ބޯހިޔާވަހި ކަމުގެ މައްސަލައިގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ފިޔެސް
ބޯހިޔާވަހި ކަމުގެ މައްސަލައިގައި ސަރުކާރަށް 6 ޑިމާންޑެއް ހުށަހަޅައިފި
މި މަހުގެ 17 ގައި ބާއްވާ ބޮޑު މުޒާހަރާއާ ހަމައަށް ޑިމާންޑުތައް ފުރިހަމަ ނުކޮށްފި ނަމަ، ސިލްސިލާ އެއްވުންތައް ބާއްވަނީ
ޖުނާން އަޙުމަދު 1 ނޮވެމްބަރ 2025 (ހޮނިހިރު)   11:18
ފާއިތުވި އެމްޑީޕީ ސަރުކާރުން މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އިމާރާތްކުރަންފެށި ފްލެޓުތަކާއި ގޯތިތަށް އޭގެ ހައްގުވެރިންނާ ހަވާލުކުރުމުގެ ބަދަލުގައި، އެކަންކަމުން ސިޔާސީ މަންފާ ނަގައި، މުޅިން ވެސް އޮޅުވާލުމާއި މަކަރާއި ހީލަތް މިސަރުކާރުން ހަދަމުން އަންނަކަމަށް ބުނެ "ކޮބާ ކޮބާ މަގޭ ގޯތި، ކޮބާ ކޮބާ މަގޭ ފްލެޓު" މި ނަމުގައި އިދިކޮޅު އެމްޑީޕީން އިސްނަގައިގެން ރޭ ބޭއްވި އެއްވުމުގައި، ސަރުކާރަށް 6 ޑިމާންޑެއް ހުށަހަޅައިފިއެވެ.

ކާނިވާ ސަރަހައްދުގައި ކުރިއަށްދިޔަ މި އެއްވުމުގައި މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް އެ 6 ޑިމާންޑު އިއްވައިދެއްވަމުން ވިދާޅުވީ، އެ ޑިމާންޑުތަކަށް މި ސަރުކާރުން ބީރުކަންފަތެއް ދީފިނަމަ، މި މަހުގެ 17 ގައި އެމްޑީޕީން ބާއްވާ، ބޮޑުމުޒާހަރާގެ ފަހުން ސިލްސިލާ އެއްވުނަތަކެއް މޭލޭގެ އެކި ސަރަހައްދުތަކުގައި ބާއްވާނެ ކަމަށެވެ.

ބޯހިޔާވަހި ކަމުގެ އެއްވުމުގައި ރޭ އިއްވި 6 ޑިމާންޑަކީ:

