
8 ނޮވެންބަރު 2026 ވަނަ އަހަރު ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބިލު ވެގެންގޮސްފައިވަނީ، ޒަމާނުއްސުރެ ހުއްޓިފައި އޮތް މި އިޖުރާއަތަށް ގާނޫނީ ފުރިހަމަ އޮނިގަނޑެއް ގެނެސްދޭނެ ތާރީހީ ބިލަކަށެވެ. 7 ބާބާއި 51 މާއްދާގެ މައްޗަށް އެކުލެވޭ މި ބިލަކީ، އިސްލާމީ ޝަރީއަތުގެ އަސާސްތަކާއި ޒަމާނީ ޖިނާއީ އަދުލުގެ މިންގަނޑުތައް މަސްހުނިކޮށްގެން ފަރުމާކޮށްފައިވާ ހާއްސަ އިޖުރާއީ ގާނޫނެކެވެ. ނަމަވެސް، ސައޫދީ އަރަބިއްޔާ، ޕާކިސްތާން، އެމެރިކާ، ސިންގަޕޫރު، ނައިޖީރިއާ އަދި ޔޫރަޕުގައި މަރުގެ އަދަބު ތަންފީޒުކުރާ ހަމައެކަނި ގައުމު ކަމަށްވާ ބެލަރޫސްގެ ނިޒާމުތަކާ މި ބިލު އަޅާކިޔާއިރު، ތައުރީފު ހައްގު ހަރުދަނާ ސިފަތަކާއެކު، ގާނޫނީ ގޮތުން ފުންކޮށް ވިސްނާލަންޖެހޭ ނާޒުކު ބައެއް ކަންކަންވެސް އެބަހުއްޓެވެ.
ޝަރީއަތާއި ގާނޫނުގެ މަސްހުނި އޮނިގަނޑާއި ވާރިސުންގެ ބާރު
މި ބިލުގެ ފުރަތަމަ އަދި ދެވަނަ ބާބުގައި (މާއްދާ 1 އިން 10 އަށް) އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ އާ ކުށްތަކެއް އުފެއްދުމުގެ ބަދަލުގައި، މިހާރުވެސް ގާނޫނުލްއުގޫބާތާއި ހާއްސަ ގާނޫނުތަކުގައި މަރުގެ އަދަބު ކަނޑައެޅިފައިވާ ކުށްތަކަށް އެ އަދަބު ދެވޭނެ ހަރުކަށި ޝަރުތުތަކުގެ މައްޗަށެވެ. އެގޮތުން، ދަށު ކޯޓަކުން މަރުގެ ހުކުމެއް އިއްވައިފިނަމަ، ކުށްވެރިޔާ އިސްތިއުނާފު ނުކުރިޔަސް، ދައުލަތުން އެ މައްސަލަ ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހަޅައި ނިހާއީ ހުކުމެއް ހޯދަންޖެހެއެވެ. މިއީ ޕާކިސްތާނުގެ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 374 ވަނަ މާއްދާއާއި އެމެރިކާގެ ސްޓޭޓްތަކުގައި އޮންނަ އޮޓޮމެޓިކް އިސްތިއުނާފު މުރާޖައާކުރުމުގެ ނިޒާމާ އެއްގޮތް، އިންސާފު ކަށަވަރުކުރުމަށް އެޅިފައިވާ ވަރަށް މުހިންމު ފިޔަވަޅެކެވެ. މީގެ އިތުރުން، ކުށް ސާބިތުކުރުމުގައި އާންމު ޖިނާއީ މައްސަލަތަކުގައި ބޭނުންކުރާ ޝައްކެއްނެތް މިންވަރަށް ވުރެ މަތީ މިންގަނޑެއް ސުޕްރީމް ކޯޓުން ގެންގުޅެންޖެހުމަކީ، އިސްލާމީ ފިގުހުގައި ޝައްކެއް އޮތްނަމަ ގިސާސް ދޫކޮށްލުމަށް އޮންނަ އުސޫލާ ސީދާ ގުޅޭ ކަމެކެވެ. އެމެރިކާއާއި ސިންގަޕޫރުގައި ކުށް ސާބިތުކުރުމަށް ބަލަނީ ޝައްކެއްނެތް މިންވަރަށް ކަމަށްވާއިރު، ދިވެހިރާއްޖޭގެ މި ބިލުގައި އެއަށްވުރެ މަތީ މިންގަނޑެއް ކަނޑައަޅާފައިވުމަކީ އިންސާފުގެ ފަރާތަށް ލިބިގެންދާ ވަރަށް ބޮޑު ކުރިއެރުމެކެވެ.
