
ރަސްމާލެ މަޝްރޫއާ ދެކޮޅަށް މަސައްކަތް ކުރުމަށް އުފައްދާފައިވާ "ދިވެހިންގެ ބިން ދިވެހިންނަށް" ގައުމީ ހަރަކާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެމްޑީޕީގެ ނިންމުމަށް މަރުހަބާ ވިދާޅުވެ، އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ ކުރީގެ ހޯމް މިނިސްޓަރު، އިމްރާން އަބްދުﷲ ވިދާޅުވީ، ގައުމީ ހަރަކާތުން ޑިސެމްބަރު 4 ގައި ބާއްވަން ނިންމާފައިވާ ބޮޑު އެއްވުން ޑިސެމްބަރު 3 ގެ ރޭގަނޑަށް ބަދަލުކޮށްފައިވާ ކަމަށާ، އެ ބަދަލު ގެންނަން ޖެހުނީ ޑިސެމްބަރު 4 ގައި އާޓިފިޝަލް ބީޗުގައި މިއުޒިކް ޝޯއެއް ބާއްވާތީ ކަމަށެވެ.
ރެސިޑެންސީ ވިސާ އާއި ޓައުންސިޕް މަސްރޫއުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ރަށްވެހިކަމާއި ބިން މިލްކުވުމުގެ ފުރުސަތު ލިބޭ ގޮތަށް ގެނެސްފައިވާ ބަދަލުތަކަކީ ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދީނީ އެއްބައިވަންތަކަމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ޝެއިޚް އިމްރާން ވިދާޅުވިއެވެ.
އިމްރާން ވިދާޅުވި ގޮތުގައި، އެއް ބަހަކުން ވާހަކަދައްކާ، އެއް ދީނަކަށް އުޅޭ އެއްބައިވަންތަ ރައްޔިތެއް ދިރިއުޅޭ ރާއްޖޭގައި، ބޭރުގެ ފަރާތްތަކަށް ރައްވެހިކަން ދިނުމަކީ މުޅި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ގޮންޖެހުން އޮތް މައްސަލައެކެވެ. އަދި އެސްއީޒެޑު ގާނޫނު އިސްލާހުކުރީ، އެ ގާނޫނުގެ ނިވަލުގައި ރާއްޖެއިން ބޭރުގެ މުއްސަނދިންނަށާއި ކުށްކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ހޯދައިދީގެން، އެ ފަރާތްތަކުގެ ފުށުން މާލީ މަންފާ އާއި ނާ ޔާއިދު ފައިދާތައް ސަރުކާރުން ނެގުމަށް ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
ސިޓިޒަންސިޕް އާއި އެސްއީޒެޑުގެ ބަދަލުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން، ޝެއިޚް އިމްރާން ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒު ފުރަތަމަ މަސައްކަތް ކުރެއްވީ ސިޓިޒަންސިޕް ގާނޫނަށް ބޮޑު ބަދަލެއް ގެނެސްގެން ދުނިޔޭގެ މުއްސަނދިންނާއި ނުފޫދުގަދަ ފަރާތްތަކާއި ބޮޑެތި ކުށްތައް ކޮށްގެން ގައުމުތަކުން ބޭރުކުރާ މީހުންނަށް ރާއްޖޭގެ ރަށްވެހިކަން ހޯދައިދިނުމަށެވެ. ނަމަވެސް ކެބިނެޓުން އެކަމަށް ނުރުހުމުން، ދެން މަސައްކަތް ފެއްޓެވީ އެސްއީޒެޑު ގާނޫނަށް ބަދަލު ގެނެސްގެން އެކަން ހާސިލުކުރެއްވުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ކިތަންމެ ގިނަ ފައިސާއެއް ދިނަސް އަދި އިންވެސްޓް ކުރިކަމުގައި ވިއަސް، ރެސިޑެންސީ ވިސާގެ ތެރެއިން ރާއްޖޭގެ ރަށްވެހިކަން ބޭރުގެ ފަރާތްތަކަށް ދޭންޖެހޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ފަހު ރައްޔިތުންގެ ނިންމުމަކުން ކަމަށެވެ.