  1. މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގި ބިންވެރިޔާ އާއި ގެދޮރުވެރިޔާ ދެ ސްކީމުގެތެރެއިން ފުރަތަމަ ސްކީމްގައި ޝަރުތުހަމަވި 22766 އާއިލާ އާއި ދެވަނަ ސްކީމަށް ކުރިމަތިލި 40594 އައިލާގެ ތެރެއިން ޝަރުތު ހަމަވާނެކަމަށް ބެލެވޭ 29234 އާއިލާ އާއިއެކު ޖުމުލަ ފަންސާސް ދެހާސް އާއިލާއެއްގެ ދެ ލައްކަ އަށްވުރެ ގިނަ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް، ބްރިޖުން ގުޅާލެވެންހުރި، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި ބިންހިއްކަން ފަށާފައިވާ 645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ނިންމުމަށް ފަހުގައި މެނުވީ "ރަސްމާލެ" ހިއްކުމުގެ މަސައްކަތް ކުރިއަށް ނުގެންދިޔުން.
  2. ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް ކުރީ ސަރުކާރުން ފާށާފައިވާ 11000 ފުލެޓްގެ ތެރެއިން ނިމިފައިވާ 4000 ފުލެޓް 15 ނޮވެމްބަރު 2023 ގައި އިއުލާންކުރި ފްލެޓު ލިސްޓުގައި ފްލެޓު ލިބޭނެކަމަށް ކަނޑައަޅައި އެގްރިމެންޓު ހަދާފައިވާ ފަރާތްތަކަށް އެ ލިސްޓުގައިވާ ގޮތަށް ފުލެޓު ދިނުމަށާއި، އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 7000 ފްލެޓް  އެޅުމަށް ކުރީ ސަރުކާރުން ހަވާލުކޮށްފައިވާ ފުލެޓްތަކުގެ މަސައްކަތް ފެށުން.
  3. މީގެ ކުރިން ވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ބޯހިޔާވަހި ކަމުގެ އެއްބަސްވުމަކީ ގަނެވިއްކާ އެއްބަސްވުމަކަށް ވީހިނދު، ފަހި ދިރިއުޅުން 4000 ފްލެޓު ދިނުމުގައި މި ސަރުކާރުން ހަދަމުންދާ ކުލީގެ އެއްބަސްވުން ގަނެއްވިއްކާ އެއްބަސް ވުމަކަށް ބަދަލުކޮށްދިނުން.
  4. ކުރީ ސަރުކާރުން އެފްޑީސީ މެދުވެރިކޮށް އެއްބަސްވުން ހަދައި ސޮއިކޮށްފައިވާ ފުލެޓްތަކުގެ ހައްޤުވެރިންނާއި ހަވާލުކޮށްފައިވާ 4000 ފްލެޓުގެ ކުލި، ކުރީސަރުކާރުން ކަނޑައަޅާފައިވާ މިންވަރަށްވުރެ ބޮޑު ނުކުރުމާއި، އެތަންތަނުން ނަގަމުން އަންނަ ޑައުން ޕޭމަންޓު ކަނޑާލުން.
  5. ހުޅުމާލޭ ފޭސް-3، ގިރާވަރު ފަޅު، ގުޅީފަޅު، އަދި އުތުރުތިލަފަޅުގެ ބިމުން ނުހިއްކައި މިހާރު ބާކީހުރި ބިން ހިއްކުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުމަށާއި، އެ ސަރަހައްދުތަކުން ހިއްކާ ނިމިފައި ހުރި ބިންތަކުން ގޯތި ލިބިފައިވާ ފަރާތްތަކަށް ގޯތި ކަނޑާ، ގޯތިތައް ހަވާލުކުރުމަށާއި، މިރަށްތަކުގައި ރައްޔިތުން ދިރިއުޅުމަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.
  6. ގެދޮރުވެރިޔާ އާއި ބިންވެރިޔާގެ ދެވަނަ ސްކީމްގައި ގޯއްޗާއި ފްލެޓަށް ކުރިމަތިލާފައިވާ 40594 އާއިލާއެއްގެ ފޯމުތައް އިވެލުވޭޓް ކުރުމުގެ މަސައްކަތް މިހާރުން މިހާރަށް ފެށުން.

your imageބޯހިޔާވަހި ކަމުގެ މައްސަލައިގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން

މި އެއްވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވީ، މާލޭ ސަރަހައްދާއި އަތޮޅުތަކުގެ ރަށްތަކަށް ވެސް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމަކީ، ރާއްޖޭގެ ތަރައްގީއަށް ވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ހުރަސް ކަމަށް ވީހިނދު، އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ މާލޭ ސަރަހައްދަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ މައްސަލައަށް ހައްލެއް ގެނައުމަށް، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅާއި އަދި އުތުރުތިލަފަޅުން 850 ހެކްޓަރުގެ ބިންހިއްކުމަށް ނިންމާފައިވާ މަޝްރޫއުގެ ތެރެއިން، ފުރަތަމަ ފިޔަވަހީގައި  645 ހެކްޓަރުގެ ބިންހިއްކުމުގެ މަސައްކަތް ފަށާފައި ވާއިރު، އުތުރުތިލަފަޅު އާބާދުކޮށް މީހުން ދިރިއުޅެން ފެށުމުން، އުތުރުތިލަފަޅުން ފެށިގެން ރަސްފަރި ފަޅާ ދެމެދުގައިވާ، 3200 ހެކްޓަރުގެ ބިމުގެ ތަނަވަސްކަން ހުރި 5 ފަޅު ހިއްކައި ބްރިޖް ކަނެކްޓިވިޓީން ގުޅާލުމުން މުޅި އުމުރަށް މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށެވެ.