މި ބާބުގައި އެންމެ ފާހަގަކޮށްލެވޭ އަނެއް ސިފައަކީ، މީހަކު މެރުމުގެ ކުށުގައި ގިސާސްގެ ގޮތުން މަރުގެ އަދަބު ދެވޭނީ މަރާލެވުނު މީހާގެ އެންމެހައި ވާރިސުން ގިސާސް ހިފުމަށް އެއްބަސްވާނަމަ ކަމަށް 10 މާއްދާގައި ބަޔާންކޮށްފައިވުމެވެ. ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނުގައިވެސް އަމަލުކުރާ މި އުސޫލުގެ ދަށުން، ދަންޖެއްސުމުގެ މަޅި ކަރުގައި އަޅުވައި އެލުވާލުމާ ހަމައަށްވެސް އެންމެ ވާރިސަކު މައާފުދީފިނަމަ، މަރުގެ އަދަބު ވަގުތުން ސާގިތުވާނެއެވެ. ނަމަވެސް، އެމެރިކާ، ސިންގަޕޫރު އަދި ބެލަރޫސް ފަދަ ގައުމުތަކުގައި މަރުގެ އަދަބަކީ ދައުލަތުގެ ހައްގަކަށްވާތީ، އާއިލާއިން މައާފުދިނަސް އަދަބަކަށް ލުޔެއް ނުލިބެއެވެ. އަދި 9 މާއްދާގެ ދަށުން ކުށްވެރިޔާ އަމިއްލަ އިހުތިޔާރުގައި ވަކީލަކު ދޫކޮށްލުމުގެ ފުރުސަތު ދީފައިވުމަކީ، އެމެރިކާއާއި ސިންގަޕޫރުގެ ކޯޓުތަކުގައި މަރުގެ އަދަބުގެ މައްސަލަތަކުގައި ކޮންމެހެން ވަކީލަކު އައްޔަންކުރާ އުސޫލާ ހިލާފަށް، ކުށްވެރިޔާއަށް ލިބިދާނެ ނިކަމެތިކަމެކެވެ.
ކުޑަކުދިންގެ އިސްތިސްނާ އާއި އަދަބު ފަސްކުރުމުގެ ހަމަތައް
ބިލުގެ ތިންވަނަ ބާބުގައި (މާއްދާ 11 އިން 14 އަށް) މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހޭ ހަ ހާލަތެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުރުމާއި، ކުށްވެރިޔާގެ ސިއްހީ ހާލަތު އާދަޔާހިލާފަށް ދަށްވުމާއި، ނަފްސާނީ ބައްޔެއް ހުރުން ހިމެނެއެވެ. ނަފްސާނީ ބަލިމީހުންނަށް މަރުގެ އަދަބު ނުދިނުމަކީ އެމެރިކާގެ ސުޕްރީމް ކޯޓުގެ ތާރީހީ ނިންމުންތަކާއި ޕާކިސްތާނުގެ ގާނޫނުތަކުންވެސް ބަލައިގެންފައިވާ އިންސާނީ މިންގަނޑެކެވެ. ހަމައެފަދައިން، ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުރިނަމަ އެ ކުއްޖާއަށް އަށާރަ އަހަރު ފުރި ދެ އަހަރު ވަންދެން އަދަބު ފަސްކުރުމަކީ ސައޫދީ އަރަބިއްޔާއާއި ޕާކިސްތާނުގައިވެސް އަމަލުކުރާ އިސްލާމީ ޝަރީއަތުގެ ފުރިހަމަ އުސޫލެކެވެ. ނަމަވެސް، ކުށްކުރިއިރު އަށާރަ އަހަރު ނުފުރޭ ކުއްޖަކަށްވާނަމަ، އަދަބު ތަންފީޒުކުރުން ދެ އަހަރަށް ފަސްކުރުމަށް އޮތް އޮތުމަކީ އެމެރިކާ، ޕާކިސްތާން، ސިންގަޕޫރު، ނައިޖީރިއާ އަދި އދ. ގެ ކުޑަކުދިންގެ ހައްގުތަކާބެހޭ މުއާހަދާއާ މުޅިން ހިލާފު ގޮތެކެވެ. އެ ގައުމުތަކުގައި ކުށްކުރިއިރު އަށާރަ އަހަރު ނުފުރޭނަމަ، އެއްވެސް ހާލަތެއްގައި މަރުގެ އަދަބެއް ނުދީ އުމުރު ދުވަހުގެ ޖަލު ހުކުމަކަށް އަދަބު ބަދަލުކުރެއެވެ.
