މީޑިއާގެ އެކި ވަސީލަތްތައް ދައްކުވައިދޭ ގްރެފިކްސް އެއް.--
ވަރަށް ސަލާމެވެ. މީޑިއާ ކޮންޓްރޯލެއް ނުކުރެވޭނެއެވެ.
މުޙައްމަދު އަބްދުالله ޝަފީޤް 17 ސެޕްޓެމްބަރ 2025 (ބުދަ)   08:50
ސަރުކާރުގެ ރޭވުމާއި ބައިވެރިވުމުގެ ތެރެއިން މީޑިއާ ކޮންޓްރޯލް ކުރާ ބިލް އިއްޔެ ފާސްކުރުމުން ދިވެހި ނޫސްވެރިކަމުގައި އެއީ ކަޅު ދުވަހެއްގެ ގޮތުގައި ސިފަކުރެވެއެވެ.

ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަން ނުވަތަ ލިޔުންތެރިކަމުގެ މިނިވަންކަމަކީ 1932 ވަނަ އަހަރު ފާސްކުރި ފުރަތަމަ ގާނޫނުއަސާސީގައި ވެސް ރައްޔިތުންނަށް ލިބިދީފައި އޮތް ހައްގެކެވެ. އެހެންނަމަވެސް އޭރަކު ތިއްބަވާ ވެރީން އެ ހައްގު، ރައްޔިތުންނަށް ލިބި ދީފައިހުރީ އެކިއިރު އެކި މިންވަރަށެވެ.

2008 ވަނަ އަހަރު އަމަލުކުރަންފެށި ފެހި ގާނޫނުއަސާސީއަށްފަހު ފެނުނު ވެރިކަން ތަކުގައިވެސް އެކަން ދިޔައީ އެމަގުންނެވެ. އެކަމަކު ކުރިއަށްވުރެ މާބޮޑަށްވެސް މިނިވަން ކޮށެވެ. އަދި އިންޓަނެޓްގެ ހިދުމަތް ކަނޑާލައި ސޯޝަލްމީޑިއާގެ އެކި ޕްލެޓްފޯމްތައް ކޮންޓްރޯލްކުރުމަކީ މިއަދަކު ކުރެވޭނޭ ކަމެއް ނޫނެވެ. އެކަން ކުރައްވަން އުޅުއްވި ވެރީންވެސް އިތުރަށް ބޭޒާރުވެ، ފަޟީހަތްވުން ފިޔަވައި އިތުރުވި ތާއީދެއްވެސް ނެތެވެ.

އެހެންނަމަވެސް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ކުރާތީ މިފެންނަނީ މީޑިއާ ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. ސޯޝަލް މީޑިއާވެސް ކޮންޓްރޯލް ކުރުމުގެ މަސައްކަތެވެ. އެ ބިލު މާނަ ކުރުމުގެތެރެއިން އެ ހަގީގަތް ބުނެދެއެވެ. އިއްޔެ އޮތް މަޖިލިސް ބަހުސްގެ ވަގުތުގައި ސަރުކާރު ނިސްބަތްވާ ޕީއެންސީގެ ބައެއް މެންބަރުންގެ ވާހަކައިގައި އެ "ސިއްރު" ހާމަކޮށްފިއެވެ. ބިލު ހުށަހެޅުނުގޮތް، އޮޅިގެން ނަމަވެސް ހާމަވެއްޖެއެވެ.

އަމިއްލަ މެންބަރެއްގެ ނަމުގައި "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓް ރެގިއުލޭޝަން ބިލް" ހުށަހަޅައި އެމަސައްކަތް އަވަސް އަރުވާލައިގެން ކުރިއަށްގެންގޮސް ދައުރުން ބޭރު ޖަލްސާއެއްގައި، ދެނަމާދު ދޭތެރޭ ވަގުތެއްގައި ފާސް އެކުރީ އެތައް ހީލަތްތެރި ރޭވުންތަކެއް އޮތީމާކަން ގަބޫލުކުރެވެއެވެ. އެއްވެސް ހަމަހަމަކަމެއްނެތި ރައްޔިތުންނާމެދު ތަފާތުކުރުން ގެންގުޅޭ މިފަދަ ސަރުކާރެއްގައި މިފަދަ ގާނޫނެއްގެ ބޭނުން ހިފާނެގޮތް ވަޒަން ކުރެވެއެވެ.

އިސްލާހާއި ބަދަލަކީ އަންނަންޖެހޭ އެއްޗެކެވެ. ރަޖިސްޓްރީކޮށްގެން ހިންގާ މީޑިއާތައް ރެގިއުލޭޓް ކުރުމަކީ ކުރަންޖެހޭ ކަމެކެވެ. ނޫސްވެރިންނަށްވެސް އިންތަކަކާއި މިންތަކެއް ހުންނަންވާނެކަން ގަބޫލުކުރަމެވެ. ރޮނގު ހުރަސްކުރުމުން އެކަން ބެލޭނެ އިންތިޒާމެއް އޮންނަންވާނެއެވެ. އެކަމަކު އެކަން އޮންނަންވާނީ ނޫސްވެރިކަން ހިމާޔަތްކުރެވޭނެ ފަދަ ގޮތަކަށެވެ. ޖުމްލަ ރައްޔިތުންގެ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް ނޭޅޭނެފަދަ ގޮތަކަށެވެ.

