
އެކަމަށް ގޮވާލާ ޔޫޓީއެފް އިން މިއަދު ނެރުނު ނޫސްބަޔާނުގައި ވަނީ، ބިންވެރިޔާ އާއި ގެދޮރުވެރިޔާ މަޝްރޫއުގެ ދެވަނަ ސްކީމުގައި އުތުރު ތިލަފަޅުން ގޯއްޗާއި ހުޅުމާލެ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ފޯމު އިވެލުއޭޓު ނުކޮށް ލަސްކުރަމުންދިއުމާއި، ފުށިދިއްގަރުފަޅު ހިއްކުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަކީ އެ ޔޫނިއަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާ، "ރަސްމާލެ" ހިއްކުމަށް އަހަމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އިސްކަން ދޭންވީ، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެތަންތަނުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އެތަންތަނުގެ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމަށެވެ.
އެކަމުގެ ސަބަބުތައް ޔޫޓީއެފްގެ ނޫސްބަޔާނުގައި ތަފްސީލު ކޮށް ބަޔާންކޮށްދީ ވިދާޅުވީ، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުންގެ ޓެކްސް ފައިސާ ހަރަދުކޮށްގެން އެހެން ރަށްރަށުގައި ހިއްކާ ބިންތައް އެ ރަށްރަށުގެ ރައްޔިތުންނަށް، ހިލޭ ދޭ އުސޫލުން މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް، މާލޭ ސަރަހައްދުގެ ފަޅުތައް ހިއްކާފައި ހިލޭ ބިން ދިނުމަށް ނިމިދިޔަ ސަރުކާރުން ގެންގުޅުއްވި ސިޔާސަތަކީ، ދިވެހިރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއް ފެށިގެންއަންނަ އަސްލު ސަބަބު ކަމުގައިވާ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ގެނެސްދެއްވި ދާއިމީ ހައްލެއް ކަމަށެވެ.
"މާލޭ ސަރަހައްދުގައާއި އަތޮޅުތަކުގެ ރަށްތަކަށް ވެސް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަކީ، ރާއްޖޭގެ ތަރައްގީއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމަށް ވީހިނދު، އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިމިދިޔަ ސަރުކާރުން ފަށާފައިވެއެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
އެގޮތުން ބޯހިޔާވަހިކަމުގެ ފުރުސަތުތައް ފަހިކުރުމަށްޓަކައި ފުރަތަމަ ފިޔަވަހީގެ ދަށުން، ހުޅުމާލޭގެ ފޭސް-3 އިން 63 ހެކްޓަރު، ގުޅީފަޅުން 192 ހެކްޓަރު، ގިރާވަރުފަޅުން 160 ހެކްޓަރު އަދި އުތުރު ތިލަފަޅުން 230 ހެކްޓަރުގެ ބިމާއިއެކު ޖުމުލަ 645 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމަވާފައިވާ ކަމަށާ، އެ މަޝްރޫއުތަކާއެކު ސިނާޢީ ބޮޑެތި ބަދަލުތަކެއް މިސަރަޙައްދަށް ގެނައުމަށް ވެސް ކުރީ ސަރުކާރުން ނިންމަވާފައިވާ ކަމަށް އެ ނޫސްބަޔާނުގައި ވެއެވެ.
އެހެންކަމުން ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ބިން ހިއްކައި، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމައި، އަދި އުތުރުތިލަފަޅުން ބިންހިއްކައި ބޯހިޔާވަހިކަމުގެ ދެވަނަ ސްކީމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އެ ތަންތަނުން ގޯތިތައް ހަވާލުކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމުގައި ޔޫޓީއެފް އިން ދެކޭ ކަމަށް ވެސް އެ ޔޫނިއަންގެ ނޫސްބަޔާނުގައި ވެއެވެ.
ބިންވެރިޔާ އާއި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން 9003 ގޯތި ދީފައިވަނީ އެންމެ ނިކަމެތި މީހާއަށް އިސްކަންދޭ އުސޫލުން، ހަމައެކަނި މާލެއަށް އުފަން ރައްޔިތުންނަށް ކަމަށާ، އަދި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން ފްލެޓު ދިނުމަށް ނިންމީ މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކަން ފާހަގަކޮށް ޔޫޓީއެފް އިން ބުނެފައި ވަނީ، މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯއްޗަށް ކުރިމަތިލެވޭ ގޮތަށް އަދި މާލޭގެ އުފަން ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ފްލެޓަށް ކުރިމަތިލެވޭ ގޮތަށް، ކުރީ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯތި ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅާއި، ހުޅުމާލޭގެ ފޭސް-2 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ގޯއްޗަށް އެދި 19247 (ނަވާރަހާސް ދުއިސައްތަ ސާޅީސް ހަތެއް) މީހުން ކުރިމަތިލާފައިވާ ކަމަށެވެ.