ހާއްސަ ޕެނަލް: ޗެކް އެންޑް ބެލެންސް ނުވަތަ ބާރުތައް މަސްހުނިވުން؟
ބިލުގެ ހަތަރުވަނަ ބާބުން (މާއްދާ 15 އިން 25 އަށް) ތައާރަފުކުރާ އެންމެ އާ އަދި އެންމެ ޝައުގުވެރި ނިޒާމަކީ، އަދަބު ތަންފީޒުކުރުމުގެ ކުރިން އެންމެހައި އިޖުރާއަތުތައް ފުރިހަމަވެއްޖެތޯ ކަށަވަރުކުރުމަށް އެކުލަވާލާ ހަތް މެންބަރުންގެ ހާއްސަ ޕެނަލްއެވެ. ސުޕްރީމް ކޯޓުން ހުކުމް ނިހާއީވާތާ ހަ މަސް ފަހުން އެކުލަވާލާ މި ޕެނަލްގައި ކަރެކްޝަންސް، ފުލުހުން، ޕްރޮސިކިއުޓަރ ޖެނެރަލް، ރައްޔިތުންގެ މަޖިލިސް، ޖުޑީޝަލް ކައުންސިލް، ސުޕްރީމް ކޯޓު އަދި ފަތުވާ މަޖިލީހުގެ މެންބަރަކު ހިމެނެއެވެ. ޕެނަލް އެކުލަވާލާތާ ތިރީސް ދުވަހުގެ ތެރޭގައި އަދަބު ދޭނެ ތާރީހު ކަނޑައަޅައި، 72 ގަޑިއިރު ތެރޭގައި ކުށްވެރިޔާއާއި އާއިލާއަށް އަންގަންޖެހެއެވެ. ޔޫރަޕުގެ ބެލަރޫސްގައި އަދަބު ދޭ ތާރީހު ސިއްރުކޮށް، އާއިލާއަށްވެސް ނާންގައި މީހާ މަރާލާ އުސޫލާ ހިލާފަށް، މި ބިލުގައި ސިންގަޕޫރާއި ޕާކިސްތާނޭ އެއްފަދައިން ދުރާލާ ނޯޓިސް ދިނުމަށް ލާޒިމުކޮށްފައިވުމަކީ އިންސާނީ ކަރާމާތް ހިފަހައްޓައިދޭ ކަމެކެވެ. މީގެ އިތުރުން، ޕެނަލްގެ ނިންމުންތައް މައުލޫއީ ގޮތުން އަލުން ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ނޯންނާނެ ކަމަށް ސައުވީސްވަނަ މާއްދާގެ (ޓ) ގައި ބުނެފައިވުމަކީ ކޯޓުގެ ޖުޑީޝަލް ރިވިއު ބާރު ހަނިކުރާ ކަމެކެވެ.
ދަންޖެއްސުމުގެ އުސޫލާއި އާންމު ނުކުރުމުގެ ސިޔާސަތު
ބިލުގެ ފަސްވަނަ އަދި ހަވަނަ ބާބުގައި (މާއްދާ 26 އިން 43 އަށް) ކުށްވެރިޔާގެ އެންމެ ފަހުގެ ހައްގުތަކާއި އަދަބު ތަންފީޒުކުރާނެ ގޮތް ތަފްސީލުކޮށްދީފައިވެއެވެ. ގާނޫނުއަސާސީގެ ސަތޭކަ ފަނަރަވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ މައާފުދިނުމުގެ ބާރުގެ ދަށުން މައާފަށް އެދުމުގެ ހައްގު ކުށްވެރިޔާއަށް ލިބެއެވެ. ނަމަވެސް ގިސާސްގެ މައްސަލަތަކުގައި އިސްލާމީ ޝަރީއަތުގައި އޮންނަ ގޮތުން ވާރިސުންގެ ހައްގަކަށް ރައީސަށް މައާފެއް ނުދެވޭނެއެވެ. އަދަބު ތަންފީޒުކުރުމުގެ ކުރިން އާއިލާއާ ބައްދަލުކުރުމާއި، ވަސިއްޔަތް ކުރުމާއި، ދެ ރަކުއަތް ނަމާދުކުރުމުގެ ފުރުސަތު ދޭންޖެހެއެވެ. ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރުމަށް ކަނޑައަޅާފައިވާ ހަމައެކަނި ވަސީލަތަކީ ޖަލުގެ ތެރޭގައި ދަންޖެއްސުމެވެ. ސައޫދީ އަރަބިއްޔާގައި އާންމު މައިދާންތަކުގައި ކަނޑިން ޖަހައިގެން އަދަބު ދިން ނަމަވެސް، މި ބިލުގައި ވަނީ ސިންގަޕޫރާއި ޕާކިސްތާނޭ އެއްގޮތަށް އާންމުންނާއި މީޑިއާގެ ކުރިމަތީގައި އަދަބު ދިނުމާއި، އެ މަންޒަރު އާންމުކުރުން މުޅިން މަނާކޮށްފައެވެ. އެމެރިކާގައި ދަންޖެއްސުމަކީ އަނިޔާވެރި އަދަބެއް ކަމަށް ބަލައި ހުއްޓާލައި ލީތަލް އިންޖެކްޝަން ބޭނުންކުރި ނަމަވެސް، ސިންގަޕޫރާއި ޕާކިސްތާނާއި ނައިޖީރިއާގައި ބޭނުންކުރަނީ ކަރުގެ ކަށިގަނޑު ވަގުތުން ބިންދައިގެން ގޮސް ވޭން ކުޑަވާ ގޮތަށް ދަންޖެއްސުމެވެ.
މީގެ އިތުރުން، ދަންޖެއްސުމުގެ ތެރޭގައި ވާފަށް ކަނޑައިގެން ދިއުން ފަދަ ކަމެއް ދިމާވެ، ކުށްވެރިޔާ މަރުނުވެއްޖެނަމަ، ވަގުތުން އަދަބު ދިނުން ހުއްޓާލައި ޕެނަލަށް އަންގައި އަލުން އިޖުރާއަތުތައް ފުރިހަމަކުރަންޖެހޭނެ ކަމަށް ސާޅީސް ދެވަނަ މާއްދާގައި ބަޔާންކޮށްފައިވުމަކީ، އެމެރިކާއާއި ޕާކިސްތާނުގައި ކުރިމަތިވެފައިވާ މިފަދަ ނާޒުކު ހާލަތްތަކަށް ގާނޫނީ ހައްލެއް ގެނެސްދީފައިވާ މުހިންމު މާއްދާއެކެވެ. އަދި މަރުވުމަށްފަހު ހަށިގަނޑު އާއިލާއާ ހަވާލުކުރަން ލާޒިމުކޮށްފައިވުމަކީ، ހަށިގަނޑުވެސް އާއިލާއަށް ނުދީ ސިއްރުން ވަޅުލާ ބެލަރޫސްގެ އަނިޔާވެރި އުސޫލާ ތަފާތު، އިންސާނީ ކަރާމާތް ހިފަހައްޓައިދޭ ކަމެކެވެ.
އިންތިގާލީ ކަންކަމާއި މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ގެންނަންޖެހޭ އިސްލާހުތައް
ބިލުގެ އެންމެ ފަހު ބާބުގައި (މާއްދާ 44 އިން 51 އަށް) ކުރިން ހުކުމް ނިހާއީވެފައިވާ މައްސަލަތަކަށްވެސް މި ގާނޫނުގެ ދަށުން އަދަބު ތަންފީޒުކުރެވޭނެ ކަމަށް ކަނޑައަޅާފައިވެއެވެ. ޕާކިސްތާނާއި އެމެރިކާގެ ކޯޓުތަކުންވެސް ގަބޫލުކުރާ ފަދައިން، މިއީ އަދަބު ބޮޑުކުރާ ގާނޫނަކަށް ނުވެ، ހަމައެކަނި އިޖުރާއަތު ބަޔާންކުރާ ގާނޫނަކަށްވާތީ، ކުރީގެ ހުކުމްތަކަށް މި ގާނޫނު ހިނގުމަކީ ގާނޫނީ ގޮތުން ސައްހަ ކަމެކެވެ. އަދި އަދަބު ތަންފީޒުކުރެވެންދެން ކުށްވެރިޔާ ބަހައްޓަންވާނީ އެހެން ގައިދީންނާ ވަކިން ކަމަށް 45 ވަނަ މާއްދާގައި ބުނެފައިވުމަކީ ސިންގަޕޫރާއި އެމެރިކާގެ ޑެތު ރޯ އުސޫލުތަކާ އެއްގޮތް ކަމެކެވެ. މި ގާނޫނު އިސްލާމީ ޝަރީއަތާއި ބައިނަލްއަގުވާމީ އަދުލުގެ އެންމެ މަތީ މިންގަނޑުތަކާ އެއްހަމަކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީ މަރުހަލާގައި ތިރީގައި މިވާ ހަތަރު އިސްލާހު ކޮންމެހެން ގެންނަންޖެހެއެވެ.
