އެމްޖޭއޭއިން ކުރި ހިމޭން އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: އެމްޖޭއޭ
އެމްޖޭއޭއިން ރައީސް އޮފީސް ކުރިމަތީ ހިމޭން އިހުތިޖާޖެއް ކޮށްފި
އެމްޖޭއޭއިން މިއަދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރަށް 9 ޑިމާންޑެއްވެސް ހުށަހަޅާފައި
ފިޔެސް 3 މޭ 2026 (އާދީއްތަ)   15:38
ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާ މެދު ކަންބޮޑުވުން ފާޅުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ރައީސް އޮފީސް ކުރިމަތީގައި ހަމަހިމޭން އިހުތިޖާޖެއް ކޮށްފި އެވެ.

މި އިހުތިޖާޖުގެ ތެރެއިން އެމްޖޭއޭގެ ފަރާތުން ވަނީ ރައީސް އޮފީސް ކުރިމައްޗަށް ސަންދޯކެއް ގެންގޮސްފައެވެ. އެ ޖަމްއިއްޔާއިން ބުނީ، ސަންދޯކެއް ބޭނުންކޮށްގެން މިފަދަ އިހްތިޖާޖެއް ކުރަން ނިންމީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައިކަން ރަމްޒުކޮށްދިނުމަށް ކަމަށެވެ.

އެ ސަންދޯއް ރައީސް އޮފީސް ކުރިމަތީ ބަހައްޓައި އިރުކޮޅެއްވީތަނާ ފުލުހުން ވަނީ ވެހިކަލެއްގައި އައިސް އެ ނަގައިގެން ގެންގޮސްފައެވެ.

އެމްޖޭއޭ އިން ބުނީ، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވަމުންދާ ދިއުމާއި، ނޫސްވެރިންނަށް ކުރިމަތިވަމުންދާ އެކިކަހަލަ ހުރަސްތަކުގެ ސަބަބުން މީޑިއާގެ މިނިވަންކަން "މަރުވަމުންދާ" ކަމުގެ މެސެޖު ކަމާބެހޭ ފަރާތްތަކަށް ދޭން ބޭނުންވާ ކަމަށެވެ.

އަދި މި ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ނޫސްވެރިންގެ މި އަޑުތައް އަހައި، ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދިނުމަށް އެ ޖަމްއިއްޔާއިން ވަނީ ގޮވާލާފައެވެ.

މި ހަމަހިމޭން އިހުތިޖާޖަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހުށަހަޅައި، މިނިވަން ނޫސްވެރިކަމަކަށް މަގުފަހިކޮށްދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެމްޖޭއޭ އިން ބުނީ މި ހަރަކާތުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުން ނޫސްވެރިންގެ ހައްގުތަކަށް އިތުރަށް ސަމާލުކަންދީ، ނޫސްވެރިކަމަށް އޮތް ނުރައްކާތައް ނައްތާލުމަށް މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

your imageއެމްޖޭއޭ އިން ކުރި ހިމޭން އިހުތިޖާޖުގެ ތެރެއިން.-- ފޮޓޯ: އެމްޖޭއޭ 

މީގެ އިތުރުން، އެމްޖޭއޭ އިން މިއަދު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރަށް 9 ޑިމާންޑެއްވެސް ހުށަހަޅާފަ އެވެ.

އެމްޖޭއޭ އިން ބުނީ ނޫސްވެރިންނަށް ބިރުދެއްކުމާއި، ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެއީ ސަރުކާރު ޖަވާބުދާރީ ކުރުވަން ނޫސްވެރިން ކުރާ މަސައްކަތްތައް ހުއްޓުވައި ބިރުދެއްކުމަށް ހިންގާ އަމަލުތަކެއް ކަމުގައި ދެކޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

"ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު އޮތް ނުރައްކާތެރި ހާލަތާމެދު މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން އިން އިންތިހާއަށް ކަންބޮޑުވޭ. ވަކިން ހާއްސަކޮށް، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ވަރަށް ބޮޑަށް ފަހަތަށް ސޮއްސާލާފައިވާތީ، މިއީ ނޫސްވެރިކަމުގެ މިނިވަންކަން ހިމާޔަތްކުރުމަށް ވަގުތުން ފިޔަވަޅު އަޅަންޖެހިފައިވާ ވަގުތެއްކަމުގައި މި ޖަމިއްޔާއިން ދެކެން،" އެ ޖަމިއްޔާއިން ބުންޏެވެ.