އަދި ދެވަނަ ސްކީމްގައި ފުލެޓް ދިނުމަށް ނިންމާފައިވާ އުތުރުތިލަފަޅާއި، ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅާއި، މާލެ އަދި ވިލިމާލެ އިން ފްލެޓަށް އެދި 21347 (އެކާވީސް ހާސް ތިންސަތޭކަ ސާޅީސްހަތެއް) މީހުން ކުރިމަތިލާފައި ވާއިރު، ކުރިމަތިލީ މީހުންގެ ނަންތަކާއެކު، ހައުސިންގ މިނިސްޓްރީން އެ ލިސްޓް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައި ވާކަން ވެސް ޔޫޓީއެފް އިން ފާހަގަކުރެއެވެ.
ހައުސިންގ މިނިސްޓްރީން އޭރު ގެޒެޓްކޮށްފައިވާ ލިސްޓު ތިރީގައި އެވަނީއެވެ:
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފާއިތުވި ސަރުކާރުން ހުޅުވައިލި ދެވަނަ ބުރުގައި، މުއްދަތު ހަމަވިއިރު 40594 (ސާޅީސްހާސް ފައްސަތޭކަ ނުވަދިހަ ހަތަރެއް) އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވީ ނަމަވެސް، ދެވަނަ ބުރުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، ލަސްކުރަމުން ދާ ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އެ ތަންތަނުން ގޯތި އަދި ފުލެޓް ހޯދުމުގެ އުއްމީދުގައިތިބި ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ލިބުމަށް އިތުރު ލަސްތަކަކާއި ކުރިމަތިކުރުވާނެ ކަމެއް ކަމަށް ވެސް ޔޫޓީއެފްގެ ނޫސްބަޔާނުގައި ތަފްސީލު ކޮށް ބަޔާންކޮށްދީފައި ވެއެވެ.
ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަން ފާހަގަކޮށް ޔޫޓީއެފްގެ ނޫސްބަޔާނުގައި ވަނީ، އެއީ ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެ ކަމަށެވެ.
"ދައުލަތުގެ މާލިއްޔަތާއި، ވަސީލަތްތައް ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅު ތަރައްޤީކުރުމަށް ހޭދަ ކުރުމުގެ ބަދަލުގައި، ހަމައެކަނި ފުށިދިއްގަރުފަޅުގައި ހިންގާ މަޝްރޫއަށް ބޭނުންކުރަމުން ދިޔުމަކީ، ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުތަކަކުން އެ ރައްޔިތުން މަހުރޫމުވެ، އެ ތަންތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިކުރުވާނެ އިތުރު ހުރަސްތަކެއް ކަމުގައި ދެކެމެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ، މާލޭ ސަރަހައްދުގައި ދިރިއުޅެމުންދާ އެތަށް ހާސް ދިވެހި ރައްޔިތުންނަކަށް ދިމާވެފައިވާ އެންމެ ބޮޑު އިޤްތިޞާދީ އަދި އިޖްތިމާއީ މައްސަލަ ކަމަށް ވީހިނދު، އެކަށީގެންވާ ބޯހިޔާވަހިކަން ފޯރުކޮށް ނުދެވުމުގެ ސަބަބުން ފެންމަތިވަމުންދާ ނަފުސާނީ މައްސަލަތަކުން މި ރައްޔިތުންނަށް ރައްކާތެރިކަމެއް ލިބިގެންދާނީ، ބޯހިޔާވަހިކަމުގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ފޯރުކޮށްދެވިގެންކަމުގައި ދެކޭކަމަށް ބަޔާންކޮށް ބުނެފައި ވަނީ، އެހެންކަމުން މާލޭ ސަރައްދުގައި ބިންހިއްކުމަށް އެކި މަރުހަލާތަކުގައި ކުރަމުން އަންނަ މަސައްކަތްތައް ލަސްވެގެން ދިޔުމަކީ މުޅި ގައުމުގެ އިޤްތިޞާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރާނެ ކަމެއްކަމުގައި ޔޫޓޫއެފް އިން ދެކޭ ކަމަށެވެ.
