އެމްޑީޕީގެ ޗެއާޕާސަން ރައީސް މުޙައްމަދު ނަޝީދު.-
ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ
ރައްޔިތުން ގާތު ނާހައި، ޖީއެމްއާރަށް އެއާޕޯޓް ދިނުމަކީ ހެދުނު ގޯހެއް: ރައީސް ނަޝީދު
ހިޝާމް ހާރޫން 27 ނޮވެމްބަރ 2026 (ހުކުރު)   07:13
ރާއްޖޭގެ މުޅި މިސްރާބު ބަދަލުވާ ކަންކަން ހަމައެކަނި ވެރިންނަށް ފެންނަގޮތަކަށް ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ޗެއާޕާސަން މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިމޭރުމުން ވިދާޅުވީ، ޔޫއޭއީގެ އީގަލް ހިލްސްއަށް ރަސްމާލެއިން ބައެއް ދޫކޮށްލުމުގެ ކުރިން ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި އެމްޑީޕީން ރޭ ކުރިއަށްގެންދިޔަ އިހުތިޖާޖުގައި ވާހަކަ ދައްކަވަމުންނެވެ.

"އަހާބަލަ" ނަމުގައި ބޭއްވި އިހުތިޖާޖުގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަވާލުކުރުމުގެ ކުރިން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޝްވަރާއެއް ނުހޯއްދެވުމަކީ ހެއްދެވުނު ގޯހެއްކަމަށާއި މިއަދު ވާހަކަ ދައްކަވަނީ އެ ތަޖުރިބާގެ މައްޗަށް ކަމަށެވެ.   

"ރާއްޖޭގެ މުޅި މިސްރާބު ބަދަލުވާ ކަންކަން ކުރިއަށް ގެންގޮސްގެން ނުވާނެ ހަމައެކަނި ރާއްޖޭގެ ވެރިންނަށް ފެންނަ ގޮތަކަށް. ބޭފުޅުން އަޅުގަނޑު ކައިރީގައި އަހާ ކީއްވެހެއްޔޭ ޖީއެމްއާރަށް އެއާޕޯޓް ކޮންޓްރެކްޓަށް ދިން އިރުގައި އަޅުގަނޑުމެން ނޭހީ. އަޅުގަނޑު މިއަދު މި ބުނަނީ އެއީ ގޯހުންނޭ. އެއީ ގޯހުންނޭ،" ނަޝީދު ވިދާޅުވިއެވެ.

"އެ ތަޖުރިބާގައޭ އަޅުގަނޑު މިހުރީ މިތަނަށް އައިސް. އަޅުގަނޑުމެންނަށް އެނގެއޭ ރައްޔިތުން ގާތުގައި ނާހައި ކުރާ ކަމަކުން ކާމިޔާބެއް ނުލިބޭނެ. ކޮންމެ ކަމެއްގެ ފަހަތަށް ރާއްޖޭގެ މުޅި ރައްޔިތުން އެބަ އަންނަންޖެހޭ. އެ ރައްޔިތުންނަށް އެބަ އެނގެންޖެހޭ."

ނަޝީދު ވިދާޅުވީ މާލެ ސަރަހައްދަށް މީހުން ޖަމާކުރަން ފުށިދިއްގަރު ފަޅުގައި ރެޒިޑެންސީގެ އެ ޕްރޮޖެކްޓް ހިންގައިގެން ނުވާނެ ކަމަށާއި އެތަނުގައި އެކަން ކޮށްފިނަމަ ރާއްޖެ ހަލާކުވާނެ ކަމަށެވެ.

މީގެއިތުރުން ގައުމުތަކުން ދަރަނީގެ ތުންފަތްމައްޗަށް އައުމުން ފައިސާ ހޯދަން ނުއަގުގައި ކަންކަން ކުރަމުންދާކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ މުއިއްޒު ކުރައްވާ ކަންތައްތައް ކުރައްވަން ދޫކޮށްނުލެވޭނެ ކަމަށެވެ.

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓަކާ ނުލައި ރަސްމާލެ މަޝްރޫއު ކުރިއަށް ނުގެންދިޔުމަށް އެމްޑީޕީން ގޮވާލާފައި ވާއިރު، އޭގެ ކުރިންވެސް ގައުމީ ހަރަކާތުގެ ނަމުގައި ބާއްވާ އެއްވުންތަކުގައިވެސް އެ މަޝްރޫއުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ރައްޔިންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ދަނީ ގޮވާލަމުންނެވެ.

އެހެންނަމަވެސް، އެ ކަމުގައި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓެއް ނުނަގާނެ ކަމަށް ރައީސް މުއިއްޒު، 9 ނޮވެމްބަރު ވީ ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

ރަސްމާލޭގައި ވޯޓާފްރަންޓް އަދި މެރީނާ މަޝްރޫއެއް ތަރައްގީކުރުމަށް 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަށް ދިވެހި ސަރުކާރާއި އީގަލް ހިލްސްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރީ މިއަހަރުގެ ސެޕްޓެންބަރު މަހުގެ 21ވަނަ ދުވަހު އެވެ. 

ރަސްމީ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން، ގާނޫނީ ގޮތުން ވާންޖެހޭ ބައެއް ތައްޔާރީތައް ވުމުގެ މަސައްކަތް ސަރުކާރުން މިހާރު ކުރަމުންދާއިރު، ރަސްމާލެ އެއްބަސްވުމަށް ފަހިވާގޮތަށް އެކުލަވާލާފައިވާ ރިއަލް އެސްޓޭޓް ބިލުގެ މަސައްކަތް މިހާރު އޮތީ މަޖިލީހުގެ ކޮމިޓީ މަރުހަލާގައެވެ. 

ކޮމެންޓް