އެމްޑީޕީއން ބާއްވާ އަހާބަލަ އިޙްތިޖާޖު އިޝްތިހާރު ކުރުމަށް މާލޭގައި ކުރިއަށް ގެންދިޔަ ސައިކަލް ބުރުގެ ތެރެއިން.-- ފޮޓޯ: އެމްޑީޕީ
ރިއަލް އެސްޓޭޓް ބިލުގެ ކޮމިޓީ ބައްދަލުވުމަށް އެމްޑީޕީން ހާޒިރުވަނީ ނަޝީދާއި ފައްޔާޒު
ހިޝާމް ހާރޫން 25 ނޮވެމްބަރ 2026 (ބުދަ)   09:33
ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް މަޝްވަރާއާއި ހިޔާލު ދިނުމަށް އެމްޑީޕީގެ ފަރާތުން ހާޒިރުވާނީ ޕާޓީގެ ޗެއާޕާސަން ރައީސް މުހައްމަދު ނަޝީދާއި، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ކަމަށް އެ ޕާޓީން ރައްޔިތުންގެ މަޖިލީހަށް އަންގައިފިއެވެ.

ރަސްމާލެއިން ހިއްކަމުންދާ ބިމުން ބޮޑުބައެއް ޔޫއޭއީގެ އީގަލް ހިލްސްއަށް ދޫކޮށްލުމަށް މަގުފަހިވާ ގޮތަށް މިސަރުކާރުން ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ޕާޓީތަކާއި ޖަމިއްޔާތަކުގެ ހިޔާލު ހޯދަން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ވަނީ ފާސްކޮށްފައެވެ.

އެ ފުރުސަތުގެ ބޭނުން ހިފައި އެމްޑީޕީން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީގައި ބުނީ މަޖިލީހަށް ހުށަހަޅާފައިވާ ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް މަޝްވަރާ ކުރުމަށް ދިން ފުރުސަތު ގަބޫލުކުރާ ކަމަށެވެ. އަދި އެ ޕާޓީ ތަމްސީލު ކުރައްވާނީ ރައީސް ނަޝީދާއި ފައްޔާޒު ކަމަށެވެ.

މި ބިލުގެ މަސައްކަތް ކޮމިޓީ މަރުހަލާގައި އޮތްއިރު، އެމްޑީޕީން މިހާރު ވަނީ ރަސްމާލެ މަޝްރޫއު ކުރިއަށް ގެންދިޔުމުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި މުޒާހަރާ ކުރަން ނިންމާފައެވެ.

"އަހާބަލަ" ނަމުގައި ބާއްވާ މި މުޒާހަރާ ބާއްވަން ނިންމާފައިވަނީ އަންނަ ބުރާސްފަތި ދުވަހުގެރޭ 9:00 ގައި އާޓިފިޝަލް ބީޗް ގައެވެ.

މި މުޒާހަރާއާ ގުޅޭގޮތުން އެމްޑީޕީގެ ޗެއާޕާސަން ނަޝީދު އާންމުކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ކާމިޔާބާއެކު ކަމެއް ހިންގޭނީ ރައްޔިތުންގެ ރުހުން އެކަމަށް ލިބިގެން ކަމަށެވެ.

"ކާމިޔާބާއެކު ހިންގޭ ކަންކަން ހިންގޭނީ ރައްޔިތުންގެ ރުހުން އެކަމަށް ލިބިގެން، ރައްޔިތުން ކައިރީގައި އަހާން ޖެހޭ، ގިނަގިނައިން އަހާންޖެހޭ، ފުށިދިއްގަރު ފަޅުގެ މަޝްރޫއުއާ ގުޅޭގޮތުން ރާއްޖޭގެ ރައްޔިތުން ކައިރީގައި އެހުމަކީ ކޮންމެހެން ބޭނުންތެރިކަމެއް،" ނަޝީދު ވިދާޅުވިއެވެ.

މުޒާހަރާ އިޝްތިހާރު ކުރުމުގެ ގޮތުން އިއްޔެ ހަވީރު އެމްޑީޕީން ވަނީ މާލޭގައި ސައިކަލު ބުރެއްވެސް ބާއްވާފައެވެ. އެ ސައިކަލު ބުރުގައި ނަޝީދާއި ފައްޔާޒު ވެސް ބައިވެރިވެވަޑައިގަތެވެ.

ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް އާންމުންނާއި ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 2 ޑިސެމްބަރު 2026 ގެ ނިޔަލަށް ހުޅުވާލާފައި ވާއިރު، ކޮމިޓީން އަމާޒު ހިފާފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް މި ބިލުގެ މަސައްކަތް އެއްކޮށް ނިންމުމަށެވެ.

ކޮމެންޓް