އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައިސަލްގެ ކެމްޕޭން އޮފީސް ހުޅުވުން.--
ފައިސަލްގެ ކެމްޕޭން އޮފީހެއް ފުވައްމުލަކުގައި ހުޅުވައިފި
21 ނޮވެމްބަރ 2026 (ހޮނިހިރު)   06:42
ކުރިއަށް އޮތް ރިއާސީ އިންތިޚާބުގެ އެމްޑީޕީ ޓިކެޓަށް ވާދަކުރައްވަން ނިންމަވާފައިވާ އެމްޑީޕީގެ ރިއާސީ ޕްރައިމަރީ ކެންޑިޑޭޓް ފައިސަލް ނަސީމްގެ ކެމްޕޭން އޮފީހެއް ފުވައްމުލަކު ސިޓީގައި ހުޅުވައިފި އެވެ.

ކުރީގެ ނައިބް ރައީސް ފައިސަލްގެ އުފަން ރަށް ފުވައްމުލަކު ފުނާޑު އަވަށުގައި ހެދި އޮފީހުގައި ރޭ ބޭއްވި ހަފުލާއެއްގައި، ކެމްޕޭން އޮފީސް ހުޅުވައިދިނީ، ފުވައްލަކުގައި ހަރަކާތްތެރިވާ "ފައިސަލް އާޒިމް" ކެމްޕޭން ޓީމުގެ މެންބަރުންނެވެ.

މި ހަފުލާގައި ފައިސަލް ވެސް މާލޭގައި ހުންނަވައިގެން، ވީޑިއޯ މެދުވެރިކޮށް ބައިވެރިވެވަޑައިގަތެވެ.

ހަފުލާގެ ބައިވެރިންނާ މުޚާތަބުކުރައްވާ ފައިސަލް ދެއްކެވި ވާހަކައިގާ، އޭނާގެ ޚިދުމަތް ފުވައްމުލަކުގެ ރައްޔިތުންނަށް އަބަދުވެސް ލިބެމުންދާނެކަން ފާހަގަ ކުރައްވައި އެ ޚިދުމަތް މުޅި ރާއްޖޭގެ ރައްޔިތުންނަށް ލިބިދިނުމަށް މަސައްކަތް ކުރައްވާކަން ފާހަގަ ކުރެއްވި އެވެ. ވަރަށް ޒުވާން އުމުރުން ފެށިގެން އިޖުތިމާއީގޮތުން ޚިދުމަތްތައް ދިނުމުގެ އިތުރުން ސިޔާސީ ގޮތުން، ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވިކަން ފާހަގަކުރެއްވިއެވެ.

ފުވައްމުލަކުގެ ރައްޔިތުން ތަމްސީލުކުރައްވައި ކުރެއްވި އެ މަސައްކަތުގައިވެސް އިސްކުރެއްވީ ރައްޔިތުންގެ މަސްލަހަތު ކަމާއި، ރައްޔިތުން އެދޭގޮތަށް ގާނޫނުއަސާސީއަށް ބަދަލުތައް ގެންނެވުމަށް އިސްކަންދެއްވައި އެގޮތަށް މަސައްކަތް ކުރެއްވިކަން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ކުރިމަގާ މެދު ފައިސަލް ގެންގުޅުއްވާ ތަޞައްވަރު، ކެމްޕޭން ޓީމާ ހިއްސާ ކުރެއްވި އެވެ. އެ ގޮތުން ރާއްޖޭގައި ވަރުގަދަ އިގްތިސާދެއް ބިނާ ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، ކޮރަޕްޝަނާއި ފަސާދަ ނެތް ސާފު ސަރުކާރެއް ގާއިމުކޮށްދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ކުރީގެ ނައިބްރައީސް ފައިސަލް ނަސީމް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވީ އެމަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ސަރުކާރުގެ ގިނަ ކުންފުނިތަކެއްގެ އެންމެ އިސްމަގާމު ފުރުއްވި އަދި މިހާރުގެ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް އާ އެކު އެވެ.

ފައިސަލްގެ ކެމްޕޭން ކުރިއަށް ގެންދަވަނީ "ފައިސަލް އާޒިމް" ކެމްޕޭންގެ ގޮތުގައެވެ. އެ ދެބޭފުޅުން އެކުގައާއި ވަކިވަކިން ގެންދަވަނީ ކެމްޕޭންގެ އެކި ހަރަކާތްތައް ހިންގަވަމުންނެވެ.

ކޮމެންޓް