ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކޮންގްރެސްގެ ތެރެއިން.-- ފޮޓޯ: ޕީއެންސީ
ޕީއެންސީ މެންބަރުންގެ އަދަދު ލައްކައަކަށް އަރައި މަޑުމަޑުން ދަށަށް
ހިޝާމް ހާރޫން 20 ނޮވެމްބަރ 2026 (ހުކުރު)   21:15
ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މެންބަރުންގެ ގޮތުގައި ލައްކައެއް ހަމަކުރިތާ 24 ގަޑިއިރު ނުވަނީސް އެ އަދަދު މަޑުމަޑުން ދަށަށް ދާން ފަށައިފި އެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ރޭ 10:37 ހާއިރު ފެނުނު ގޮތުގައި ޕީއެންސީގައި 100،083 މެންބަރުން ތިއްބެވެ.

އެކަން ފާހަގަކޮށް ޕީއެންސީން ރޭ ބުނެފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް އެއްލައްކަ މެންބަރުން ތިބި ޕާޓީއަށްވުމުގެ ޝަރަފު އެ ޕާޓީއަށް ލިބިއްޖެ ކަމަށެވެ.

"މި ޕާޓީއަށް 100،000 އަށްވުރެ ގިނަ މެންބަރުން ހަމަވީ މި ޕާޓީގެ ރައީސްގެ ސިޔާސަތުތަކަށާއި އެމަނިކުފާނުގެ ސަރުކާރުގެ މިސްރާބަށް ރައްޔިތުންގެ އޮތް އިތުބާރުގެ ސަބަބުންކަން ކަށަވަރެވެ. މިކާމިޔާބު ހާސިލުކުރުމުގައި ޕާޓީގެ ހުރިހާ މެންބަރުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު އަދާކުރަމެވެ." ޕީއެންސީން ސޯޝަލްމީޑިއާގައި ކުރި ޕޯސްޓެއްގައި ވެއެވެ.

ނަމަވެސް، މިއަދު ހެނދުނު އީސީގެ ޕޯޓަލްއިން ދެއްކި ގޮތުގައި ޕީއެންސީގައި ތިބީ 99،957 މެންބަރުންނެވެ. އަދި އޭގެ ފަހުން އެ އަދަދު ވަނީ 99,930 މެންބަރުންނަށް ތިރިވެފައެވެ. 

މިކަމާ ސޯޝަލް މީޑިއާގައި ފާޑުކިޔާ ފަރާތްތަކުން ދަނީ އެކި ގޮތްގޮތަށް ވާހަކަ ދައްކަމުންނެވެ.

"މަ ނިދަން ދިޔައިރު އެއްލައްކަ. ހެނދުނު ހޭލިއިރު ނަންބަރު ވެއްޓިއްޖެ" އެކްސްގައި މީހަކު ކުރި ޕޯސްޓެއްގައި ވެއެވެ.

"ވަޒީފާގެ ބިރުދައްކައިގެން މަޖުބޫރުކޮށްގެން ޕާޓީއަށް މީހުން ވެއްދީ.. މި ވާހަކަ ބޮޑުކޮށް ޖަހާތި، ވަތް ބާރަށް ޕާޓީއިން ވަކިވެއްޖެއޭ ކިޔާފަ" މެންބަރުން މަދުވިކަން ފާހަގަކޮށް މީހަކު ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ. 

މީގެ އިތުރުން "ސިޔާސީ ޕާޓީއެއްގައި ބޯ ގިނަވުމުގެ މާނައަކީ އެ ޕާޓީއަކަށް ގިނަ ބަޔަކު ތާއީދުކުރުމެއްނޫން" ކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ތިންހާހެއްހާ މެންބަރުން ތިބި ޕާޓީއަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން ވެއްދި ގޮތާ ގުޅޭގޮތުންވެސް އެކި ފަރާތްތަކުން ސޯޝަލްމީޑިއާގައި ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

އެގޮތުން، ޕީޕީއެމް އުވައިލުމަށްފަހު ޕީޕީއެމްގައި ތިބި ބައެއް މެންބަރުން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކުރި ކަމަށާއި، މިހާރު އޮތް އީފާސް ނިޒާމަށް ބަދަލުކުރުމުގެ ކުރިން ޕީއެންސީއަށް ބައެއް މެންބަރުން ވެއްދީ އެ މީހުންނަށް ވެސް ނޭނގި ސޮއި ފޯޖުކޮށްގެންކަންވެސް ފާހަގަކޮށްފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި ސަރުކާރަށް ތިން އަހަރު ފުރުނު ދުވަސް ކަމަށްވާ 17 ނޮވެމްބަރަށް ޕީއެންސީއަށް އެއްލައްކަ މެންބަރުން ހަމަކުރުމަށް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން، ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުވެގެން 8 މެންބަރުން އިތުރަށް ވެއްދުމަށް ބާރުއެޅިއެވެ.

އަދި ޕީއެންސީއަށް އަލަށް މެންބަރުން ވައްދާ ނިސްބަތަށް ބަލައި ވަޒީފާ ދިނުމާއި ވަޒީފާގެ ޕްރޮމޯޝަން ދިނުމުގެ ކަންތައްތަކެއް ހިންގުމުގެ އިތުރުން ފައިސާ ދީގެންވެސް މީހުން ޕާޓީއަށް ވެއްދިކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

ކޮމެންޓް