އިމިގްރޭޝަން ބިލު ގާނޫނަކަށްވެ ތަންފީޒުވާން ފެށުމުން، ބައިނަލްއަގްވާމީ ފެންވަރުގައިވެސް ނަމޫނާ ނިޒާމަކަށްވެގެންދާނެ.---
އިމިގްރޭޝަން ބިލު: ބައިނަލްއަގުވާމީ މިންގަނޑުތަކާއި ތަރައްގީގެ ދޮރޯށި
މުހައްމަދު ހަލީމް 17 ނޮވެމްބަރ 2026 (އަންގާރަ)   10:40
ގައުމެއްގެ ކުރިއެރުމާއި އިސްތިގުލާލު ދެމެހެއްޓުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ، ޒަމާނުގެ އޮއިވަރާއެކު ބަދަލުވަމުންދާ ދުނިޔޭގެ އިގުތިސޯދީ އަދި ސަލާމަތީ ގޮންޖެހުންތަކަށް ފައިހަމަވާނެ ހަރުދަނާ ގާނޫނީ އޮނިގަނޑެއް ލިބިފައިވުމެވެ.

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ ފަތުރުވެރިކަމާއި ވިޔަފާރީގެ މައި ހަބަކަށް ވަމުން އަންނަ ގައުމަކަށް ވީހިނދު، ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި އިމިގްރޭޝަންގެ ހިދުމަތްތަކަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކާ އެއްހަމައެއްގައި ހިނގާ، އިތުބާރު ހުރި ނިޒާމަކަށް ވާންޖެހެއެވެ. މިގޮތުން، ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލަކީ އިނގިރޭސިވިލާތް، އޮސްޓްރޭލިއާ، ކެނެޑާ، ސިންގަޕޫރު، މެލޭޝިޔާ އަދި ދުބާއީ ފަދަ ކުރިއަރާފައިވާ ގައުމުތަކުގެ ގާނޫނީ އުސޫލުތަކާއި ބައިނަލްއަގުވާމީ އެންމެ ރަނގަޅު މިންގަނޑުތަކާ އެއްހަމައަކަށް ރާއްޖޭގެ އިމިގްރޭޝަން ނިޒާމު އުފުލާލަދޭނެ ތާރީހީ އަދި އުއްމީދީ ފިޔަވަޅެކެވެ.

މުއައްސަސާގެ ގާނޫނީ ހައިސިއްޔަތާއި އިނގިރޭސިވިލާތާއި ކެނެޑާއާއި ސިންގަޕޫރުގެ ނަމޫނާ
ދުނިޔޭގެ އެންމެ ހަރުދަނާ ބޯޑަރު ކޮންޓްރޯލް ނިޒާމުތައް ގާއިމުކޮށްފައިވާ ސިންގަޕޫރުގެ އިމިގްރޭޝަން އެންޑް ޗެކްޕޮއިންޓްސް އޮތޯރިޓީއާއި، އިނގިރޭސިވިލާތުގެ އިމިގްރޭޝަން އެކްޓާއި، ކެނެޑާގެ އިމިގްރޭޝަން އެންޑް ރެފިއުޖީ ޕްރޮޓެކްޝަން އެކްޓަށް ބަލާއިރު، ބޯޑަރު ބެލެހެއްޓުމުގެ މުއައްސަސާތަކަކީ ސީދާ ގާނޫނީ ބާރުވެރިކަމާއި ހާއްސަ ޑިސިޕްލިންގެ ދަށުން ހިންގާ ޕްރޮފެޝަނަލް ހިދުމަތްތަކެކެވެ. މި އުސޫލާ އެއްގޮތަށް، ދިވެހިރާއްޖޭގެ އިމިގްރޭޝަން ބިލުގެ 5 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް އިމިގްރޭޝަނަކީ ދިވެހި ސިވިލް ސަރވިސްގައި ނުހިމެނޭ، ވަކި ހާއްސަ ޔުނީފޯމު އެޅި މަދަނީ ހިދުމަތެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. މިއީ މުއައްސަސާގެ ހައިބަތު އުފުލި، ބޯޑަރު ބެލެހެއްޓުމުގެ މަސައްކަތަށް ހާއްސަ ތަމްރީނާއި ޑިސިޕްލިން ގެނައުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ބިލުގެ 15 ވަނަ މާއްދާއާއި 21 ވަނަ މާއްދާގައި އޮފިސަރުންގެ ސުލޫކީ އަދި އަހުލާގީ މިންގަނޑުތަކާއި، ގަވާއިދުން ޑްރަގް ޓެސްޓު ހެދުމާއި، ޑިސިޕްލިނަރީ ބޯޑެއް މެދުވެރިކޮށް ފިޔަވަޅު އެޅޭނެ އުސޫލުތައް ހިމެނުމަކީ ކެނެޑާގެ ބޯޑަރ ސަރވިސަސް އޭޖެންސީ އަދި އިނގިރޭސިވިލާތުގެ ބޯޑަރ ފޯސް ފަދަ ޒިންމާދާރު މުއައްސަސާތަކުގެ ނަޒާހަތްތެރިކަމުގެ މިންގަނޑާ އެއްހަމަ ކުރިއެރުމެކެވެ