އިސްލާހު އެކެއް: ވާރިސުންގެ އުމުރު އަށާރަ އަހަރަށް މަތިކުރުން (މާއްދާ 10 ގެ (ބ)
މި ބިލުގައި މިހާރު އޮތް ގޮތުން، ގިސާސް ހިފުމަށް ރުހުން ދޭ ވާރިސުން ކަމުގައި ބަލަނީ، މަރުވި މީހާގެ ވާރިސުންގެ ތެރެއިން އުމުރުން ފަނަރަ އަހަރު ފުރިފައިވާ ވާރިސުންނެވެ. ނަމަވެސް މި މާއްދާ އިސްލާހުކޮށް، ވާރިސުން ކަމުގައި ބަލާނީ އުމުރުން އަށާރަ އަހަރު ފުރިފައިވާ ވާރިސުން ކަމަށް ކަނޑައަޅަންޖެހެއެވެ. މި އިސްލާހު ގެންނަންޖެހޭ ސަބަބަކީ، ދިވެހިރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގައި ކުޑަކުދިން ކަމަށް ބަލަނީ އަށާރަ އަހަރުން ދަށުގެ ކުދިން ކަމަށްވާތީ، މީހެއްގެ ފުރާނައާ ގުޅޭފަދަ ބޮޑު ނިންމުމެއް ނިންމުމުގެ ގާނޫނީ އަހުލިއްޔަތު ލިބެންވާނީ އަށާރަ އަހަރު ފުރުމުން ކަމަށްވާތީއެވެ.
އިސްލާހު ދޭއް: ކުޑަކުދިންނަށް މަރުގެ އަދަބު ދިނުން މުޅިން މަނާކުރުން (މާއްދާ 12 ގެ (ހ) ގެ 1 ވަނަ ނަންބަރު)
މިހާރު ބިލުގައި އޮތް ގޮތުން، ކުށްވެރިޔާ ކުށްކުރިއިރު އުމުރުން އަށާރަ އަހަރު ނުފުރޭނަމަ، އޭނާގެ އުމުރުން އަށާރަ އަހަރު ފުރުމަށްފަހު ދެ އަހަރު ވަންދެން އަދަބު ތަންފީޒުކުރުން ފަސްކުރަންޖެހެއެވެ. މީގެ ބަދަލުގައި، މި ނަންބަރު އުނިކޮށް، ކުށްކުރިއިރު އުމުރުން އަށާރަ އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުން މުޅިން މަނާކޮށް، އެފަދަ ކުށްވެރިންގެ އަދަބު އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ބަދަލުވާނެ ކަމަށް ބިލުގެ ދެވަނަ ބާބުގައި ހިމަނަންޖެހެއެވެ. މި އިސްލާހު ގެންނަންޖެހޭ ސަބަބަކީ، ކުށްކުރިއިރު ކުޑަކުއްޖެއްގެ ގޮތުގައި ހުރި މީހަކަށް އޭނާ ބޮޑުވުމުން މަރުގެ އަދަބު ދިނުމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ބައިނަލްއަގްވާމީ މުއާހަދާތަކާ ހިލާފު ކަމަކަށްވާތީއެވެ.
