އައްޑު އަތޮޅު ހުޅުދޫ އާއި މީދޫ.-- ފޮޓޯ: ސަން
އައްޑޫގައި ނަގާ ވޯޓް، އާންމު ވޯޓަކަށް ނުވާނެބާ؟
މުޙައްމަދު އަބްދުالله ޝަފީޤް 19 އޮކްޓޯބަރ 2025 (އާދީއްތަ)   12:53
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލު ގެނެސް، ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ވޯޓް އޮތީ މިމަހުގެ 25 ވާ ހޮނިހިރު ދުވަހަށް ތާވަލުކޮށްފައެވެ. މި ވޯޓްގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނިނަމަވެސް، ސަރުކާރުގެ ބައެއް އިސްވެރިންދަނީ އެބޭފުޅުން ބޭނުންވެލައްވާ ގޮތަށް، ވަކި ރަށްރަށަށް ވަކި ކައުންސިލް އުފެއްދުމަށް ވޯޓް ހޯދުމުގެ ކެމްޕޭން އެބަ ކުރައްވައެވެ.

ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓް ނެގުމަށް ގާނޫނަކުން ކަނޑައެޅުމަކީ މި ސަރުކާރުން ނިންމި ރަނގަޅު ނިންމުމެކެވެ. އެކަމަކު އައްޑޫ ސިޓީ ބައިބައި ކޮށްލުމުގެ ވިސްނުން ސަރުކާރުން އެ ގެންގުޅެނީ ރަނގަޅު ވިސްނުމެއްގައިތޯ ސުވާލު އުފެދެއެވެ.

އައްޑުއަތޮޅުގެ ރަށްތައް ގުޅުވާލައިގެން ސިޓީއެއް ހަދަން ފެނޭތޯ ބަލަން މީގެ 15 އަހަރު ކުރިން އައްޑޫ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގިއެވެ. 2010 އޮކްޓޯބަރު 9 ވީ ހޮނިހިރު ދުވަހު ނެގި އެވޯޓުގައި އައްޑޫއަށް ނިސްބަތްވާ މީހުން ދިރިއުޅޭ 6 ރަށުގެ ތެރެއިން 1 ރަށް ފިޔަވާ ހުރިހާ ރަށަކުންވެސް މެޖޯރިޓީ ލިބުނީ ހުރިހާ ރަށްތަކެއް އެކުގައި ސިޓީ އެއްގެ ގޮތުގައި ކަނޑައަޅަން ފެންނަ ކަމަށެވެ. އެގޮތަށް ނުފެންނަކަމަށް މެޖޯރިޓީ ދިނީ މީދޫ އާއި ފޭދޫ އިންނެވެ.

މި ނިންމުމާއެކު މުޅި އައްޑޫ ޝާމިލްވާ ސިޓީ ކައުންސިލެއްގެ ދަށުން މަސައްކަތްތައް ކުރެވެމުންއަންނަނިކޮށް މި ފެންނަނީ އެކަން ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާ ތަނެވެ. ސަބަބެއްގެ ގޮތުގައި ސަރުކާރުން ބަޔާންކޮށްފައިވަނީ "އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ."

މި އުސޫލުން ބަލާނަމަ ކުރިއަށް އޮތްތަނުގައި މިގޮތަށް އެތައް ރަށަކުން ސަރުކާރުގައި އެދުމަކީ އެކަށީގެންވާ ކަމެކެވެ. އެއްފަސްގަނޑެއްގެ ގޮތުގައި އޮންނަ ދެ ރަށުގައިވެސް ދެ ކައުންސިލް އިދާރާއާއި ކައުންސިލަރުންގެ ދެ ފައުޖު އޮތުމުގެ މުހިންމުކަން ހުއްޖަތާއެކު ހުށަހަޅާ ފާނެއެވެ. އޭރުން ސަރުކާރުން ފެންނަ ނުފެންނަ ވޯޓަކަށް ހުޅުވާލާނެ ބާއެވެ. އަދި ވެރިކަން ބަދަލުވުމާއެކު ކުރިންވީގޮތް ބަދަލުކުރަން ބޭނުންވާ މީހުން އެފަދަ ވޯޓަކަށް އެދުމަކީވެސް އެކަށީގެންވާ ކަމެކެވެ. 

ކޮންމެ ޖަމާއަތެއްގައިވެސް އަދި ރަށެއްގައިވެސް ދެކަފި ޚިޔާލުތައް ހުރެއެވެ. އެއްބަޔަކު އެދޭގޮތް އެއީ އަނެއްބަޔަކު ނޭދޭ ގޮތް ކަމުގައި ވެފައި ވެއެވެ. އެ އުސޫލުން ބަލާއިރު އައްޑޫ ސިޓީ ކައުންސިލާއި ބައެއް ރަށްތަކުގައިވެސް އޮތީ އެ ހަމައެވެ. ހުޅުދޫ އާއި ފޭދޫ ރައްޔިތުންގެ މެދުގައިވެސް އޮތީ އެ ހަމައެވެ. ހުރިހާ ރައްޔިތުން އިއްތިފާގުވާ އެއްވެސް ހަމައެއް އެއްވެސް ރަށެއްގައި އޮތުމީ ނާދިރު ކަމެކެވެ.

