އެމްޑީޕީ އެތެރޭގެ އިންތިޚާބެއްގައި ވޯޓުލުމުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
އެމްޑީޕީ އިންތިހާބުގެ ވޯޓުފޮށި ބަހައްޓާ މަރުކަޒުތައް އާންމުކޮށްފި
ހިޝާމް ހާރޫން 25 ނޮވެމްބަރ 2026 (ބުދަ)   07:15
ރާއްޖޭގެ އެންމެ ދުވަސްވީ އަދި އިދިކޮޅު އެންމެބޮޑު ޕާޓީ އެމްޑީޕީން އަންނަ ހުކުރު ދުވަހު ބާއްވާ އެޕާޓީގެ އިންތިހާބުގެ ވޯޓުފޮށިތައް ބަހައްޓާނެ މަރުކަޒުތައް އާންމުކޮށްފި އެވެ.

އެމްޑީޕީން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާގޮތުން އެޕާޓީގެ މަގާމުތަކަށް މެންބަރުން އިންތިހާބުކުރުމަށް ޖުމްލަ 252 ވޯޓު ފޮށްޓެއް މުޅި ރާއްޖޭގައި ބަހައްޓާނެއެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައިހެން ވޯޓުފޮށިތައް ބެހެއްޓުމަށް ނިންމާފައިވާއިރު، އާންމުގޮތެއްގައި ވޯޓުފޮށިތައް ބެހެއްޓުމަށް ކަނޑައަޅާފައިވަނީ އެ ރަށެއްގައި ހުންނަ ސްކޫލެކެވެ.

މާލެ އާއި މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ވޯޓް ލުމަށްޓަކައި މާލެ އާއި ހުޅުމާލޭގައި ގިނަ އަދަދެއްގެ ވޯޓުފޮށިތައް ބަހައްޓަން ކަނޑައަޅާފައި ވަނީވެސް އާންމުގޮތެއްގައި ސްކޫލްތަކުގައެވެ.

އެމްޑީޕީ އިންތިހާބް 2026 ގައި ހޮވުމަށް ކަނޑައަޅާފައިވާ މަގާމުތައް:

  • އަތޮޅު އަދި ސިޓީތަކުން ގައުމީ މަޖިލިސް އަށް އިންތިހާބުކުރާ މެންބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ގައުމީ މަޖިލިސް މެންބަރުން
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ނައިބް ރައީސް
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ އަންހެން ސެކްރެޓަރީ
  • ރަށު އަދި ސިޓީ ދާއިރާތަކުގެ ޒުވާނުންގެ ސެކްރެޓަރީ
  • އަންހެނުންގެ ރޫހުގެ ރައީސް
  • އަންހެނުންގެ ރޫހުން ގައުމީ މަޖިލިސް އަށް އިންތިހާބުކުރާ 5 މެންބަރުން
  • ޒުވާނުންގެ ހިތްވަރުގެ ރައީސް
  • ޒުވާނުންގެ ހިތްވަރުން ގައުމީ މަޖިލިސް އަށް އިންތިހާބުކުރާ 5 މެންބަރުން


މި މަގާމުތަކަށް ޖުމްލަ 1102 ކެންޑިޑޭޓުން ކުރިމަތިލާފައި ވާއިރު، މީގެ ތެރެއިން ބައެއް މަގާމުތަކަށް ކުރިމަތިލެއްވި ކެންޑިޑޭޓުންގެ އަދަދުގެ ސަބަބުން މަގާމު ވަނީ ކަށަވަރު ވެފައެވެ.

އެހެންނަމަވެސް، ބައެއް ދާއިރާތަކަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތިލައި ވަރަށް ފޯރިގަދަކޮށް ކެމްޕޭން ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ނޮވެމްބަރު 27، ވާ ހުކުރު ދުވަހު ބާއްވާ މި އިންތިހާބުގައި ވޯޓުލުން އޮންނާނީ އެދުވަހުގެ މެންދުރު 14:30 އިން ރޭގަނޑު 20:30 އާ ހަމައަށެވެ.

ވޯޓު ލާ ނިންމުމަށްފަހު ހަމަ އެރޭ ވަގުތީ ނަތީޖާ އިއުލާންކުރަން ތަވަލުކޮށްފައިވާއިރު، އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނީ ނޮވެމްބަރު 30 ގައެވެ.

ކޮމެންޓް