ސްމާޓް ބޯޑަރު ނިޒާމާއި އޮސްޓްރޭލިއާ އަދި އިނގިރޭސިވިލާތުގެ ޑިޖިޓަލް އުސޫލުތައް
ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ޖަމުއިއްޔާއިން ކަނޑައަޅާފައިވާ ބޯޑަރު ސަލާމަތްތެރިކަމުގެ މިންގަނޑުތަކާ އެއްގޮތަށް، އޮސްޓްރޭލިއާގެ މައިގްރޭޝަން އެކްޓާއި އިނގިރޭސިވިލާތުގެ ގާނޫނުތަކުގައި ޑިޖިޓަލް ޕްރީ-ސްކްރީނިން ނިޒާމުތަކަށް ހާއްސަ އިސްކަމެއް ދީފައިވެއެވެ. ދިވެހިރާއްޖޭގެ އައު ބިލުގެ 33 ވަނަ މާއްދާގެ ދަށުން ތައާރަފުކުރާ އިލެކްޓްރޯނިކް ޓްރެވަލް އޮތޯރިޓީ ނިޒާމަކީ އެމެރިކާ، އޮސްޓްރޭލިއާ، ކެނެޑާ އަދި އިނގިރޭސިވިލާތުގައި ބޭނުންކުރާ ޒަމާނީ ނިޒާމުގެ ސީދާ ނަމޫނާއެކެވެ. މި ނިޒާމުގެ ސަބަބުން ދަތުރުވެރިން ރާއްޖެ އައުމުގެ ކުރިން ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލި، އެއާޕޯޓުތަކުގެ ހިދުމަތް އަވަސްވެ، އިމުގާ ޕޯޓަލް ފަދަ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފަތުރުވެރިންނަށް ވީޒާ އިތުރުކުރުމާއި އެހެނިހެން ހިދުމަތްތައް ހޯދުމުގައި ބޮޑު ލުއިފަސޭހައެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، ބިލުގެ 32 ވަނަ މާއްދާގެ ދަށުން ކަނޑާއި ވައިގެ އުޅަނދުފަހަރު ރާއްޖެ އައުމުގެ ކުރިންނާއި ފުރުމުގެ ކުރިން ފަޅުވެރިންނާއި ފަސިންޖަރުންގެ މައުލޫމާތު އިލެކްޓްރޯނިކްކޮށް ހުށަހެޅުން ލާޒިމުކުރުމަކީ، ކެނެޑާގެ ޕްރޮޓެކްޝަން އޮފް ޕަސެންޖަރ އިންފޮމޭޝަން ރެގިއުލޭޝަންސް ފަދަ ބައިނަލްއަގުވާމީ ގާނޫނުތަކާ އެއްގޮތަށް ބޯޑަރު ރައްކާތެރިކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.

ބަޔޯމެޓްރިކް ޑޭޓާއާއި ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބައިނަލްއަގުވާމީ މިންގަނޑު
ބަޔޯމެޓްރިކް ޓެކްނޮލޮޖީ ބޭނުންކުރުމުގައި އޮސްޓްރޭލިއާގެ މައިގްރޭޝަން ގާނޫނާއި ޔޫރަޕްގެ އިއްތިހާދުގެ ޖެނެރަލް ޑޭޓާ ޕްރޮޓެކްޝަން ރެގިއުލޭޝަން ފަދަ ގާނޫނުތަކުން ދައްކުވައިދެނީ، ބޯޑަރު ސަލާމަތަށްޓަކައި ބަޔޯމެޓްރިކް މައުލޫމާތު ނެގުމާއެކު އެ މައުލޫމާތުގެ ރައްކާތެރިކަން ގާނޫނުން ކަށަވަރުކޮށްދޭންޖެހޭ ކަމެވެ. ދިވެހިރާއްޖޭގެ އިމިގްރޭޝަން ބިލުގެ 31 ވަނަ މާއްދާއާއި 38 ވަނަ މާއްދާގެ ދަށުން ބަޔޯމެޓްރިކް މައުލޫމާތު ނެގުމާއި ބަޔޯމެޓްރިކް ޕާސްޕޯޓު ދޫކުރުމުގެ ބާރު އިމިގްރޭޝަނަށް ލިބިދޭއިރު، އޮސްޓްރޭލިއާގެ ޕްރައިވަސީ އެކްޓުގެ އުސޫލުތަކެކޭ އެއްފަދައިން މި ބިލުގައިވެސް ޑޭޓާ ރައްކާތެރިކުރުމުގެ ހަރުކަށި މާއްދާތައް ވަނީ ހިމަނާފައެވެ. ހާއްސަކޮށް، ބަޔޯމެޓްރިކް ޑޭޓާ ބޭނުންކުރުމުގައި ޕްރައިވަސީ އިމްޕެކްޓް އެސެސްމަންޓް ހެދުމަށާއި ޕްރައިވަސީ ކޮމިޝަނަރާ މަޝްވަރާކުރުން ގާނޫނުން ލާޒިމުކޮށްފައިވުމަކީ، ރައްޔިތުންނާއި ދަތުރުވެރިންގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ ބައިނަލްއަގުވާމީ ފެންވަރުގެ ފުރިހަމަ ގެރެންޓީއެކެވެ.

