
މި ބިލުގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ހަރުދަނާ އުސޫލުތަކެއް ކަނޑައެޅުން ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މި ބިލުގައިވާ ގޮތުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި މަތީ މަރުހަލާގެ ކޯޓުތަކުން މައްސަލަ ބަލައި ނިހާއީ ހުކުމަކަށް ވާސިލުވެގެން މެނުވީ މަރުގެ އަދަބު ކަނޑަނޭޅޭނެ ކަމަށާ، އަދި ޝަރީއަތުގެ ހުރިހާ މަރުހަލާއެއްގައި ވަކީލެއްގެ އެހީތެރިކަން ލިބިފައިވޭތޯ ކޯޓުން ކަށަވަރުކުރަންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، އަދަބު ތަންފީޒުކުރުމުގެ ކަންކަން ބެލެހެއްޓުމަށް ހަތް މެންބަރުންގެ ހާއްސަ ޕެނަލެއް އުފައްދަންޖެހޭ ކަމަށްވެސް އެ ބިލުގައިވާއިރު، އެ ބިލުގައި ހިމެނޭ މައިގަނޑު އެހެނިހެން މުހިންމު ނުކުތާތައ: ތިރީގައި އެވަނީއެވެ:
އަދަބު ތަންފީޒުކުރާނެ ގޮތް - މަރުގެ އަދަބު ތަންފީޒުކުރާނީ ކުށްވެރިޔާގެ ފުރާނަ ނެތިކޮށްލުމަށްޓަކައި އޭނާގެ ކަރުގައި މަޅިއެއް އަޅުވައި ބާރުކުރުމަށް ފަހު، އެ މަޅީގައި އޭނާ އެލުވައިގެންނެވެ. މިކަން އަމަލީ ގޮތުން ކުރަންޖެހެނީ ކަރެކްޝަނަލް ސާވިސްއިންނެވެ.
އާއިލާއާ ބައްދަލުކުރުމާއި ވަސިއްޔަތް - އަދަބު ދިނުމުގެ ކުރިން ކުށްވެރިޔާގެ އާއިލާއާ ބައްދަލުކުރުމުގެ ފުރުސަތާއި، އެންމެ ފަހުގެ ވަސިއްޔަތްތައް ކުރުމުގެ ފުރުސަތު ދޭންޖެހެއެވެ.
ބްރޯޑްކާސްޓްކުރުން މަނާވުން - މީހެއްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރާ މަންޒަރު ނުވަތަ އަޑު އެއްވެސް ސިފައެއްގައި އާންމުކޮށް ބްރޯޑްކާސްޓްކުރުމާއި ދެއްކުން އެ ބިލުގައި ވަނީ މަނާކޮށްފައެވެ.
ވާރިސުންގެ ބައި - މަރާލެވުނު މީހާގެ ވާރިސުންގެ ތެރެއިން މަރަށް މަރު ހިފުމަށް ބޭނުންވާ މިންވަރާއި މައާފު ދިނުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި ޝަރުއީ މިންގަނޑުތަކަށް ރިއާޔަތް ކުރަންޖެހެ އެވެ. އަދި ވާރިސުންގެ ފަރާތުން ކޯޓަށް މައްސަލައެއް ހުށަހަޅައިފިނަމަ، ވަކިގޮތެއް ނިންމަންދެން އަދަބު ތަންފީޒުކުރުން ފަސްކުރަން ވެސް ޖެހެއެވެ.
ހަށިގަނޑާ ހަވާލުވުން - އަދަބު ތަންފީޒުކުރުމަށް ފަހު މައްޔިތާގެ ހަށިގަނޑު އާއިލާއާ ހަވާލުކުރަންޖެހޭއިރު، އާއިލާއިން ހަށިގަނޑާ ހަވާލުވާން ބޭނުންނުވާ ހާލަތުގައި ދައުލަތުގެ އިދާރާތަކުން އިސްލާމީ އުސޫލުތަކާ އެއްގޮތަށް ކަށުކަމާކެމީގެ ކަންކަން ހަމަޖައްސަންވާނެކަމަށް އެ ބިލުގައި ބަޔާންކޮށްފައި ވެއެވެ.
އަދި، އަދަބު ތަންފީޒުކުރަން ފެށުމަށް ފަހު، އެއްވެސް ސަބަބަކާ ހުރެ އެ އަދަބު ފުރިހަމައަށް ތަންފީޒު ނުކުރެވިއްޖެ ނަމަ، އަދަބު ތަންފީޒުކުރުން ވަގުތުން ހުއްޓާލައި، އެކަން ޕެނަލަށް އަންގަންވާނެ ކަމަށް ވެސް ބިލުގައި ބަޔާންކޮށް ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ވެއްދިއިރު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަން ވެސް ފާހަގަކޮށްލެވެއެވެ.