"ޖުމުލަކޮށް ބުނާނަމަ މިއީ މުޅި ދިވެހިރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކެއްގެ ހައްލު ކަމުގައި ވެގެންދާނެ، އަދި މިސަރަހައްދު ތަރައްގީވުމުން ގްރޭޓަރ މާލެ ސަރަހައްދުގައި ދަތި ކަމެއްނެތި 8 ލައްކަ ދިވެހި ރައިޔިތުންނަށް ދިރިއުޅުމުގެ ފުރުސަތު ލިބިގެން ދާނެ." މަޓޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެމްބަރު މުޙައްމަދު ރާއީ ވިދާޅުވީ، ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލޭގެ ފޭސް-3 ކާއި، ގިރާވަރު ފަޅާއި، ގުޅީފަޅުން ބިން ހިއްކައި، އެތަށް ހާސް ދިވެހި ރައްޔިތުންނަށް ގޯތި ދިނުމަށް ނިންމައި، އަދި އުތުރުތިލަފަޅުން ބިންހިއްކައި ބޯހިޔާވަހިކަމުގެ ދެވަނަ ސްކީމުގެ އަމަލީ މަސައްކަތް ފަށާފައިވާ ސަރަހައްދުތަކަކީ ބްރިޖަކުން ގުޅާލެވޭ ތަންތަން ކަމަށް ވާއިރު، އެ ތަންތަނުން ގޯތިތައް ހަވާލުކުރުމަށް އިސްކަންދިނުމުގެ ބަދަލުގައި، ވާދޫ ކަނޑު ހުރަސްކޮށް ބްރިޖަކުން ގުޅާލެވެންނެތް ފުށިދިއްގަރުފަޅު "ރަސްމާލެ" ގެ ނަމުގައި އައު މަޝްރޫއެއް ފެށުމަކީ ދައުލަތުގެ ބަޖެޓުންކުރާ ބޮޑު އިސްރާފެއް ކަމަށް ދެކިލައްވާ ކަމަށެވެ.

މަޝްހޫރު ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ، ބިންވެރިޔާ އާއި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން ޝަރުތު ހަމަވި 9003 އާއިލާއެއްގެ 19857 މީހުންނަށް ގޯތި ދީފައިވަނީ އެންމެ ނިކަމެތި މީހާއަށް އިސްކަންދޭ އުސޫލުން، ހަމައެކަނި މާލެއަށް އުފަން ރައްޔިތުންނަށް ކަމަށާ، އަދި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުން ފްލެޓު ދިނުމަށް ނިންމީ މާލޭގެ ރައްޔިތުންނާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާ އެހެން ރަށްރަށުގެ ރައްޔިތުންނަށް ކަމަށެވެ.

އަދި ގެދޮރުވެރިޔާގެ ފުރަތަމަ ސްކީމުގެ ދަށުން ފްލެޓަށް ޝަރުތު ހަމަވީ 13763 މީހުންނަށް ކަމަށާ، ޝަރުތުހަމަވާ އެންމެނަށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ނިންމައި، ޝަރުތުހަމަވި 13763 މީހުންނަށް ފުލެޓް ދިނުމަށް އެ ސަރުރުން 11000 (އެގާރަ ހާސް) ފުލެޓް އެޅުމުގެ އަމަލީ މަސައްކަތް ފަށައި ނިމިފައިވާ 4000 ފުލެޓްގެ ހައްގުވެރިންނާއި އެ ފުލެޓްތައް ހަވާލުކޮށް އެގްރިމެންޓު ކުރެވިފައި ވާއިރު މި ސަރުކާރަށް އެކަން އަދި ވެސް ނުނިންމި މިހާރު ދެ އަހަރު ވެފައިވާ ކަމަށް ވެސް ނިޝާން ފާހަގަކުރެއްވިއެވެ.