އިސްލާހު ތިނެއް: ޕެނަލްއިން ސުޕްރީމް ކޯޓުގެ ކަނޑައަޅާ ފަރާތެއް އުނިކުރުން (މާއްދާ 17 ގެ (ހ) ގެ 6 ވަނަ ނަންބަރު)
މިހާރު ބިލުގައި އޮތް ގޮތުން، އަދަބު ތަންފީޒުކުރުމުގެ އިޖުރާއަތުތައް ބަލަހައްޓާ ޕެނަލްގައި ސުޕްރީމް ކޯޓުން ކަނޑައަޅާ މީހެކު ހިމނެއެވެ. ހިމެނެއެވެ. މއީ، ފަހަރެއްގައި ފަނޑިޔާރަކަށްވެސް ވެދާނެއެވެ. އެހެންކަމުން، މި ނަންބަރު އުނިކޮށް، އޭގެ ބަދަލުގައި ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ކަނޑައަޅާ ގާނޫނީ ވަކީލަކު ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަނުން ކަނޑައަޅާ މެންބަރަކު ޕެނަލްގައި ހިމަނަންޖެހެއެވެ. މި އިސްލާހު ގެންނަންޖެހޭ ސަބަބަކީ، ޕެނަލްގެ ނިންމުންތައް އިސްތިއުނާފު ކުރެވެނީ ސުޕްރީމް ކޯޓަށް ކަމަށްވާތީ، އެ ކޯޓުގެ ފަނޑިޔާރަކު ޕެނަލްގައި ހިމެނުމަކީ ބާރުތައް ވަކިވެފައިވާ ނިޒާމާއި މަސްލަހަތު ފުށުއެރުމުގެ އުސޫލާ ހިލާފު ކަމަކަށްވާތީއެވެ.
އިސްލާހު ހަތަރެއް: އާ ހެއްކެއް ހުށަހެޅުމުން އަދަބު ފަސްކުރުން (މާއްދާ 46 ގެ ނ)
މިހާރު ބިލުގައި އޮތް ގޮތުން، ކުށްވެރިޔާގެ ކުށެއް ނެތްކަން ސާބިތުވާފަދަ އާ ހެއްކެއް ފެނިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުނުކަމުގައި ވިޔަސް، އެ މައްސަލައާމެދު ކޯޓުން ވަކި ގޮތެއް ނިންމާފައިނުވާ ނަމަވެސް، މަރުގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އަމުރެއް އެ ކޯޓުން ނެރެގެން ނުވާނެއެވެ. މި މާއްދާ އިސްލާހުކޮށް، ކުށްވެރިޔާގެ ކުށެއް ނެތްކަން ސާބިތުވާފަދަ އާ ހެއްކެއް ލިބިގެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމާއެކު، އެ މައްސަލައާމެދު ކޯޓުން ގޮތެއް ކަނޑައަޅަންދެން މަރުގެ އަދަބު ތަންފީޒުކުރުން އޮޓޮމެޓިކުން ފަސްވާނެ ގޮތަށް ބަދަލުކުރަންޖެހެއެވެ. މި އިސްލާހު ގެންނަންޖެހޭ ސަބަބަކީ، ކުށެއް ނެތް މީހަކަށް މަރުގެ އަދަބު ދެވިއްޖެނަމަ އެއީ އަނބުރާ އިއާދަނުކުރެވޭނެ ގެއްލުމަކަށްވާތީ، އާ ހެއްކެއް ހުށަހެޅުމުން ކޯޓުން އެކަން ބަލައި ނިމެންދެން އަދަބު ހުއްޓުވަންޖެހޭތީއެވެ.
ނިންމުން
މަރުގެ އަދަބު ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ބިލަކީ ދިވެހިރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމުގައި އޮތް ބޮޑު ހުސްކަމެއް ފޫބައްދައިދޭނެ، އިސްލާމީ ޝަރީއަތުގެ ރޫހާ އެއްގޮތަށް އެކުލަވާލެވިފައިވާ ތާރީހީ ބިލެކެވެ. މަރުގެ އަދަބަކީ އެއްފަހަރު ތަންފީޒުކުރުމަށްފަހު އަނބުރާ އިއާދަކުރެވޭނެ ކަމަކަށް ނުވާތީ، އެ އަދަބު ދިނުމުގެ މަރުހަލާގައި އެންމެ ކުޑަމިނުންވެސް އިންސާފުން އެއްކިބާވުމުގެ ފުރުސަތެއް އޮވެގެން ނުވާނެއެވެ. އެހެންކަމުން، މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މި ބިލު ދިރާސާކޮށް، މަތީގައި ފާހަގަކުރެވުނު ގާނޫނީ އިސްލާހުތައް ހިމަނައިގެން ފާސްކުރެވިއްޖެނަމަ، މި ގާނޫނު ވެގެންދާނީ އަނިޔާލިބޭ ފަރާތްތަކަށް ހައްގު އިންސާފު ހޯދައިދޭ، އަދި ކުށެއް ނެތް މީހަކަށް އަދަބު ލިބުމުން ރައްކާތެރިކޮށްދޭ، ދުނިޔޭގެ ފެންވަރުގައިވެސް ނަމޫނާ ގާނޫނަކަށެވެ.




