އަމާން އުދަރެސް -2 ވަނަ ޓަވަރުގެ ރައްޔިތުން މިއަދާއި މިރޭވެސް ކަނު އަނދިރީގައި
"މިރޭ ބައެއްފަހަރު ކަރަންޓު ލިބުނު ނަމަވެސް ކަރަންޓު ނުހިފެހެއްޓި ކުއްލި ކުއްލިއަށް ކަރަންޓު ކަނޑައިގެން ގޮސް ރައްޔިތުންގެ އަގޮބޮޑު ކަރަންޓު އާލާތްތައް ދަނީ ހަލާކުވަމުން" - އާންމުން
ހަސަން އިބްރާހީމް 18 ނޮވެމްބަރ 2026 (ބުދަ)   21:56
ހުޅުމާލެ ފޭސް -2 ގައި އަލަށް އާބާދުވެފައިވާ ފަހި ފްލެޓު ސަރަހައްދުގައި ހިމެނޭ އަމާން އުދަރެސް -2 ވަނަ ޓަވަރުގެ ރައްޔިތުން މިއަދާއި މިރޭވެސް ކަރަންޓު ލިބުމުން މަހުރޫމުވެ އެތަކެއް އުނދަގޫތަކަކާ ކުރިމަތިވެފައި ތިބިކަމަށް އެ ރައްޔިތުން ފިޔެސް އަށް މައުލޫމާތު ދީފިއެވެ.

އެ ޓަވަރުތަކުގެ ބެލެނިވެރި ފަރާތްކަމުގައިވާ އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) ގެ އިސް ފަރާތެއްގެ ބަސް މިކަމާ ގުޅިގެން ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވެފައި ނުވާއިރު، އެ ޓަވަރުގައި ދިރިއުޅޭ ރައްޔިތުން ބުނަނީ މިއަދު މެންދުރުން ފެށިގެން ވެސް އެމީހުން އެ ތިބެނީ ކަރަންޓު ނުލިބި އެކަމުގެ އުނދަގޫތައް ތަހައްމަލުކުރުމުގައި ކަމަށެވެ.

މިއަދާއި މިރޭވެސް ގިނަ ވަގުތުތަކެއްގައި ކަރަންޓު ނުލިބި ތިބެންޖެހުނު އިރު، އެ ރައްޔިތުންގެ ޝަކުވާ އަންނަން ފެށުމުން އެފްޑީސީން ބުނެފައި ވަނީ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާ، ކަރަންޓުގެ މައްސަލަ ދިމާވެގެން އުޅެނީ އެ ޓަވަރުގެ އާތު ކޭބަލް ނެތުމުގެ ސަބަބުން ކަމަށެވެ.

އަދި އެ ޓަވަރަށް ކަރަންޓުދިނުމަށް އެފްޑީސީން ކުރި މަސައްކަތުން، މީގެ އިރުކޮޅެއް ކުރިން ކަރަންޓު ލިބުނު ނަމަވެސް ކަރަންޓު ނުހިފެހެއްޓި ކުއްލި ކުއްލިއަށް ކަރަންޓު ކަނޑައިގެން ގޮސް ރައްޔިތުންގެ އަގޮބޮޑު ކަރަންޓު އާލާތްތައް ހަލާކުވަމުން އަންނަ ކަމަށް ވެސް އެރައްޔިތުން ފިޔެސް އާ ވާހަކަ ދައްކަމުން ވަނީ ބުނެފައެވެ.

ފަހި ފްލެޓުތަކުގައި ދިރިއުޅޭ ގިނަ ރައްޔިތުން ބުނާ ގޮތުގައި އެ ޓަވަރުތަކުގެ ކަންކަމަކީ މި ސަރުކާރުން މާބޮޑަށް ސަމާލުކަމެއްދޭ ކަންކަމެއް ނޫނެވެ. އެހެންކަމުން އެ ތަންތަނުގެ ސެކިއުރިޓީ ވެސް ރަނގަޅަށް ނުބެލެހެއްޓި ޓަވަރުތަކުގައި ކަރަންޓު ވައިރިންގ އަށް އަލާފައިވާ އާތު ކޭބަލް ނުވަތަ ލޮއި ނަރު ފަދަ ތަކެއްތި ވެސް ވަނީ ވަގަށް ގެންގޮސްފައެވެ.

އަދި މިކަންކަމުގެ ޝަކުވާ ތަކުރާރުކޮށް އެފްޑީސީއަށް އެ ރައްޔިތުން ހުށަހެޅި ނަމަވެސް އެ ކަމަށް އެއްވެސް އެދެވޭ ހައްލެއް ލިބެމުން ނާންނަކަން ވެސް އެ ރައްޔިތުން ފާހަގަކުރެއެވެ.

ކޮމެންޓް