ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމާލެއަށް ވަޑައިގެން މާރުކޭޓު ބޭނުންކުރާ ފަރާތްތަކާއި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުން
ރަސްމާލެ މަޝްރޫއު ފަދަ ގައުމުގެ މުސްތަގުބަލަށް ގެއްލުންވެދާނެ ކަންކަމާމެދު ސަރުކާރުން ފުންކޮށް ވިސްނުމަށް ފައިސަލް ތަކުރާރުކޮށް ގޮވާލައިފި
މަރްޔަމް މުޙައްމަދު 9 ނޮވެމްބަރ 2026 (ހޯމަ)   20:25
ރަސްމާލެ މަޝްރޫއު ފަދަ ގައުމުގެ މުސްތަގުބަލަށް ގެއްލުންވެދާނެ ކަންކަމާމެދު ސަރުކާރުން ފުންކޮށް ވިސްނެވުމަށާއި، މިފަދަ ބޮޑެތި މަޝްރޫއުތައް އާންމު ރައްޔިތުންގެ ހިޔާލާއި ރުހުން ހޯދައިގެން ކުރިއަށް ގެންދިޔުމަށް ކުރީގެ ނައިބު ރައީސް އަދި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓް ފައިސަލް ނަސީމް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް އެމަނިކުފާނު ތަރާރުކުރައްވައިފިއެވެ.

ފައިސަލް މިފަދައިން ވިދާޅުވެ ވާހަކަދެއްކެވީ، ހުޅުމާލޭ ލޯކަލް މާރުކޭޓަށް މިއަދު ކުރެއްވި ޒިޔާރަތެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންނާ ސީދާ ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއްގައި ވޯޓަކަށް ދާން ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީން ގޮވާލުމުން ވެސް ސަރުކާރުން އެކަމަށް އިޖާބަ ނުދިނުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

އަދި ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމާ މެދު ރައްޔިތުންގެ މެދުގައި ބޮޑެތި ސުވާލުތަކެއް އުފެދިފައިވާއިރު، އެ ރައްޔިތުންގެ އަޑުއެހުން މުހިންމު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މިއިން ވެސް އެނގެނީ މީގެ އަޑީގައި ފޮރުވިފައި އޮތީ މުޅިން އެހެން ކަމެކޭ އަޅުގަނޑު މިއަދު މި ލޯކަލް މާރުކޭޓް އޭރިއާގައި އުޅުނު އުޅުމުގައި ވެސް ހަމަ ދިމާވި ކޮންމެ މީހެއް ޒުވާނެއް އުމުރުން ދުވަސްވީ މީހެއް ނެތް ކޮންމެ މީހެއްގެ ވެސް ކަންބޮޑުވުން އޮތީ ރަސްމާލޭގެ މިހާރު އެ ހެދިފައި އޮތް އެއްބަސްވުން ނުވަތަ މިހާރު ކުރިއަށްގެންދަން ނިންމާފައި އޮތްގޮތާއި މެދު އޮތް ކަންބޮޑުވުން." - ފައިސަލް


މީގެ އިތުރުން، މިފަދަ ކަންކަމުގައި ރައްޔިތުންގެ ރުހުމާއެކު ކުރިއަށް ދިއުމަކީ ސަރުކާރަށް އެންމެ ރަނގަޅު އަދި ބުއްދިވެރި ގޮތް ކަމަށް ވިދާޅުވެ، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ރައީސް މުއިއްޒު ރުޖޫއަވުމަށް ވެސް ފައިސަލް ވަނީ އެދިވަޑައިގެންފައެވެ.

ކޮމެންޓް