މިގައުމުގެ ހައްގުގައި އަދި އަންނަން އޮތް ޖީލުގެ ހައްގުގައި އަޅުގަނޑުމެން ދާންވާނީ ކުރިއަށެވެ. އިސްލާހީ ބަދަލުތައް ގެންނަންވާނީ އިހުނަށް ވުރެ ފުރިހަމަ އަށެވެ. އެހެނަސް މިފެންނަނީ ފަހަތަށް ފިޔަވަޅު އަޅާތަނެވެ. އިހުނަށްވުރެވެސް ގޯސްކުރަން މަސައްކަތް ކުރާތަނެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޕީއެންސީއަށް ލިބުނު ސުޕަރ މެޖޯރިޓީއާއެކު މިފެންނަނީ، ހިތުހުރި ކަމެއް، ހިތުހުރި ވަގުތަކު، ހިތުހުރި ގޮތަކަށް ބަދަލު ކުރާތަނެވެ. އެކަމާ ދެކޮޅަށް މަޖިލިސް ފްލޯގައި ނުވަތަ ކޮމިޓީ ވަގުތުގައި އުފް ވެސް ބުނާނެ މެންބަރަކު ނެތެވެ. އެކަމަކު އެއީ ރައްޔިތުން އިންތިޚާބުކުރި ރައްޔިތުންގެ މަންދޫބުންނޯލައެވެ. ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރުންނާއެކު ދައުލަތުގެ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މަޖިލިސް މެންބަރުކަން ކުރެއްވި ދުވަސްވަރަށްވުރެވެސް މިއަދު މާގޯހެވެ.

ރައީސް ޑރ.މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ދެއްކެވި އެތައް ވާހަކައެއް ބަދަލުކުރައްވާފައި ވާތީ މިފެންނަނީ އޭގެ ދިމާއިދިކޮޅަށެވެ. ފޮރުވުމެއްނެތި ހާމަކަންބޮޑު ސަރުކާރެއް ހިންގަވާނެ ކަމުގެ ވައުދު އުވާލެއްވިތާ އެތައް ދުވަހެކެވެ. މައުލޫމާތު ނުހިފަހައްޓަވާނެ ކަމާއި އާރުޓީއައި ހުށަހަޅަން ނުޖެހޭނެކަމަށް ވިދާޅުވިޔަސް، އާރުޓީއައި ހުށަހެޅުމުންވެސް ފެންނަނީ މައުލޫމާތު ނުދީ ހިފަހައްޓާތަނެވެ. "މީޑިއާ ޕްރޯ" ސަރުކާރެއްގެ ލޭބަލް ޖައްސަވައިގެން ހަމަހަމަކަމެއް ނެތް ގޮތެއްގައި ވަކި މީޑިއާތަކަކަށް ސްޕޮންސާ ބައްސަވައެވެ. ސަރުކާރަށް ފާޑުކިޔާ ނޫސްވެރިންނާއި މީޑިއާތަކަކީ ދައުލަތުގެ އަދުއްވުންގެ ގޮތުގައި ބައްލަވައެވެ. އެންމެފަހުން އެފަދަ މީހުންނާމެދު ފިޔަވަޅު އަޅާނޭ ގާނޫނެއް އުފަންކުރުވަނީ އެވެ.

މިފަދަ އެތައް ދުވަސްތަކެއް މި ގައުމު ދެކެފިއެވެ. އަޅުގަނޑުގެ ހަޔާތުގައިވެސް ފެނިއްޖެއެވެ. މިފަދަ ހީލަތްތެރި ބަދަލުގެ ނުރަނގަޅު ނަތީޖާ، އެ ބަދަލު ގެނައި ފަރާތްތަކުން ތަޖުރިބާ ކުރަންޖެހުނުކަން މި ގައުމުގެ ފަހުގެ ތާރީޚުންވެސް ފެންނަން އެބައޮތެވެ.

މަޖިލީހުގައި ސުޕަރ މެޖޯރިޓީ އޮތަތީވެ ބިލް ފާސްކުރެވިއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވީތީ ޑރ.މުޢިއްޒަށް އެ ބިލް ތަސްދީގުވެސް ކުރެއްވިދާނެއެވެ. ކުރައްވާނެވެސް މެއެވެ. އެހެންނަމަވެސް، ފިކުރާއި ޚިޔާލުގައި ތަޅެއް ނޭޅުވޭނެއެވެ. ދޫ ބަންދެއް ނުކުރެވޭނެއެވެ. މީޑިއާ ކޮންޓްރޯލެއްވެސް ނުކުރެވޭނެއެވެ. ވަރަށް ސަލާމެވެ.

ކޮމެންޓް