ގާނޫނުތަކާއި ގަވާއިދުތަކާއި ހަރުދަނާ އުސޫލުތައް ކަނޑައަޅަންޖެހޭ ސަބަބަކީ އެއީއެވެ. ޚިޔާލުތަފާތުވުމުގެ ތެރެއިންވެސް ހަމަ އާއި އިންސާފާއި ހަމަހަމަކަން ގާއިމުކުރުމެވެ. އެބައެއްގެ މައްޗަށް ވެރިން އިޚްތިޔާރުކުރަނީވެސް އެ ސަބަބާ ހުރެއެވެ. ރައްޔިތުންގެ މައްޗަށް ހަމަހަމަ ކަމާއެކު ޚިދުމަތް ދިނުމަށެވެ. ދޭދޭ ޚިޔާލުތަފާތުވުންތަކާއެކުވެސް އެކުވެރި، އެއްބައެއްވަންތަ ރައްޔިތަކު ބިނާކުރުމަށްޓަކައެވެ.

ކަނޑައެޅި ހިނގަމުން އައި ހަރުދަނާ އުސޫލެއްގެ ތެރެއަށް ސަރުކާރުން މި އުފަންކުރުވަނީ ބައިބައި ކުރުމާއި ވަކިވެގަތުމުގެ ރޫހެވެ. ނުފޫޒު ގަދަ ބަޔަކު އެބައެއްގެ ބާރު އެރަށެއްގައި ގަދަވާނެގޮތް ފަހިކުރުމަށް ސިޔާސަތުތައް ބަދަލު ކުރާނަމަ، އެފަދަ ކަންކަން އަބަދުވެސް ވާނީ ބަދަލުކުރާ ވަރެވެ.

އެއްހަމައަކުން ބުނާނަމަ ގޮތް ނިންމަނީ ރައްޔިތުންގެ ވޯޓުން ކަމަށް ބުނެވިދާނެއެވެ. އެކަމަކު ރައްޔިތުންގެ ވޯޓު ހޯދާ ގޮތް އެންމެނަށްވެސް އެނގެއެވެ. ކެމްޕޭނުގެ ވާހަކައިގާ އެ ބުނަނީ ވޯޓުގެ އަދަދަށް ބަލައިގެން ވަޒީފާ ބަހާލާނެ ވާހަކައެވެ. އެކެއް ފޯރުވާ ނުފޫޒަކީ އަނެކާގެ ޒަރޫރީ ބޭނުމެވެ. ނުފޫޒުގެ ކުރިމަތީގައި ތިމާގެ ބޭއިޚުތިޔާރު އޮންނަނީ އިޚުތިޔާރު ކުރަން ޖެހިފައެވެ.

ރާއްޖޭގައި މިފެށެނީ އާކަމެކެވެ. ކޮންމެ ރަށެއްގެ ބަޔަކުވެސް، ނުފޫޒުގަދަ ބަޔަކާ ގުޅިގެން ވަކިގޮތަކަށް ބަދަލުކުރުމަށް ސަރުކާރުގައި އެދެންވީއެވެ. ސަރުކާރުން ވޯޓެއް އިންތިޒާމް ކުރަންވީއެވެ. ޝައުގުވެރިވާ ބަޔަކު، ނުވަތަ މީހަކު ބުނީތީ ވޯޓް ދޭންވީއެވެ. ގިނަބަޔަކު ވޯޓުގައި ބައިވެރި ނުވިޔަސް، ވޯޓް ދޭ މީހުންގެ އަޣުލަބިއްޔަތުން ނިންމަންވީއެވެ.

މިހެން މިކަން ފެށޭއިރު އިތުރު ސިޓީ ތަކުގައި ވަކި ކައުންސިލް ހަދަން ނުވަތަ އެއް ރަށެއްގައި ދެ ކައުންސިލް އިދާރާ ގާއިމްކުރަން މުސްތަގުބަލުގައި ނޭދޭނެތޯ މިއަދު ސުވާލު އުފެދެއެވެ.

މާދަމާ، މާލޭ ސިޓީ އިން މާލޭގެ ފަސްވަނަ އަވަށް ވިލިމާލެ އާއި ހަވަނަ އަވަށް ހުޅުމާލެ ވަކި ނުވާނެ ހެއްޔެވެ؟ ނ.ކެނދިކުޅުދޫ މީހުން ކެނދިކޮޅު ކައުންސިލާއި ކުޅުދޫ ކައުންސިލް ހަދަން ބޭނުން ނުވެދާނެ ހެއްޔެވެ؟ އަވަށު ވާދަ ބޮޑެތި ރަށްރަށުގައި އަވަށު ކައުންސިލް ހަދަން ސަރުކާރަށް ހުށަނާޅާނެ ހެއްޔެވެ؟ އޭރުން އައްޑޫގައި މި ނަގާ ފަދަ ވޯޓެއް އެ ރަށްރަށުގައިވެސް ނަގާނީ ހެއްޔެވެ؟ މިހާރު އައްޑޫގައި އެ ނަގާ ވޯޓް އެއީ އައްޑޫގައިވެސް އާންމުކޮށް ނަގާ އަދި ރާއްޖޭގެ އެހެން ރަށްތަކުގައި އާންމުކޮށް ނަގަންޖެހޭ ވޯޓަކަށް ނުވާނެބާއެވެ.

ކޮމެންޓް