ދިގު މުއްދަތުގެ ވީޒާއާއި ދުބާއީ އާއި މެލޭޝިޔާގެ އިގުތިސޯދީ ވިސްނުން
އިގުތިސޯދީ ކުރިއެރުމަށް އިމިގްރޭޝަން ސިޔާސަތު ބޭނުންކުރުމުގައި ދުނިޔޭގެ އެންމެ ކާމިޔާބު ނަމޫނާތަކަކީ ދުބާއީގައި ތައާރަފުކޮށްފައިވާ 5 އަހަރާއި 10 އަހަރުގެ ގޯލްޑަން ވީޒާ ނިޒާމާއި މެލޭޝިޔާގެ މައި ސެކަންޑް ހޯމް ޕްރޮގްރާމެވެ. މި ގާނޫނީ އޮނިގަނޑުތަކުގެ ސަބަބުން، ބޭރުގެ އިންވެސްޓަރުންނާއި، ވިޔަފާރިވެރިންނާއި، ފަންނީ މާހިރުންނަށް ދިގު މުއްދަތަކަށް އެ ގައުމުތަކުގައި ދިރިއުޅުމުގެ ޔަގީންކަން ލިބި، ބޮޑެތި އިންވެސްޓްމަންޓްތައް އޮހިގެން ގޮސްފައިވެއެވެ. ހަމައެފަދައިން، އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނުގެ ދަށުން ވީޒާގެ މައިގަނޑު ބާވަތްތައް ގާނޫނުގައި ކަނޑައެޅުމަށްފަހު އޭގެ ތަފްސީލީ ގިންތިތަކާއި އުސޫލުތައް ޒަމާނާ އެއްގޮތަށް ސަރުކާރަށް ބަދަލުކުރެވޭ ގޮތަށް އޮންނަ ފަދައިން، ދިވެހިރާއްޖޭގެ އާ އިމިގްރޭޝަން ބިލުގެ 5 ވަނަ ބާބުގައިވެސް ވީޒާގެ އާ އޮނިގަނޑެއް ތައާރަފުކޮށް، ދިގު މުއްދަތުގެ ވީޒާއާއި ރެސިޑެންސް ހުއްދަތައް ގާނޫނީ ގޮތުން ތަރުތީބުކޮށްފައިވެއެވެ. މީގެ ސަބަބުން ރަސްމާލެ ފަދަ ބިޔަ ތަރައްގީގެ މަޝްރޫއުތަކަށް ބޭރުގެ އިންވެސްޓަރުންނާއި ހާއްސަ ހުނަރުވެރިން ޝައުގުވެރިވެ، ރާއްޖެއަށް ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެ، އިގުތިސޯދު ސިންދަފާތުކުރުމަށް ލިބޭނެ ވަރަށް ބޮޑު ބާރަކަށް ވެގެންދާނެއެވެ. އަދި ވީޒާ ދޫކުރުމާއި، ބާތިލުކުރުމާއި، ވީޒާއާ ގުޅޭ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ހާމަކަން ބޮޑު އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަކީ ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގެ ގާނޫނީ ނިޒާމަށް އޮންނަ އިތުބާރު އިތުރުކޮށްދޭނެ ކަމެކެވެ.

