
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ނޮވެމްބަރު 26 ގައި ބާއްވާ ހަރަކާތަކީ އެމްޑީޕީން އިސްނަގައިގެން އެ ޕާޓީން ބާއްވާ ހަރަކާތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މީގެ އިތުރުން ވެސް ރިފަރެންޑަމަކަށް އެދި އެކި މަސައްކަތްތައް ވެސް އެމްޑީޕީން ކުރިއަށް ގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރަސްމާލެ ވިއްކާލުމުގެ އެއްވެސް މަސައްކަތެއް ފެށުމުގެ ކުރިން އާންމުންގެ ހިޔާލު ހޯދަން ވޯޓެއް ނުނަގައިފި ނަމަ، ސީދާ ހަރަކާތަށް ނުކުމެ މުޒާހަރާ ކުރުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނޮވެމްބަރު 1 ގައި ވަނީ ފާސްކޮށްފަ އެވެ.
އެ ގަރާރުގައި ބުނެފައި ވަނީ، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލޭ މަސައްކަތުގެ އެއްވެސް ކަމެއް ކުރިއަށް ނުގެންދިޔުމަށެވެ. އަދި އެމްޑީޕީގެ އެ ހުށަހެޅުމަށް ސަރުކާރުން އަމަލު ނުކޮށްފި ނަމަ، އެހެން ޕާޓީތަކާއި ޖަމިއްޔާތަކާ އެކު ގުޅިގެން މަގުމައްޗަށް ނުކުތުމަށް ވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ.
މީގެ އިތުރުން، އަންނަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް، ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުން ވެސް ހާމަކޮށްފައި ވާކަން ފާހަގަކޮށްލެވެއެވެ.
މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ވެސް ގައުމީ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެ އެއްވުމުގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެރޭ ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.