އަދި ރެސިޑެންސީ ވިސާ އާއި "ދަ މޯލްޑިވްސް ޕާލް ރެސިޑެންސް" އާ ގުޅޭގޮތުން ޝެއިޚް އިމްރާން ވިދާޅުވީ، ކުރީ ސަރުކާރުން ދިން 5 އަހަރުގެ ވިސާއަކީ ރާއްޖެއަށް އެތެރެ ވުމާއި ބޭރުވުމުގައި ލުއިފަސޭހަތަކެއް ދިނުމުގެ އިތުރުން އެހެން އިނާޔަތެއް ހިމެނިފައި ނުވާ ވިސާއެއް ކަމަށެވެ.
"ދަ މޯލްޑިވްސް ޕާލް ރެސިޑެންސް": އިންވެސްޓުކޮށްގެން ރާއްޖޭގައި ދިރިއުޅެވޭ ގޮތަށް ހިންގާ ރެސިޑެންސީ ބައި އިންވެސްޓްމަންޓް ޕްރޮގްރާމް، 5 ނޮވެމްބަރު 2025 ގައި ލަންޑަނުގައި ބޭއްވި 19 ވަނަ ގްލޯބަލް ސިޓިޒަންސިޕް ކޮންފަރެންސްގައި ރަސްމީކޮށް އިއުލާންކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. މި ޕްރޮގްރާމް ފަރުމާކޮށް ފެށުމަށް ހެންލީ އެންޑް ޕާޓްނާސްއާ އެކު ސޮއިކުރީ ރައީސް މުއިއްޒު ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ބޭއްވި އިންވެސްޓްމަންޓު ފޯރަމްގައެވެ.
އެސްއީޒެޑު ގާނޫނުގެ 1 ވަނަ އިސްލާހު: ގާނޫނު ނަންބަރު 2014/24 (ސްޕެސަލް އިކޮނޮމިކް ޒޯނުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު ތަސްދީގުކޮށް ގެޒެޓުކުރީ 6 ނޮވެމްބަރު 2025 ގައެވެ. އިމްރާން ވިދާޅުވި ގޮތުގައި، 500 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އިންވެސްޓްމަންޓަކަށް ވާން ޖެހޭނެ ކަމަށް ބުނެފައި ވިއަސް، ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ތެރެއިން އާދައިގެ ރަށެއްގައި ސްކޫލެއް، ކުނި މެނޭޖުކުރާ ސެންޓަރެއް ނުވަތަ ދަޑު ހައްދަން ފަޅުރަށެއް ނަގައި އިންވެސްޓްކުރާ ފަރާތްތަކަށް ބިން މިލްކުވެ، އަދި ރެސިޑެންސީ ވިސާގެ ތެރެއިން 100,000 ޑޮލަރު އިންވެސްޓްކުރާ ފަރާތްތަކަށް ރާއްޖޭގެ ރަށްވެހިކަން ލިބޭ ގޮތަށް މި ގާނޫނު ފަރުމާކޮށްފައި ވެއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިމްރާން ވަނީ ރަސްމާލެ މަޝްރޫއުއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ތަކުރާރުކުރައްވައި، އެކަން އެގޮތަށް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ނުދިނުމަށް ދިވެހި ފުލުހުންނާއި ސިފައިންނަށް ވެސް އިލްތިމާސް ކުރައްވައިފަ އެވެ.
އެގޮތުން، އޭނާ ވިދާޅުވީ ގާނޫނުތަކަށް ބަދަލު ގެނެސްގެންވިޔަސް، ރާއްޖޭގައި އެހެން ދީންތަކެއްގެ ބަޔަކު ވަޒަންވެރި ކުރުވުމަށް ކުރާ މަސައްކަތް ހުއްޓުވުމަކީ ދިވެހިރާއްޖޭގެ ދިފާއީ ބާރުތަކުގެ ދީނީ އަދި، ގައުމީ ވާޖިބެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި، އެކަން ނުހުއްޓުވައި ތިބުމަކީ ގައުމަށް ވެވޭ އިހުމާލެއްގެ ގޮތުގައި އިމްރާން ތަކުރާރުކޮށް ސިފަކުރެއްވި އެވެ.




