އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް - ފޮޓޯ: އެމްޑީޕީ
މުއިއްޒު ކަންކުރައްވާގޮތުން އިންވެސްޓަރުން ކުރިމަތީ ރާއްޖޭގެ އަގު ދާނީ ވެއްޓެމުން
ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ގައުމަށް އޮތް ނުރައްކަލެއް، ރަސްމާލެ މަޝްރޫއުގެ ދަށުން ބިންތައް ދޫކުރަނީ ގާނޫނުއަސާސީއާ ހިލާފަށް - ފައްޔާޒް
ހިޝާމް ހާރޫން 22 ނޮވެމްބަރ 2026 (އާދީއްތަ)   11:46
ރައީސް މުއިއްޒު ކަންކުރައްވާ ގޮތުން ބޭރުގެ އިންވެސްޓަރުންގެ ކުރިމަތީގައި ވެސް ރާއްޖޭގެ އަގު ވެއްޓެމުން ދާއިރު، ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ވެސް ގައުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާ، ރަސްމާލެ މަޝްރޫއުގެ ދަށުން ބިންތައް ދޫކުރަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުން އަބަދު މަޑަކުން ނުތިބޭނެ ކަމަށާ، ރައީސް މުއިއްޒުގެ ސިޔާސަތުތަކާއި އަމަލުތައް ހުންނަ ގޮތުން، ބޭރުގެ އިންވެސްޓަރުންގެ މެދުގައި ރާއްޖެއަށް އޮތް އިތުބާރާއި އަގު ގެއްލި، ދާނީ ވެއްޓެމުން ކަމަށެވެ.

މި ސަރުކާރުން ގާނޫނުތަކަށް ބަދަލު ގެނައުމުގެ މަގުސަދާ ގުޅޭގޮތުން ވާހަަދައްކަވަމުން ފައްޔާޒް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ރައީސްކަމުގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް، އަމިއްލަފުޅަށް ބޭނުންފުޅުވާ ކޮންމެ ގޮތަކަށް ވެރިކަން ނުކުރެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށްޓަކައި ގާނޫނުތަކަށް މުހިންމު ބަދަލުތަކެއް ގެންނަން އެބަޖެހޭ ކަމަށެވެ.

އެގޮތުން އެމްޑީޕީން "ބޮޑު ބަދަލު" ގެ ނަމުގައި ގެންނަން މަސައްކަތްކުރާ އިސްލާހުތަކުގެ އެންމެ ބޮޑު އެއް މަގުސަދަކީ ވެސް ވެރިކަމުގެ ބާރުތައް ހަމަހަމަކޮށް، އެއްވެސް ވެރިއަކަށް ބޭނުންހާ ގޮތަކަށް ކަންކަން ނުކުރެވޭނެ މަގު ތަނަވަސްކުރުން ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

އަދި، މި ސަރުކާރުން ބޮޑެތި މަޝްރޫއުތައް ހަވާލުކުރާ އުސޫލުތަކަށް ފާޑުވިދާޅުވެ، ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ވެރިކަމުގައި މަޝްރޫއުތައް ހިންގާފައިވަނީ މިހާރު ރަސްމާލެ މަޝްރޫއުގެ ދަށުން ބިން ދޫކުރުމުގައި ގެންގުޅޭ އުސޫލުތަކާ މުޅިން ތަފާތުކޮށް ކަމަށެވެ. މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ނޫނު އަތޮޅުން އޭރު ތަންތަން ދޫކޮށްފައިވަނީ ޓޫރިޒަމްގެ ގާނޫނުގެ ދަށުން ރިސޯޓު ތަރައްގީކުރުމުގެ ބޭނުމުގައި ކަމަށެވެ.

ނަމަވެސް ރަސްމާލެ މަޝްރޫއަކީ ރިއަލް އެސްޓޭޓު މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކުރައްވައި، ފައްޔާޒު ވިދާޅުވީ އެ މަޝްރޫއުގެ ދަށުން ބިންތައް ދޫކުރަނީ ދާއިމީ ގޮތެއްގައި ލިބޭނެހެން، ކޮންމެ 99 އަހަރަކުން އައުވަމުންދާ ގޮތަށް ކަމަށެވެ.

މިސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލުތަކަކީ ރާއްޖެއަށާއި ދިވެހި ރައްޔިތުންނަށް ލިބޭ ބޮޑު ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވަމުން ފައްޔާޒު ވިދާޅުވީ، ވަކިން ހާއްސަކޮށް، ރިއަލް އެސްޓޭޓު ބިލުގައި ގާނޫނުއަސާސީއާ ހިލާފަށް 99 އަހަރުގެ މުއްދަތަށް ދިވެހި ބިން ދޫކޮށްލެވޭނެ ގޮތަށް ހީލަތްތެރި މާއްދާތަކެއް ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުރުން، ރަސްމާލެ މަޝްރޫއާ ގުޅޭ ގޮތުން އާންމު ވޯޓެއް ނުވަތަ ރެފަރެންޑަމަކަށް ގޮސްފިނަމަ، އެ ވޯޓުން ބޮޑު ތަފާތަކުން ބަލިވާނެކަން ރައީސް މުއިއްޒަށް ސާފުކޮށް އެނގިވަޑައިގަންނަވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒް މިފަދައިން ވާހަކަ ދައްކަވާފައި ވާއިރު، ރަސްމާލޭގެ ބިމުން 500 ހެކްޓަރަށް ވުރެ ބޮޑު ބައެއް 99 އަހަރަށް ބޭރުގެ ބަޔަކަށް ދިނުމާމެދު ދިވެހިރައްޔިތުންގެ ތެރެއިން ގިނަބަޔަކު ނުރުހުންފާޅުކުރަމުން ދާހިނދު، އެމައްސަލައިގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމަށް ގޮވާލާ އެމްޑީޕީން އަންނަ ބުރާސްފަތި ދުވަހު މަގުމައްޗަށް ނުކުންނާނެކަމަށް އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު އިއްޔެ ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ރަސްމާލޭގެ ބިމުން ބޮޑުބައެއް އަބޫދާބީގެ އީގަލް ހިލްސް ކުންފުންޏަށް ދިނުމާ ދެކޮޅަށް "ދިވެހިންގެ ބިން ދިވެހިންނަށް" މި ޝިއާރުގެދަށުން ކުރިއަށްދާ ގައުމީ ހަރަކާތުން ވެސް އަންނަ ޑިސެމްބަރު މަހުގެ 4 ވަނަދުވަހު، ރަސްމާލެ މަޝްރޫއާ ދެކޮޅު ބޮޑުއެއްވުމެއް އަނެއްކާވެސް މާލޭގައި ބާއްވާނެކަމަށް ވަނީ ހާމަކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.

މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ވެސް ގައުމީ ހަރަކާތުން މާލޭގައި ބޮޑު އެއްވުމެއް ބާއްވާފައި ވާއިރު، އެ އެއްވުމުގައި އެމްޑީޕީން ވެސް ވަނީ ބައިވެރިވެފައެވެ. އަދި އެރެއަކީ މޫސުން ވަރަށްބޮޑަށް ގޯސް ރެއެއް ނަމަވެސް، ރަސްމާލޭގެ ބިމުން ބޮޑުބައެއް ބޭރުގެ ބަޔަކަށް ދިނުމާ ދެކޮޅަށް އަޑު އުފުލުމަށް އެރޭ ބޭއްވި އެއްވުމުގައި ގިނަ ބަޔަކު ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް