް ދައްޗަކީ ވެރިކަމުގެ ބާރާއި އަދުލު އިންސާފުގެ ބާރު ޖަވާބުދާރީކުރުވަން މަޖިލީހާ މަތިކޮށްފައި އޮތް ބާރު ގެއްލި، އެ ބާރު އެހެން ބާރަކާ މަސްހުނިވެ ހިނގަމުންދާ ދިއުން ކަމަށާ، ރައްޔިތުންގެ މަޖިލީހަކީ ވަކި މީހަކު ކޮންޓްރޯލްކުރާ ތަނަކަށްވެ، ގާނޫނުއަސާސީގައި ބަޔާންކުރާ ދައުލަތުގެ ތިން ބާރުގެ މަފްހޫމު ގެއްލި، ރައްޔިތުންގެ ވިސްނުމާ ހިލާފަށް އެންމެ މީހަކު ބޭނުންވާ ގޮތަށް ކަންކަން ނިންމަމުން ދިއުމަކީ ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށެވެ.

"ވެރިކަމުގެ ނިޒާމާއި، އަދުލު އިންސާފުގެ ބާރު، މި ދެ ބާރު ވެސް އެކައުންޓެބަލްކުރުން ނުވަތަ ޗެކް މި އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ މައްޗަށް ދޫކޮށްލެވިފައި، އެހެން ނަމަވެސް އެ ޗެކް އެއްކޮށް ގެއްލި އެ ބާރު އެހެން ބާރަކާ މަސްހުނިވެ ހިނގަމުންދާ ދިއުން މިއަދު އަޅުގަނޑުމެންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން،" – މައުރޫފް

މާޒް ސަލީމް ވިދާޅުވީ، އަލައްބާރާ ހެންލީ އެންޑް ޕާޓްނާޒް ބުނާހާގޮތަކަށް ރާއްޖޭގެ ގާނޫނުތަކަށް ރައީސް މުއިއްޒު މިގެންދަނީ ބަދަލުގެންނަމުން، އެހެން އެކަން ކުރުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު އަދި އަދި ދީނީ އެއްބައިވަންތަކަމަށް މިދަނީ ނުރައްކާވަމުން ކަމަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ގޮވާލަމުން ދަނިކޮށް، މި މައްސަލައިގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު މިދިޔަ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވެފައި ވެއެވެ.

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހުއެވެ.

ޓޫރިޒަމާ ބެހޭ ގާނޫނުގެ އަށްވަނަ މާއްދާގައިވާ ގޮތުން، 99 އަހަރުގެ ކުއްޔަށް ދޫކުރާ ތަނެއްގެ މުއްދަތު ހަމަވުމުން، އެ ތަނަކަށް ކޮށްފައިވާ އިންވެސްޓްމަންޓުގެ އަގުން ޑިޕްރިސިއޭޝަން އުނިކުރުމަށްފަހު ޖެހޭ އަދަދު ސަރުކާރުން އިންވެސްޓަރަށް ދައްކަންޖެހޭ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވަނީ ވިދާޅުވެފައި ކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް