
އެކަމަށް އެ ޖަމުއިއްޔާއިން ގޮވާލާފައި ވަނީ މިއަދު އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައެވެ. އެ ބަޔާނަކީ އެ ޖަމިއްޔާގެ އިލްމީ ދިރާސާތަކާއި ބަހުސްތަކާ ބެހޭ ކޮމިޓީން އެކުލަވާލި ދިރާސާ ރިޕޯޓުގެ މައްޗަށް ބިނާކޮށް ނެރެފައިވާ ބަޔާނެކެވެ.
އެ ބަޔާނުގައި ބުނެފައިވަނީ، މިހާތަނަށް ހާމަވެފައިވާ ޝަރުތުތަކުގެ މަތިން މި މަޝްރޫއު ކުރިއަށް ގެންދިއުމަކީ ދީނަށާއި ގައުމަށް އަނބުރާ އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމެއް ލިބޭނެ ކަމެއް ކަމަށާ، ޣައިރު މުސްލިމުން ދިވެހިރާއްޖޭގައި ރަށްވެހިކުރުމަށް ނުވަތަ ވަޒަންވެރިކުރުމަށް، ދިވެހިރާއްޖޭގެ އިލްމުވެރިންގެ ގުޅުމުން އެއްވެސް ގޮތަކަށް، އަދި އެއްވެސް ޝަރުތެއްގެ މަތިން ތާއީދެއް ނުކުރާ ކަމަށެވެ.
"މި މަޝްރޫއުގެ ފައިނަލް އެއްބަސްވުމުގައި ސޮއިކުރުމުން ބޮޑެތި ޝަރުއީ އިއުތިރާޒުތައް އުފެދެއެވެ. އެހެންކަމުން، މި މަޝްރޫއު މިހާރު ހުއްޓާލުމަކީ ދައުލަތުގެ ޝަރުއީ ޒިންމާއެއް ކަމުގައި އިލްމުވެރިންގެ ގުޅުމުން ދެކެމެވެ." - ބަޔާން
"ދިވެހިރާއްޖެއަކީ އެތަކެއް ގަރުނެއް ވެފައިވާ 100 ޕަސެންޓު އިސްލާމީ ގައުމެކެވެ. ގާނޫނުއަސާސީގެ 9 ވަނަ މާއްދާގެ (ރ) ގައި، މުސްލިމަކު ނޫން މީހަކަށް ދިވެހި ރައްޔިތަކަށް ނުވެވޭނެ ކަމަށާއި، 10 ވަނަ މާއްދާގައި، ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި، އިސްލާމްދީނުގެ ހުކުމަކާ ހިލާފު ގާނޫނެއް ހެދިގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ. ޣައިރު މުސްލިމުންގެ ދާއިމީ އާބާދީއެއް އުފެދިގެން ދިއުމަކީ، މި ދެ އަސާސަށް ބުރޫއަރާ، އަދި އަނބުރާ އިއާދަ ނުކުރެވޭނެ ކަމެއް،" - ބަޔާން
މަޝްރޫއު ހުއްޓާލަން ގޮވާލި މައިގަނޑު ސަބަބުތައް:
ދުލުން ދޭ ޔަގީންކަމަކީ ގާނޫނީ ހިމާޔަތެއް ނޫން:
ރަސްމާލޭގައި ރަލާއި އޫރުމަހާއި ކެސިނޯ ހުއްދަ ނުކުރާނެ ކަމަށާއި، ލީސް އޮޓޮމެޓިކުން އާ ނުވާނެ ކަމަށާއި، އިސްރާއީލީންނަށް ޕްރޮޕަޓީ ނުގަނެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވާ ޔަގީންކަމަށް އިލްމުވެރިންގެ ގުޅުމުން ވަނީ މަރުހަބާ ކިޔާފައެވެ. އެހެންނަމަވެސް، ލީސްއާއި އެ ސަރަހައްދުގައި ހިނގާނެ ގަވާއިދާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ހައުސިން ވަޒީރުގެ ބަޔާންތައް ފުށުއަރާކަން އެ ޖަމުއިއްޔާއިން ފާހަގަކުރި އެވެ.
"ދުލުން ދެވޭ ޔަގީންކަމަކީ ގާނޫނީ ހިމާޔަތެއް ނޫނެވެ. ފަހުން އަންނަ ސަރުކާރުތަކަށް ލާޒިމުވާނީ، ހާމަކުރެވޭ އެއްބަސްވުމާއި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުގައި ލިޔެވޭ ކަންކަމެވެ،" އިލްމުވެރިންގެ ގުޅުމުގެ ބަޔާނުގައިވެ އެވެ.
އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރު އިޒްރޭލާއެކު ބާއްވާ ގުޅުންތަކަށް އަލިއަޅުވާލަމުން، އިލްމުވެރިންގެ ގުޅުމުން ބުނީ ރަސްމާލޭގައި އިސްރާއީލީން ވަޒަންވެރިކުރުވަން ރާވާފައިވާ ކަމުގެ ހެއްކެއް ނުފެނުނު ނަމަވެސް، ހެއްކެއް ނެތުމަކީ އެކަން ނުވާނެ ކަމުގެ ޔަގީންކަމެއް ނޫން ކަމަށެވެ.
އެހެންކަމުން، އިސްރާއީލީންނަށް ރާއްޖޭގެ އެއްވެސް ބިމަކުން ހައްގެއް ދިނުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ގާނޫނުން ކަނޑައަޅަން ޖެހޭ ކަމަށް ބަޔާނުގައިވެ އެވެ.
ރިއަލް އެސްޓޭޓް ބިލަށް ގެންނަންޖެހޭ މައިގަނޑު އިސްލާހު:
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލު" ގައި ރަލާއި ޖުވާއާއި އެހެން ދީންތަކުގެ އަޅުކަންކުރާ ތަންތަން މަނާކޮށްފައިވުމަށް އިލްމުވެރިންގެ ގުޅުމުން ޝުކުރު އަދާކުރި ނަމަވެސް، ބިލުގައި ހުރި އެންމެ ބޮޑު ހުސްކަމަކީ ޕްރޮޕަޓީ ގަންނަ ފަރާތުގެ ދީނާ ގުޅޭ ޝަރުތެއް ނެތުން ކަމަށް ބުނެފައިވެ އެވެ.
އެ ޖަމުއިއްޔާއިން ހުށަހަޅާފައިވަނީ ދިރިއުޅުމަށް ތަރައްގީކުރާ ޕްރޮޕަޓީ މިލްކުކުރެވޭނީ ހަމައެކަނި ދިވެހިންނަށާއި، ދިވެހި ރައްޔިތަކަށް ވުމުގެ ޝަރުތުތައް (ދިވެހި ބަސް އެނގުން ފިޔަވައި) ފުރިހަމަވާ މުސްލިމުންނަށް އެކަނި ކަމަށް ބިލުގައި ލިޔުމަށެވެ.
އަދި 99 އަހަރުގެ މުއްދަތު ގުނާނީ ދައުލަތުން ފުރަތަމަ ދޫކުރި ތާރީހުން ކަމަށާއި، ވިއްކުމުން ނުވަތަ ވާރުތަވުމުން އެ މުއްދަތު އަލުން ނުފެށޭނެ ގޮތަށް ބިލު އިސްލާހުކުރުމަށް ވެސް ގޮވާލާފައިވެ އެވެ.
"މިއަދު، ފައިނަލް އެއްބަސްވުމެއް ނެތެވެ. ބިލު އަދި މަޖިލީހުން ފާސްވެފައެއް ނުވެއެވެ. އެއްވެސް ޕްރޮޕަޓީއެއް ވިއްކާފައެއް ނުވެއެވެ. އެހެންކަމުން، ބަދަލު ގެނައުމުގެ ނުވަތަ ހުއްޓާލުމުގެ ފުރުސަތު، އެންމެ ކުޑަ ހަރަދަކުން، މިއަދު ދައުލަތަށް ލިބިގެންވެއެވެ. އެ ފުރުސަތު ދުވަހުން ދުވަހަށް ދާނީ ގެއްލެމުންނެވެ." ބަޔާނުގައި ބުނެފައިވެ އެވެ.
މި ބަޔާނަކީ ސިޔާސީ ބަޔާނެއް ނޫން ކަމަށާއި، ބޭރުގެ އިންވެސްޓްމަންޓަށް ނުވަތަ އަރަބި އަޚުންނަށް ދެކޮޅުހެދުމެއް ވެސް ނޫން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެ އެވެ. އަދި ގައުމު ދަރަނީގެ ބުރައިން މިނިވަންކުރުމަށް ސަރުކާރުން ކުރާ މަސައްކަތް އަގުވަޒަންކުރާ ހިނދު، އިގުތިސާދީ ތަނަވަސްކަން ހޯދަންވާނީ ދީނާއި ގައުމީ އައިޑެންޓިޓީ ދޫނުކޮށް ކަމަށް އެ ޖަމުއިއްޔާއިން ވަނީ ގޮވާލާފަ އެވެ.