އެމްޖޭއޭއިން ސަރުކާރަށް ހުށަހެޅި ޑިމާންޑްތައް:

  1. މީޑިއާ ކޮންޓްރޯލް ގާނޫނު އުވާލުން: މީޑިއާތައް ކޮންޓްރޯލްކުރުމަށް މި ސަރުކާރުން ވުޖޫދުކޮށްފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ގާނޫނު" އުވާލައި މީޑިއާ ކޮމިއުނިޓީއާ އެކު މަޝްވަރާކޮށްގެން 'ސެލްފް ރެގިއުލޭޓަރީ' މެކޭނިޒަމެއް ގާއިމުކުރުމުގެ މަސައްކަތް ވަގުތުން ފެށުން.
  2. 'އަދަދު' ނޫހާއި އެ ނޫހުގެ ނޫސްވެރިންނަށް ކުރާ ޖިނާއީ ތުހުމަތުތަކާއި ތަހުގީގުތައް ހުއްޓާލުން: އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓްރީއަކާ ވިދިގެން އެ ނޫހާއި އެ ނޫހުގެ އެޑިޓަރުންކަމަށްވާ ހުސެއިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށްކޮށްފައިވާ ޖިނާއީ ތުހުމަތުތައް އަނބުރާ ގެނެސް ޖިނާއީ ތަހުގީގުތައް ވަގުތުން ހުއްޓާލުން. އަދި ފުލުހުން އެ ނޫހުގެ އިދާރާ ފާސްކޮށް ގެންދިޔަ ތަކެތި ޝަރުތަކާ ނުލައި އަނބުރާ އެ އިދާރާއާ ހަވާލުކުރުން.
  3. އެޑިޓަރުންގެ ޓްރެވަލް ބޭން އުވާލުން: އަދަދު ނޫހުގެ ދެ އެޑިޓަރުން ކަމަށްވާ ހުސައިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދުގެ މައްޗަށް އޮތް ފުރުން މަނާކުރުމުގެ އަމުރު ވަގުތުން އުވާލުން.
  4. ނޫސްވެރިންނާއި މީޑިއާތަކުގެ މައްޗަށް ޖިނާއީ ތަހުގީގުތައް ނުކުރުން: ނޫސްވެރިންގެ މަސައްކަތާއި އެ މީހުން ޝާއިއުކުރާ ކޮންޓެންޓަކާ ގުޅިގެން ނޫސްވެރިންނާއި މީޑިއާ އިދާރާތަކަށް ޖިނާއީ ތުހުމަތުތައްކޮށް ތަހުގީގުތައް ނުހިންގުން. އަދި އެފަދަ އެންމެހާ ކަންކަން ސަރުކާރުން ހުއްޓާލުން.
  5. މަރު ކޮމިޝަނުގެ ރިޕޯޓާއި ޕަބްލިކް އިންކުއަރީ: ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި، އަނިޔާވެރިކޮށް މަރާލި ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި 'މަރާލާފައިވާ މީހުންނާއި ގެއްލުއްވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން' އެކުލަވާލާފައިވާ ރިޕޯޓުތައް އާންމުކޮށް، ހުޅުވާލެވިގެން މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުން.
  6. ނޫސްވެރިންގެ ރައްކާތެރިކަން: ނޫސްވެރިންނަށާއި އެމީހުންގެ އާއިލާތަކަށް ދޭ އިންޒާރުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުން އަދި ނޫސްވެރިކަން ރައްކާތެރިކަން ކަވަރުކުރަން ހަރުދަނާ ގައުމީ ނިޒާމެއް ގާއިމުކުރުން. އަދި މުޒާހަރާތައް ފަދަ ހާލަބޮލި ހާލަތްތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ފަރާތުން އެކަށީގެންވާ ރައްކާތެރިކަން ލިބޭނޭކަން ކަށަވަރުކުރަން ވަގުތުން ފިޔަވަޅު އެޅުން.
  7. އާރުޓީއައި ގާނޫނު ތަންފީޒުކުރުން: މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކޮށް، ސަރުކާރުގެ އިދާރާތަކުން މައުލޫމާތު ހާމަކުރުމުގައި ހުރި ހުރަސްތައް ނައްތާލުން.
  8. ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުން: ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ހެއްކާ ބެހޭ ގާނޫނުގައި ހުރި މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭގޮތަށް އިސްލާހުކުރުން.
  9. މީޑިއާ ގްރާންޓް ދިނުން އިސްލާހުކުރުން: މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓް މިނިވަންކަމާއި އިންސާފުވެރިކަމާ އަދި ދެ ފުށް ފެންނަ ގޮތެއްގައި ދެވޭނޭކަން ކަށަވަރުކުރުން. އަދި އެކަމަށްޓަކައި ނޫސްވެރިންނާއި، އެޑިޓަރުންނާއި ނޫސް އިދާރާތަކާއި މަދަނީ ޖަމްއިއްޔާތައް އަދި ބައިނައަގުވާމީ ފަރާތްތަކާ އެކު މަޝްވަރާކޮށް އެފަދަ ނިޒާމެއް އެކުލަވާލުން.

.

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ބާރުވެރި ފަރާތްތައް ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަންކަމާއެކު މަސައްކަތްކުރެވޭނެ މާހައުލެއް އޮވެގެން ކަމަށް އެމްޖޭއޭއިން ބުންޏެވެ.

މިގޮތުން ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މަތީގައިވާ ކަންކަމަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަަށާއި އެކަމުގައި މީޑިއާގެ އެންމެހާ ފަރާތްތަކާ އެކު ސަރުކާރުން މަޝްވަރާގެ މޭޒަށް އައުމަށްވެސް އެ ޖަމިއްޔާއިން ގޮވާލިއެވެ.

ކޮމެންޓް