އިސްރާއީލު ޕާސްޕޯޓު ދާއިމީކޮށް މަނާކުރުމާއި ބައިނަލްއަގުވާމީ ކުށްވެރިންނަށް ދޮރު ބަންދުކުރުން
މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އަދި ރައްޔިތުންގެ ވިންދާ ގުޅިފައިވާ އެއް ކަމަކީ، އިސްރާއީލު ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށް ރާއްޖެ އެތެރެވުން އެއްވެސް ޝަރުތަކާ ނުލައި ދާއިމީކޮށް މަނާކުރުމެވެ. ކުރީގެ ގާނޫނުގައި މިކަން އޮތީ ވަގުތީ ސިފައެއްގައި ނަމަވެސް، އައު ބިލުން މިކަމަށް ދާއިމީ ގާނޫނީ ހައްލެއް ގެނެސްދީފައިވެއެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ މީހުންނާއި، އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައިވާ ބައިނަލްއަގުވާމީ ކުށްވެރިންނަށް ރާއްޖެ އެތެރެވުން މަނާކުރުމުގެ އުސޫލުތައް ބިލުގައި ހިމެނުމަކީ، ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތަކަށް ދިވެހިރާއްޖެއިން ކުރާ އިހުތިރާމު ހާމަކޮށްދޭ ވަރުގަދަ ފިޔަވަޅެކެވެ.

ބޯޑަރުގެ ސަލާމަތާއި ގަވާއިދާ ހިލާފު އަމަލުތައް ހުއްޓުވުމުގެ ހަރުދަނާކަން
ގައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމުގައި އިނގިރޭސިވިލާތުގެ އިމިގްރޭޝަން ގާނޫނާއި ކެނެޑާގެ އިމިގްރޭޝަން ގާނޫނުގައިވެސް ގަވާއިދާ ހިލާފަށް ގައުމަށް އެތެރެވުމާއި، ވީޒާ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށް ހަރުކަށި ޖޫރިމަނާތަކާއި އަދަބުތައް ކަނޑައަޅާފައިވެއެވެ. ދިވެހިރާއްޖޭގެ އާ ބިލުގައިވެސް، ކުރިން ބިޒްނަސް ވިސާ ނުވަތަ ޓޫރިސްޓް ވިސާގައި ރާއްޖެ އެތެރެވުމަށްފަހު ރާއްޖޭގައި ތިބެގެން ވަޒީފާގެ ވިސާއަށް ބަދަލުކޮށް ވިސާގެ ގިންތިތައް ނަހަމަ ގޮތުގައި ބޭނުންކުރާ އުސޫލު ހުއްޓުވުމަށް ހަރުދަނާ ފިޔަވަޅުތަކެއް ވަނީ ހިމަނާފައެވެ. މީގެ އިތުރުން، ބިލުގެ 29 ވަނަ މާއްދާއާއި 30 ވަނަ މާއްދާގެ ދަށުން، ހުއްދަ އޮތް ބަނދަރެއް ފިޔަވައި އެހެން ތަނަކުން ރާއްޖެ އެތެރެވުމާއި، އިމިގްރޭޝަން ކްލިއަރެންސް ލިބުމުގެ ކުރިން އުޅަނދުފަހަރަށް މީހުން އެރުމާއި ފޭބުން މަނާކޮށް، އެފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު 100,000 ރުފިޔާއިން ފެށިގެން 200,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރެވޭ ގޮތަށް ކަނޑައަޅާފައިވުމަކީ ގަވާއިދާ ހިލާފަށް ބިދޭސީން އެތެރެވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމެކެވެ. އަދި ބިލުގެ 6 ވަނަ ބާބުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ޑީޕޯޓްކުރުމާއި ޑިޓެންޝަން ސެންޓަރުތައް ހިންގުމުގެ އުސޫލުތައް އިންސާނީ ހައްގުތަކުގެ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ތަރުތީބުކޮށްފައިވެއެވެ. ހަމައެއާއެކު، އިނގިރޭސިވިލާތުގެ ގާނޫނުގައިވާ ރައިޓް އޮފް އެބޯޑްގެ އުސޫލެކޭ އެއްފަދައިން، މި ބިލުގެ 25 ވަނަ މާއްދާގައި ކޮންމެ ދިވެހި ރައްޔިތަކަށްވެސް ރާއްޖެއިން ފުރުމާއި، އެނބުރި އައުމާއި، ރާއްޖޭގައި ހުރުމުގެ އަސާސީ ހައްގު ގާނޫނުއަސާސީއާ އެއްގޮތަށް ފުރިހަމައަށް ކަށަވަރުކޮށްދީފައިވެއެވެ.