އަދި ހަމަ އެހެންމެ، މިކަމުން ދިވެހިރައްޔިތުންނަށް ކުރާނެ ހެޔޮ އަސަރުތަކަށް ރިއާޔަތްކޮށް ނިމިދިޔަ ސަރުކާރުން، ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ނިންމާފައިވާއިރު، މިއީ ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން ފުލެޓާއި، ގޯތި ދިނުމަށް ފަށާފައިވާ މަޝްރޫއެއް ކަން ވެސް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
"ނިމިދިޔަ ސަރުކާރުން، މާލޭ ސަރަހައްދުން ގޯއްޗާއި ފުލެޓް ލިބޭނެ ފަރާތްތައް ކަނޑައަޅައި، އެ ފަރާތްތަކުގެ ލިސްޓު، ދިވެހި ސަރުކާރުގެ ޒެގެޓުގައި ޝާއިއުކޮށް، އަދި ގޯއްޗާއި ފުލެޓް ދިނުމަށް ހަމަޖެހިފައިވާ ސަރަހައްދުތަކުން އެތަށް ހެކްޓަރެއްގެ ބިން ހިއްކައި، ގޯތި ކެނޑުމުގެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްފައި ވާއިރު، ތަފާތު އެކި އުޒުރުތައް ދައްކައި، މި ސަރުކާރުން މި ތަންތަނުގައި ހިނގަމުންދިޔަ މަސައްކަތްތައް ހުއްޓުވާލައި، އަދި މި ސަރުކާރަށް ދެ އަހަރު ވެގެންދާއިރު ވެސް، މި ތަންތަނުގެ އަމަލީ މަސައްކަތް ނުފަށައި މަޑުޖައްސާލާފައި ވުމަކީ ދިވެހި ރައްޔިތުން ގިލަންވެރިކަމެއްގެ ތެރޭގައި ބެއިތިއްބުމަށް ކުރާކަމެއް ކަމުގައި ދެކެމެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
ރަސްމާލޭގެ ނަމުގައި، ފުށިދިއްގަރުފަޅުގައި މި ސަރުކާރުން ތަރައްގީ ކުރަންފެށި މަޝްރޫއަށް، އަސާސީ ހިދުމަތްތަކާއި އެހެނިހެން ހަރަދުތައް ވެސް ނުހިމެނޭހެން، ހަމައެކަނި ރަސްމާލޭގެ ބިންހިއްކުމަށް 600 މިލިޔަން ޑޮލަރު ހަރަދުކޮށްގެން ފުށިދިއްގަރުފަޅުގައި މުޅިން އައު މަޝްރޫއެއް ހިންގުމަށް މިސަރުކާރުން އަމާޒު ހިފާފައި ވާކަން ފާހަގަކޮށް ޔޫޓީއެފްގެ ނޫސްބަޔާނުގައި ވަނީ، ނަމަވެސް އެއަށްވުރެ ކުޑަ ހަރަދަކުން، 300 މިލިޔަނާއި 350 މިލިޔަނާއި ދެމެދުގެ އަދަދެއް ހޭދަކޮށްގެން ފުރަތަމަ ފިޔަވަހީގެ ދަށުން، ހުޅުމާލޭ ފޭސް-3 އާއި، ގުޅީފަޅާއި، ގިރާވަރުފަޅު، އަދި އުތުރު ތިލަފަޅު ހިމެނޭހެން 645 ހެކްޓަރުގެ ބިން ހިއްކައި، އަސާސީ ހިދުމަތް ގާއިމުކޮށް، ފަންސާސް ދެހާސް އާއިލާއެއްގެ "ދެލައްކައަށް ވުރެ ގިނަ" ރައްޔިތުންނަށް ބޯހިޔާވަހިކަން ދެވެންއޮތްއިރު، މުޅިން އައު މަޝްރޫއެއް ކަމަށްވާ "ރަސްމާލެ" ހިއްކުމަށް އަހަމިއްޔަތުކަން ދިނުމުގެ ބަދަލުގައި، އިސްކަން ދޭންވީ، ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ނިންމައި، އެތަންތަނުން ގޯއްޗާއި ފްލެޓު ލިބުނު ފަރާތްތަކަށް އެތަންތަނުގެ ބޭނުންކުރެވޭނެ މަގު ފަހިކޮށްދިނުމަށް ކަމުގައި ދެކޭ ކަމަށެވެ.
"އެހެންކަމުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ގޯއްޗާއި ފްލެޓު ލިބިފައިވާ ފަރާތްތަކުގެ ބޯހިޔާވަހިކަމުގެ ހައްގަށް އުނިކަން އަންނަގޮތަށް މިސަރުކާރުގެ އަމަލުތައް ބަހައްޓާފައި ވުމަކީ ނުހަނު ހިތާމަކުރާ އަދި ކުށްވެރިކުރާ ކަމެކެވެ. އަދި ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމުކުރުމެއް ނެތި، ހިންގަމުންދާ އެންމެހާ މަޝްރޫއުތަކުގެ މަސައްކަތް ހުއްޓާލުމަށް މިސަރުކާރަށް ގޮވާލަމެވެ. ހާއްސަކޮށް މިހާރު މިސަރުކާރުން އަލަށް ހިންގަން ފަށާފައިވާ ބްރިޖަކުން ގުޅާލެވެންނެތް ރަސްމާލެ މަޝްރޫއު މިހާރު މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ." ޔޫޓީއެފްގެ ނޫސްބަޔާނުގައި ވެއެވެ.
ޔޫޓީއެފްގެ ނޫސްބަޔާން ނިންމާލާފައި ވަނީ، ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިންކުމަށާއި އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 (ސާޅީސްހާސް ފައްސަތޭކަ ނުވަދިހަ ހަތަރެއް) އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމަށާއި، މި ތަންތަނުގައި ރައްޔިތުންނަށް ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކޮށް، އެތަންތަނުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށް ވެސް މިސަރުކާރަށް ގޮވާލަމުންނެވެ.




