
ރަސްމާލެ މަޝްރޫއުއާ ދެކޮޅަށް މި މަހުގެ 13 ވަނަ ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ބައިވެރިވެވަޑައިގެން ރަސްމާލެ މަޝްރޫއުއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ރައީސް ޔާމީން ވިދާޅުވެފައި ވަނީ، އެ މަޝްރޫއު ދެން އަންނަ ސަރުކާރަކުން ހުއްޓުވާނެކަމާ ބަދަލެއް ވެސް ނުދޭނެ ކަމަށެވެ.
އެކަމާ ގުޅިގެން 14 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަޒާން ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ސައުދި އަރަބިއްޔާގެ ޝާހީ އާއިލާއަށް ފ. އަތޮޅުން ބައެއް ދީގެން ހިނގަން އުޅުނު މަޝްރޫއު ހިންގަން ޔާމީން ބޭނުންވި ދުވަހު، ގާނޫނުއަސާސީއަށް ވެސް ބަދަލު ގެނައި ކަމަށާ، އެކަން ކުރަން އުޅުނީ ވަކި އަދަދަކަށް އިންވެސްޓްކޮށް، ބިމުގެ 70 ޕަސެންޓްގެ ދާއިމީ މިލްކުވެރިކަން (ފްރީހޯލްޑް) ލިބޭ ގޮތަށް ކަމަށެވެ.
އަދި އޭގެ ފަހުން ބޭނުން ކޮންމެ ބަޔަކަށް، އެއީ އިޒްރޭލްގެ ބޮޑުވަޒީރު ނަތަންޔާހޫއަށް އަށް ވިޔަސް ވިއްކާލެވޭ ގޮތަށް، އެއްވެސް ސޭފްގާޑެއް ނެތި ކަމަށް އަޒާން ވިދާޅުވެފައިވެ އެވެ.
މިކަމަށް ރައްދު ދެއްވާ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ޓައުން ހޯލު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ފ. އަތޮޅުގެ މަޝްރޫއު ހިންގުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައި ކަމަށް އަޒާނު ވިދާޅުވި ވާހަކައަކީ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ވެރިކަމުގައި ސައޫދީގެ އިންވެސްޓްމަންޓަކުން ކުރިއަށް ގެންދަން މަސައްކަތް ކުރި ފ. އަތޮޅު މަޝްރޫއަކީ ބޭރުގެ ބަޔަކު ވަޒަންވެރިކުރުވުމަށް ހިންގި މަޝްރޫއެއް ނޫނެވެ. އަދި އެ ބިމަކީ ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ތަނެއް ނޫންކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިހާރުގެ ސަރުކާރުން ހިންގާ ރަސްމާލެ މަޝްރޫއަށް ފާޑުވިދާޅުވަމުން ޔާމީން ވިދާޅުވީ، ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކޮށްގެން ހިންގާ މަޝްރޫއާ ދެކޮޅު ހަދަން ޖެހެނީ، އެއީ ޔަހޫދީން ވަޒަންވެރިކުރުވުމަށް ހިންގާ މަޝްރޫއަކަށް ވާތީ ކަމަށެވެ. އެއީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެއް ނޫން ކަމަށާއި، ޔަހޫދީން ރާއްޖޭގައި ވަޒަންވެރިކުރުވުމަށް ހިންގާ ހީލަތްތެރި ރޭވުމެއް ކަމަށް ވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ، ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދަން ފެނޭތޯ ނުވަތަ ހުއްޓުވަން ފެނޭތޯ ބެލުމަށް އާންމު ވޯޓަކަށް ގޮސްފިނަމަ، ރައްޔިތުންގެ ފަސް އިންސައްތަ ތާއީދު ވެސް އެ މަޝްރޫއަށް ނުލިބޭނެ ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބިމާ ގުޅޭ ކަންކަމުގައި އެންމެ ފަހު ބަސް ބުނުމުގެ ހައްގު ރައްޔިތުންނަށް އޮންނަން ޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ހަމައެއާއެކު، ބިމެއް ފުރަތަމަ 99 އަހަރަށް މިލްކުކުރުމަށް ފަހު، ދަރިންނަށާއި ދަރިންގެ ދަރިންނަށް ވާރުތަވަމުން ދާއިރު ކޮންމެ ފަހަރަކު 99 އަހަރު އިތުރުވާ އުސޫލެއް އޮތުމަކީ، ދުވަހަކު ވެސް އެ ތަނެއް ދައުލަތަށް އަނބުރާ ނުލިބޭނެ ގޮތަކަށް ކަންކަން ބައްޓަންކުރުން ކަމަށް ވިދާޅުވެ ރައީސް ޔާމީން ކަންބޮޑުވުން ފާޅުކުރެއްވިއެވެ.




