ފަހީ ޔޫނިއަން އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފްލެޓު އެއްބަސްވުން ހަދާފައިވާ ފަރާތްތަކަށް ނޭނގި އެއަށް ވަނީ ބަދަލު ގެނެސްފައި
އެ އެއްބަސްވުންތަކުގައި ނުރައްކާތެރި މާއްދާތަކެއް ހުރިކަން ސަރުކާރުގެ ސަމާލުކަމަށް ގެންނަން - ފަހި ޔޫނިއަން
މުޙައްމަދު ޤާސިމް 27 ޖުލައި 2025 (އާދީއްތަ)   13:54
ފާއިތުވި އެމްޑީޕީ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާތްކުރާ 4،000 ފުލެޓުތައް ދޫކުރުމަށް އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) އިން ހެދި އެއްބަސްވުންތަކުގައި، އެ އެއްބަސްވުން ހެދި އާންމު ރައްޔިތުމީހާއަށް އެނގުމަކާ ނުލާ، ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ ކަމަށް ފަހި ޔޫނިއަން އިން ބުނެފިއެވެ.

ފަހި ޔޫނިއަންގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޔޫނިއަންގެ ފަރާތުން ފްލެޓްތަކުގެ ހައްގުވެރިންގެ ދިފާއުގައި ޤާނޫނީ މަސައްކަތްކުރައްވާ މަޝްހޫރު ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ، ސަރުކާރުގެ އިޖުތިމާއީ ބޯހިވާހިކަމުގެ އެއްވެސް ސްކީމެއްގައި ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް މިވީ ހިސާބަށް ހަދާފައި ނުވާ ކަމަށާ، ނަމަވެސް، 4،000 ފުލެޓު ލިބޭ މީހުންނާ ދެމެދު ހަދަނީ ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް ކަމަށް ވާއިރު، އެ ފުލެޓު މިލްކު ވަނީ ކުއްޔަށް ފައިސާ ދައްކާތާ 25 އަހަރު ފަހުން ކަމަށެވެ.

ނަމަވެސް މި އެއްބަސްވުން ތަކަކީ ފްލެޓު ހައްގުވެރިންނާއެކު ކުރީ ސަރުކާރުން އެކުލަވާފައިވާ އެއްބަސްވުމެއް ކަމަށްވާތީ، މާފަހުން އެ އެއްބަސްވުން، އެ ފަރާތްތަކަށް ވެސް އެނގުމަކާނުލާ ބަދަލު ނުގެނެވޭނެ ކަމަށާ، އެފަދަ އެއްބަސްވުމެއް ހަދާނަމަ ސިޔާސަތު ބަދަލުކޮށްގެން، މި ސަރުކާރުން އަލަށް އިއުލާނުކުރާ ފުލެޓުތަކަކާ ގުޅުވާ ހެދިދާނެ ކަމަށް އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވިއެވެ.

"އެއީ ރައީސުލްޖުމްހޫރިއްޔާ ވެސް ވައުދުވެވަޑައިގެން ފައި އޮތްގޮތް، މިހާރު މިއޮތް ފުލެޓުތަކާ ގުޅިގެން މިކަމެއް ބަދަލެއް ނުކުރެވޭނެ." އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވިއެވެ.

މިހާރު ބަދަލު ގެނެސްފައިވާ އެއްބަސްވުމުގައި ނުރައްކާތެރި މާއްދާތަކެއް އެބަހުރިކަން ފާގަކުރައްވާ އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވީ، އެގޮތުން ފާހަގަކޮށްލެވޭ އެއް މާއްދާއަކީ، އެ އެއްބަސްވުމުގެ 18 ވަނަ މާއްދާ ކަމަށެވެ.

އެ މާއްދާއާ ހަވާލާދީ ޢަލީ ޙުސައިން ވިދާޅުވީ، އެއްވެސް ސަބަބަކާ ހެދި ކުލި ނުދެއްކިއްޖެ ނަމަ ނޯޓިސް ދީފައި ފުލެޓު އަތުލުމުގެ ބާރު އޮތް ކަމަށް ބުނެފައިވާތީ ޤާނޫނީ ގޮތުން އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ. އަދި މީގެ އިތުރުން އެ އެއްބަސްވުމުގެ 25 ވަނަ މާއްދާއާ ހަވާލާދީ ޢަލީ ޙުސައިން ވިދާޅުވީ، ކުލި ނުދެއްކިއްޖެނަމަ، އެހެން މީހަކަށް ފުލެޓު ވިއްކުމުގެ ބާރު އެފްޑީސީއަށް ލިބިފައި އޮތް އޮތުމަކީ ވެސް އާންމު ރައްޔިތުންނަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.

