ޕީއެންސީ އާއި ބީޓީސީ، ޗާޓުން ދައްކަނީ އެއްގޮތަކަށް
"ހަމަ ގައިމުވެސް ބިޓްކޮއިން މިހާރު ހުރީ ލައްކައެއްގެ ބައިކުޅަބައެއްހާ އަގުގައި، ދެން ޕީއެންސީ ވެއްޓޭނީ ކިހާ ހިސާބަކަށް ކަމެއް ނޭނގޭ." - މާހިރުން
ހިޝާމް ހާރޫން 21 ނޮވެމްބަރ 2026 (ހޮނިހިރު)   15:53
ޕީއެންސީ (މޯލްޑިވްސް ނޭޝަނަލް ކޮންގްރެސް) އާއި ބީޓީސީ (ބިޓްކޮއިން) އެއްގޮތަކަށް މޫވްކޮށްފާނެ ކަމަށް ލަފާކޮށް އިގުތިސޯދީ އަދި ސިޔާސީ މަސްރަހު ދިރާސާކުރާ ބައެއް ފަރާތްތަކުން މިސާލު ޖައްސަވަން ފައްޓަވައިފިއެވެ.

ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އިގުތިސޯދީ މާހިރަކު ނަން ހާމަނުކުރުމަށް އެދި ފިޔެސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖޭގެ ވެރިކަން މިހާރު ކުރަމުން މިދާ ޕާޓީ ޕީއެންސީގެ ފަރާތުން މިހާރު މި އިވޭ ޚަބަރުތައް އެންމެ ވައްތަރުވަނީ ބިޓްކޮއިންގެ ޚަބަރުތަކާ ކަމަށެވެ.

"މިހާރު މި އިވެމުންދާ ޚަބަރާއި އެންމެ ވައްތަރު ޚަބަރެއް މީގެކުރިން އެހީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު. އެއީ ބިޓްކޮއިން ފުރަތަމަ ފަހަރަށް 1 ލައްކަ ޑޮލަރަށް އެރި ޚަބަރު. އެކަމާ އުފާ ފާޅުކޮށްކޮށް ތިއްބާ ދެން އެއަށްވުރެ ބާރަށް އިވުނީ ބިޓްކޮއިންގެ އަގު ކުއްލިއަކަށް 80 ހާހަށް ވެއްޓުނު ޚަބަރު." އިގުތިސޯދީ މާހިރެއް ވިދާޅުވި އެވެ. 

އިތުރު ތަފްސީލުތައް ފިޔެސް އާ ހިއްސާކުރައްވަމުން އެ ބޭފުޅާ ވިދާޅުވީ، ކްރިޕްޓޯ މާކެޓުގައި އޮންނަ "ބަމްޕް އެންޑް ޑަމްޕް" ގެ އުސޫލުފަދައިން ޕީއެންސީގެ އެތެރޭގައި މިހާރު މިހިނގާ ކަންތައް ވެސް ބިޓްކޮއިންއަށްވެ، އެންމެފަހުން ގޮސް ޖެހޭނީ ކިހާ ހިސާބަކުބާވައޭ ހިތަށް އަރާފައި އަންނަނީ ހިނި ކަމަށެވެ.

ހަމަ ގައިމުވެސް ބިޓްކޮއިން މިހާރު ހުރީ ލައްކައެއްގެ ބައިކުޅަބައެއްހާ އަގުގައި، ދެން ޕީއެންސީ ވެއްޓޭނީ ކިހާ ހިސާބަކަށް ކަމެއް ނޭނގޭ. - އިގުތިސޯދީ މާހިރެއް

އަދި އޭނާގެ ލަފަޔާ އިރުޝާދަކީ، ކްރިޕްޓޯ މާކެޓަކީ ވަރަށް އަވަހަށް ބޮޑެތި ބަދަލުތައް އަންނަ މާކެޓަކަށް ވާތީ، ކުރު މުއްދަތުގެ އަގުތަކަށްވުރެ ދިގު މުއްދަތުގެ ޓްރެންޑްތަކާއި އަމިއްލަ ރިސްކް ކެޕޭސިޓީއަށް ބެލުން މުހިންމުކަން ދަންނަން ޖެހޭނެކަން ހަނދާނުގައި ބެހެއްޓުން ކަމަށް ވެސް ވިދާޅުވިއެވެ.

