
"ޑިޓެންގަލް" ގެ ނަން ދީފައިވާ މި ތަޖުރިބާގެ މަރުހަލާގައިވާ ފުނާ އުފައްދާފައިވަނީ ބެއިޖިންގްގެ ބެއިހާންގް ޔުނިވަރސިޓީގެ ދިރާސާވެރިންނާއި ސިޓީ ޔުނިވަރސިޓީ އޮފް ހޮންގކޮންގްގެ ސައިންސްވެރިން ގުޅިގެންނެވެ.
މި ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސައިންޓިފިކް ޖަރނަލެއް ކަމަށްވާ "ނޭޗަރ ކޮމިއުނިކޭޝަންސް" ގައި ޝާއިއުކުރި ދިރާސާއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ފުނަލަކީ މަޑުމައިތިރި ކަރަންޓު ސްޓިމިއުލޭޝަނާއި، ފަރުވާ ދިނުމަށް ބޭނުންކުރާ މޮލިކިއުލްތައް ސީދާ އިސްތަށިގަހުގެ ބުޑަށް (ހެއަރ ފޮލިކަލްސް) ފޯރުކޮށްދިނުމުގެ މަސައްކަތް އެއްކޮށްލައިގެން މަސައްކަތްކުރާ އެއްޗެކެވެ.
އާންމުކޮށް ބޮލުގައި އުނގުޅާ ބޭސްތަކަށް ބަރޯސާވާ އިސްތަށި ފޭބުމުގެ ފަރުވާތަކާ ޚިލާފަށް، މި އިލެކްޓްރޯނިކް ފުނަލުގައި ހުންނަ ޚާއްޞަ ދަތްތަކުގައި ހިމެނޭ ކުދިކުދި އިލެކްޓްރޯޑްތަކުން، އިސްތަށިގަނޑު ފުނާއަޅަމުންދާއިރު ކަރަންޓުގެ ވައިބްރޭޝަން ނުވަތަ ޕަލްސްތައް އުފައްދައެވެ.
މި ކަރަންޓު ސްޓިމިއުލޭޝަންގެ ސަބަބުން، ފަރުވާ ދިނުމަށް ބޭނުންވާ މޮލިކިއުލްތައް ހަމުގެ ފުންމިނަށް ވާސިލުވެ، އިސްތަށިގަހުގެ ބުޑުތަކަށް މާ ބޮޑަށް ފައިދާކުރާ ގޮތް މެދުވެރިވެއެވެ.
ދިރާސާވެރިން މި އާލާތް ޓެސްޓުކޮށްފައިވަނީ އާންމުކޮށް ތަލަވުމުގެ ސަބަބެއް ކަމަށްވާ "އެންޑްރޯޖެނެޓިކް އެލޮޕީޝިއާ" (ޕެޓާން ހެއަރ ލޮސް) ޖައްސާފައިވާ މީދާތަކެއް ބޭނުންކޮށްގެންނެވެ.
28 ދުވަހަށްފަހު، ކަރަންޓު ސްޓިމިއުލޭޝަނާއި ފަރުވާގެ މޮލިކިއުލްތައް އެކުލެވޭ ފަރުވާ ދިން މީދާތަކުގެ އިސްތަށި ފޭބި ސަރަހައްދުގެ ގާތްގަނޑަކަށް 97.85 އިންސައްތަ ސަރަހައްދެއްގައި ވަނީ އަލުން އިސްތަށި ފަޅާފައެވެ.
އަޅާކިޔާއިރު، އިސްތަށި ފެޅުވުމަށް އެންމެ ފުޅާދާއިރާއެއްގައި ބޭނުންކުރާ އެއް ބޭސް ކަމަށްވާ "މިނޮކްސިޑިލް" ބޭނުންކޮށްގެން ފަރުވާދިން މީދާތަކުގައި އެ މުއްދަތުގެ ތެރޭގައި އިސްތަށި ފަޅާފައިވަނީ ގާތްގަނޑަކަށް 70 އިންސައްތައެވެ.
މި ހޯދުންތަކުން ދައްކަނީ، އާންމުކޮށް ބޮލުގައި އުނގުޅާ ފަރުވާތަކަށްވުރެ މި އާ ޓެކްނޮލޮޖީ މާ ކާމިޔާބު ކަމަށެވެ. އެހެންނަމަވެސް، މި ނަތީޖާތައް އަދި ފެނިފައިވަނީ ހަމައެކަނި ޖަނަވާރުންގެ ގައިންނެވެ.
ދިރާސާކުރި ޓީމުން މި ފުނާ ފަރުމާކޮށްފައިވަނީ، އާންމު ދިރިއުޅުމުގައި އިސްތަށިގަނޑު ރީތިކުރުމުގެ ތެރެއިން ފަސޭހަކަމާއެކު އިސްތަށި ފޭބުމަށް ފަރުވާ ދެވޭނެ ގޮތް ހެދުމުގެ މަޤްޞަދުގައެވެ.
މި އާލާތުގެ ޚާއްޞަ އިލެކްޓްރޯޑްތަކުން އުފައްދާ އިލެކްޓްރިކަލް ފީލްޑްތައް ހަމުގެ ފުނަށް، އިސްތަށިގަހުގެ ބުޑުތަކާ ހަމައަށް ފޯރައި، ބޭހުގެ ކޮމްޕައުންޑްތައް ވާސިލުވުމަށް އެހީތެރިވެދެއެވެ.
ދިރާސާވެރިން ގަބޫލުކުރާ ގޮތުގައި ކަރަންޓު ސްޓިމިއުލޭޝަނާއި އަމާޒުކޮށްދެވޭ މޮލިކިއުލަރ ފަރުވާ އެއްކޮށްލުމަކީ، އިސްތަށި ފޭބުމާ ގުޅުންހުރި ބަޔޮލޮޖިކަލް މައްސަލަތައް ހައްލުކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.
އެހެންނަމަވެސް، ސައިންސްވެރިން އިންޒާރު ދޭގޮތުގައި މި ފުނަލަކީ އަދިވެސް ތަޖުރިބާގެ މަރުހަލާގައިވާ އެއްޗެކެވެ. އަދި އިންސާނުންގެ އިސްތަށި އަލުން ފަޅުވައިދޭނެކަން ކްލިނިކަލީ އަދި ސާބިތުވެފައެއް ނުވެއެވެ.
މި ފުނާ އާންމު ސިއްޙީ ފަރުވާއެއްގެ ގޮތުގައި ބޭނުންކުރުމުގެ ކުރިން، އޭގެ ރައްކާތެރިކަމާއި، ނަތީޖާގެ ފުރިހަމަކަމާއި، އަދި ދިގު މުއްދަތުގެ ނަތީޖާތައް ކަށަވަރުކުރުމަށްޓަކައި އިތުރު ދިރާސާތަކާއި އިންސާނުން ބޭނުންކޮށްގެން ހަދާ ކްލިނިކަލް ޓްރަޔަލްތައް ބޭނުންވާނެއެވެ.
އަލަށް އީޖާދުކުރި މި ފުނަލަކީ، ދުނިޔޭގެ އެތައް މިލިއަން ބަޔަކަށް، ހާއްސަކޮށް ފިރިހެނުންނަށް ދިމާވެފައިވާ ތަލަވުމުގެ މައްސަލައަށް ފަރުވާއެއް ހޯދުމަށް ކުރެވޭ ދިރާސާތަކަށް އެޅުނު ވަރަށް އުންމީދީ ފިޔަވަޅެކެވެ.