" ކުއްޔަށް ދިނުމުގެ އެއްބަސްވުމެއް މި ސަރުކާރުން އެކުލަވާލާފައިވާތީ އެކަމުން މި އިނގެނީ، ސަރުކާރުގެ މަގުސަދަކީ ހަގީގަތުގައި ކޮންމެހެން ރައްޔިތުންނަށް ފުލެޓެއް ދިނުމެއް ނޫންކަން " އަލްއުސްތާޛު ޢަލީ ޙުސައިން ވިދާޅުވިއެވެ.

އަދި މިގޮތަށް މިކަންކަން ހިނގަމުން އަންނަކަން ފަހަރުގައި ރައީސް މުއިއްޒުއަށް އެނގިވަޑައިނުގެން އޮވެދާނެ ކަން ފާހަގަކުރައްވާ ޢަލީ ޙުސައިން ވިދާޅުވީ، ކުރީ ސަރުކާރުގައި ފުލެޓު ލިބޭ މީހުންނާ އެކު އެއްބަސްވުން އެކުލަވާލާފައި ވާއިރު، އެފްޑީސީން ކުރިން އެކުލަވާލި އެއްބަސްވުމަށް ކޮންމެހެން ވެސް ރުޖޫއަވާން އެބަ ޖެހޭ ކަމަށެވެ.

ފުލެޓުތަކުގެ ޑައުންޕޭމަންޓާއި ކުލި ބޮޑުކޮށް ދައްކަން ޖެހޭތީ އެކަމާ ތަކުރާރުކޮށް ކަންބޮޑުވުން ފާޅުކޮށް ފަހި ޔޫނިއަން އިން ވަނީ، މި އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށް ވެސް ސަރުކާރުގެ ފަރާތުން އެދިފައެވެ.

އެގޮތުން އެއްބަސްވުމުގެ ތޮބީއަތު އިސްލާހު ކުރުމަށް އެދިފައި ވާއިރު، ކުލީގެ އެއްބަސްވުމުގެ ބަދަލުގައި ގަނެވިއްކުމުގެ އެއްބަސްވުމަކަށް ބަދަލުކުރުމަށް ވެސް ފަހި ޔޫނިއަން އެދިފައި ވެއެވެ. އަދި ކުރީގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އިންސްޓޯލް ޕޭމަންޓާއި ޑައުންޕޭމަންޓު ދައްކަން ނުޖެހޭ ގޮތަށް ހެދުމަށާ، ރައްޔިތުން އިތުރަށް މަޑުކުރަން ނުޖެހޭ ގޮތަށް ހުރިހާ ފުލެޓުތައް ހައްގުވެރިންނަށް ލިބޭގޮތަށް ހެދުމަށް ވެސް ފަހި ޔޫނިއަން އެދިފައި ވެއެވެ.

އެމްޑީޕީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތަކުގެ ކުލި، މި ސަރުކާރުން ބޮޑުކުރުމަކީ ވަރަށްބޮޑު ގޯހެއް ކަމަށާ، އެ ފްލެޓުތަކުގެ ކުލި ކުރިން ކަނޑައަޅާފައި އޮތް ގޮތަށް އެމްޑީޕީގެ ވެރިކަމެއްގައި ބަދަލު ކޮށްދެއްވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހުގެ ސަރުކާރުން އިއުލާނު ކޮށްފައިވަނީ ތިން ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 7000ރ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 8000ރ. އެވެ. އަދި ދެ ކޮޓަރީގެ ފްލެޓެއް މަހު ކުލީގެ ގޮތުގައި 5000ރ. އާއި މެއިންޓެނެންސް ފީގެ ގޮތުގައި 1000ރ. އާ އެކު ޖުމްލަ 6000ރ. އެވެ.

މި ސަރުކާރުން މިހާރު ކަނޑައަޅާފައި ވަނީ، އެޑްވާންސް ފީގެ ގޮތުގައި ފުރަތަމަ 25،000ރ، ދައްކަންޖެހޭ ގޮތަށެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއްގެ މަހުކުލި 9،000ރ. އާއި އިތުރަށް 1،500ރ. މަރާމާތު ފީގެ ގޮތުގައި ނަގާ ގޮތަށެވެ. އަދި 2 ކޮޓަރީގެ ފްލެޓެއް 7،000ރ. އާއި އަދި މަރާމާތު ފީ 1،000ރ. މަހަކު ނަގާ ގޮތަށެވެ.

ކޮމެންޓް