ބެލެވޭ ގޮތުގައި އެބޭފުޅާ އެ އިޝާރާތްކުރެއްވީ، ވެރިކަންކުރާ ޕީއެންސީގެ ދަފްތަރުގައި އެއް ލައްކަ މެންބަރުން ހަމަވެއްޖެ ކަމަށް ބުނެ ބުރާސްފަތި ދުވަހު އުފާފާޅުކޮށްފައި ވަނިކޮށް، އެ ޕާޓީގެ މެންބަރުންގެ އަދަދު ކުއްލިއަކަށް ބޮޑުތަނުން ދަށަށް ދާންފެށުމުން އެކަމަށެވެ.

އެގޮތުން، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައިވާ މައުލޫމާތުތަކަށް ބަލާއިރު، ބުރާސްފަތި ދުވަހުގެރޭގެ ވަގުތެއްގައި ޕީއެންސީގެ މެންބަރުންގެ އަދަދު ހުރީ 100،083 ގަ އެވެ.

އެހެންކަމުން ރާއްޖޭގެ އެންމެ މެންބަރުން ގިނަ ޕާޓީއަކީ އެއީ ކަމަށް ބުނެ އެކަމާ އުފާ ފާޅުކޮށްކޮށް ތިއްބާ މިހާރު އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން ފެންނަންއޮތީ ކުއްލިއަކަށް އެ ޕާޓީން ދޮޅުހާހާ ގާތްކުރާ އަދަދަކަށް މީހުން ވަކިވެފައިވާތަނެވެ.

މައުލޫމާތު ލިބޭ ގޮތުގައި، މި ސަރުކާރަށް ތިން އަހަރު ފުރުނު ދުވަސް ކަމަށްވާ 17 ނޮވެމްބަރަށް ޕީއެންސީއަށް އެއްލައްކަ މެންބަރުން ހަމަކުރުމަށް ސަރުކާރުން ވަރަށްބޮޑަށް މަސައްކަތް ކުރިއެވެ. އެގޮތުން، ސިޔާސީ މަގާމުތަކުގައި ތިބި މީހުން މަދުވެގެން 8 މެންބަރުން އިތުރަށް ވެއްދުމަށް ބާރު ވެސް އެޅިއެވެ.

އަދި ޕީއެންސީއަށް އަލަށް މެންބަރުން ވައްދާ ނިސްބަތަށް ބަލައި ވަޒީފާ ދިނުމާއި ވަޒީފާގެ ޕްރޮމޯޝަން ދިނުމުގެ ކަންތައްތަކެއް ހިންގުމުގެ އިތުރުން ފައިސާ ދީގެން ވެސް މީހުން ޕާޓީއަށް ވެއްދިކަމަށް ބުނެ އާންމުންގެ ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ، ވަޒީފާގެ ބިރުދައްކައިގެން މަޖުބޫރުކޮށްގެން ޕާޓީއަށް މީހުން ވެއްދީ ކަމަށާ، އަދި ވަތް ވަރަށް ވުރެ ބާރަށް ޕާޓީއިން މީހުން ވަކިވަމުން ވެސް އަންނަކަމަށެވެ.

މީގެ އިތުރުން ސިޔާސީ ޕާޓީއެއްގައި ބޯ ގިނަވުމުގެ މާނައަކީ އެ ޕާޓީއަކަށް ގިނަ ބަޔަކު ތާއީދުކުރުން ނޫން ކަމަށާ، ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ތިންހާހެއްހާ މެންބަރުން ތިބި ޕާޓީއަށް ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ މީހުން ވެއްދި ގޮތާ ގުޅޭގޮތުން ސުވާލު އުފެދޭ ކަމަށް ވެސް ބައެއް މީހުން ސޯޝަލްމީޑިއާގައި ބުނެފައި ވެއެވެ.

އެގޮތުން، ޕީޕީއެމް އުވައިލުމަށްފަހު ޕީޕީއެމްގައި ތިބި ބައެއް މެންބަރުން އެ މީހުންނަށް ނޭނގި ޕީއެންސީއަށް ބަދަލުކުރި ކަމަށާ، މިހާރު އޮތް އީފާސް ނިޒާމަށް ބަދަލުކުރުމުގެ ކުރިން ޕީއެންސީއަށް ބައެއް މެންބަރުން ވެއްދީ އެ މީހުންނަށް ވެސް ނޭނގި ސޮއި ފޯޖުކޮށްގެންކަންވެސް ގިނަބަޔަކު ބުނެފައި ވެއެވެ.

ކޮމެންޓް