ފާޑުކިޔުންތަކުގެ ހަގީގަތާއި ގާނޫނީ ރައްދު
މި ބިލާ ގުޅިގެން ބައެއް ސިޔާސީ ފަރާތްތަކުން ވީޒާގެ ގިންތިތައް ކަނޑައެޅުމުގެ ބާރު ސަރުކާރަށް ދިނުމަކީ މަޖިލީހުގެ ބާރު ކަނޑުވާލުން ކަމަށް ބުނެ ފާޑުކީ ނަމަވެސް، ހަގީގަތަކީ އިނގިރޭސިވިލާތާއި ސިންގަޕޫރު ފަދަ ގައުމުތަކުގައިވެސް ގާނޫނުގައި އޮންނަނީ މައިގަނޑު އޮނިގަނޑު ކަމަށާއި، ތަފްސީލީ ވީޒާ ގިންތިތައް ކަނޑައަޅަނީ ވަޒީރު ހަދާ ގަވާއިދުގެ ދަށުން ކަމެވެ. މިއީ ދުނިޔޭގެ އިގުތިސޯދީ ބަދަލުތަކަށް ހަލުވިކަމާއެކު އިޖާބަދިނުމަށް ކޮންމެހެން ބޭނުންވާ ލުއިފަސޭހަކަމެކެވެ. ހަމައެފަދައިން، ދިގު މުއްދަތުގެ ވީޒާއަކީ ބޭރު މީހުންނަށް ދިވެހި ރަށްވެހިކަން ދިނުން ކަމަށް ބުނެ ފަތުރާ ވާހަކަތަކަކީވެސް އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ. ދުބާއީ ފަދަ ގައުމުތަކެކޭ އެއްފަދައިން، މިއީ ބޮޑެތި އިންވެސްޓްމަންޓް ކުރާ ފަރާތްތަކަށް ވަކި މުއްދަތަކަށް ރާއްޖޭގައި ހުރުމުގެ ހުއްދަ ދިނުމެވެ. މީގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި އިސްލާމީ ވަހުދަތަށް އެއްވެސް ބުރުލެއް ނާރާނެއެވެ؛ އަދި ކިއެއްތަ، ގައުމީ އެއްބައިވަންތަކަމަށް ނުރައްކާވާ މީހުންނަށް ރާއްޖެ އެތެރެވުން މަނާކުރުމުގެ ބާރު މި ބިލުން ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. މީގެ އިތުރުން، އޮފިސަރުންނަށް ލިބޭ ބާރުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަށްޓަކައި ހުވައިކުރުމާއި، ގަވާއިދުން ޑްރަގް ޓެސްޓު ހެދުމާއި، ޑިސިޕްލިނަރީ ބޯޑެއް މެދުވެރިކޮށް ފިޔަވަޅު އެޅޭނެ ހަރުދަނާ ޗެކް އެންޑް ބެލެންސް ނިޒާމެއް މި ގާނޫނުގައި ވަނީ ކަށަވަރުކޮށްދީފައެވެ.

ނިންމުން
ކުރުގޮތަކަށް ދަންނަވާނަމަ، ދިވެހިރާއްޖޭގެ އިމިގްރޭޝަންގެ ބިލަކީ އިނގިރޭސިވިލާތާއި ކެނެޑާގެ ގާނޫނީ ހަރުދަނާކަމާއި، އޮސްޓްރޭލިއާގެ ޑިޖިޓަލް ކުރިއެރުމާއި، ދުބާއީއާއި ސިންގަޕޫރުގެ އިގުތިސޯދީ ދުރުވިސްނުން އެއްތަނަކަށް ގެނެސްދޭ ފުރިހަމަ ގާނޫނީ އޮނިގަނޑެކެވެ. މިއީ ހަމައެކަނި ދަތުރުފަތުރުގެ އުސޫލުތައް ބަޔާންކުރާ ގާނޫނެއް ނޫނެވެ؛ އެއީ އަންނަން އޮތް ޖީލުތަކަށްޓަކައި އަމާން، ރައްކާތެރި އަދި އިގުތިސޯދީ ގޮތުން ފުދުންތެރި ދިވެހިރާއްޖެއެއް ބިނާކުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ. މި ބިލު ގާނޫނަކަށްވެ ތަންފީޒުވާން ފެށުމުން، ދިވެހިރާއްޖޭގެ އިމިގްރޭޝަން ނިޒާމަކީ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ފެންވަރުގައިވެސް ނަމޫނާ، އިންވެސްޓަރުންނަށް އިތުބާރު ހުރި، އަދި ކޮންމެ ދިވެހި ރައްޔިތަކު ފަހުރުވެރިވާނެ ފަދަ ޒަމާނީ ނިޒާމަކަށް ވެގެންދާނެކަން ޔަގީނެވެ.

ކޮމެންޓް