މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ހީނާ ވަލީދު، އެ މިނިސްޓްރީގެ ބައްދަލުވުމެއްގައި.-- ފޮޓޯ: އާޓްސް މިނިސްޓްރީ
އާޓްސް މިނިސްޓްރީއަށް މީޑިއާ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަނީ
މަރްޔަމް މުޙައްމަދު 5 ޖުލައި 2026 (އާދީއްތަ)   18:59
މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ހިދުމަތް ދޭނެ ބަޔަކު ހޯދަން މިއަދު އިއުލާންކޮށްފި އެވެ.

އާޓްސް މިނިސްޓްރީން ގެޒެޓުގައި ކުރި އިއުލާނުގައި ބުނީ މިނިސްޓްރީގެ ދަށުން ހިންގާ ހުރިހާ އިދާރާތަކެއްގެ މީޑިއާ މަސައްކަތް ކުރުމަށް ޕީއާރު ފާމެއްގެ ހިދުމަތް ދެ އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 14 ވަނަ ދުވަހުގެ ހެނދުނު 11:30 އަށް މިނިސްޓްރީގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހަޅަން ދިއުމަށް އެ އިއުލާނުގައި އެދިފައިވެ އެވެ.

އެ އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާ ޓާމްސް އޮފް ކޮންޑިޝަންގައި ބުނީ ޕީއާރު ފާމެއް ހޯދަނީ މިނިސްޓްރީ އާއި އެ މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާތަކާ މެދު އާންމުންގެ މެދުގައި މަގުބޫލުކަން އިތުރުކުރުމަށް ކަމަށެވެ.

މިނިސްޓްރީގެ ހަރަކާތްތަކާއި ސިޔާސަތުތަކާއި ކާމިޔާބީތަކާ ބެހޭގޮތުން އާންމުން ހޭލުންތެރި ކުރުމާއި ހުރިހާ އިދާރާއެއްގެ މެދުގައި އެއްގޮތް ބްރޭންޑިންއަކާއި މެސެޖުތަކެއް ގެންގުޅުން ކަށަވަރު ކުރުމާއި މީޑިއާ އާއި ސްޓޭކްހޯލްޑަރުން އަދި އާންމުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ އިތުރުން ޑިޖިޓަލް އަދި ސޯޝަލް މީޑިއާގެ ވަސީލަތްތައް ހަރުދަނާކުރުން ވެސް މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް ޓާމްސް އޮފް ކޮންޑިޝަންގައި ބުނެފައިވެ އެވެ.

ބިޑު ކާމިޔާބުކުރާ ފަރާތުން މިނިސްޓްރީގެ ދަށުން ހިންގާ ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް އާއި ނޭޝަނަލް ސެންޓަ ފޯ ކަލްޗަރަލް ހެރިޓޭޖް އާއި ދިވެހިބަހުގެ އެކަޑަމީ އާއި ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަން އާއި ގައުމީ އަރުޝީފް އާއި ގައުމީ ކުތުބުޚާނާގެ އިތުރުން މިނިސްޓްރީގެ ދަށުން ހިންގާ އެހެން ހުރިހާ އިދާރާއެއްގެ މީޑިއާ މަސައްކަތްތަކާއި ޕީއާރުގެ ކަންކަން ބަލަހައްޓަން ޖެހެއެވެ.

އެ މަސައްކަތް ހަވާލުކުރާނެ ޕީއާރު ފާމެއް ކަނޑައެޅުމުގައި ހުށަހަޅާ އަގާއި ތަޖުރިބާ އަދި މަސައްކަތުގެ ޕްރޮޕޯސަލްއަށް ބާލާނެ ކަމަށް ވެސް ޓާމްސް އޮފް ކޮންޑިޝަންގައި ބުނެފައި ވެއެވެ.

ކޮމެންޓް