އަދި ބާކީތިބި 9763 މީހުންނަށް ފުލެޓް ދިނުމަށް އިންޑިއާގެ އެލްއޯސީއިން ފައިނޭސް ހަމަޖައްސައި، އިތުރު 6000 ފުލެޓް އެޅުމަށް މިހާރު 4000 އަޅާ ފުލެޓް އެޅުމުގެ މަސަތްކަތް ކުރަމުންދާ އިންޑިއާގެ ދެކުންފުނި ކަމަށްވާ ކޭޕީއައިއެލް (އެންބީސީސީ) އާއި ޖޭއެމްސީ ޕްރޮޖެކްޓުސް އާއިއެކު 2023 ވަނަ އަހަރު ހަވާލުކޮށްފައިވާ ކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ފާއިތުވި ސަރުކާރުން ހުޅުވައިލި ދެވަނަ ބުރުގައި، މުއްދަތު ހަމަވިއިރު 40،000  އަށް ވުރެ ގިނަ އާއިލާތަކުން ފުލެޓާއި ގޯއްޗަށް ކުރިމަތިލާފައިވީ ނަމަވެސް، ދެވަނަ ބުރުގެ ފޯމުތައް އިވެލުވޭޓް ނުކޮށް، ލަސްކުރަމުން ދާ ދިއުމަކީ ދިވެހި ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުން މަހުރޫމުވެ، އެ ތަންތަނުން ގޯތި އަދި ފުލެޓް ހޯދުމުގެ އުއްމީދުގައިތިބި ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަން ލިބުމަށް އިތުރު ލަސްތަކަކާއި ކުރިމަތިކުރުވާނެ ކަމެއްކަން ފާހަގަކުރައްވަމުން ނިޝާން ވިދާޅުވީ، ދެވަނަ ސްކީމްގައި މާލެއިން ފްލެޓެއް ލިބިފައިވާ ފަރާތްތަކުން އެފަރާތްތަކަށް ލިބިފައިވާ ފްލެޓް ދޫކޮށްފައި ގޯއްޗަށް ކުރިމަތި ލެވޭގޮތަށް ވެސް ކުރީ ސަރުކާރުން ހުޅުވާލާފައިވާ ކަމަށެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު ޢަބްދުއްލަތީފުގެ ވާހަކައިގައި މި ސަރުކާރުން ބޯހިޔާވަހިކަމަށް ވަމުންއަންނަ އިހުމާލާއި ހިންގަމުން އަންނަ ކޮރަޕްޝަނަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާ، ކުރިއަށްއޮތް ތަނުގައި ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ. އެހެން ކަމުން މި މަހުގެ 17 ވަނަ ދުވަހާއި ހަމައަށް މި ސަރުކާރުން އެކަށީގެންވާ ގޮތަކަށް މިކަންކަން ހައްލުކުރުމަށް މަސައްކަތް ނުކޮށްފިނަމަ ދެން ތިބޭނީ މަގުމަތީގައި ކަމަށް ވެސް ޔާސިރު ވިދާޅުވިއެވެ.

އަދި ވެސް މި އެއްވުމުގައި އިތުރު ބޭފުޅުން ވާހަކަދެއްކެވި އިރު، އެބޭފުޅުން ވެސް ފަހަގަކުރައްވާފައި ވަނީ، ކުރީ ސަރުކާރުން ބިންހިއްކުމަށް ފަށާފައިވާ މަޝްރޫއުތައް ހުއްޓައި ނުލައި ކުރިއަށް ގެންދިޔުމަށް، ރައީސް މުހައްމަދު މުއިއްޒަށް ގޮވާލައްވާކަމަށާ، ބޯހިޔާވަހިކަމާއި ގެއްލިފައިވާ އެހެން ހައްގުތައް ހޯދުމަށް މެދުކެނޑުމެއްނެތި މުޒާހަރާކުރަން ޖެހޭ ކަމަށާ، މަގުމައްޗަށް ނުނިކުމެ ދެން ނުތިބެވޭނެ ކަމަށެވެ.

އެހެންކަމުން މި މަހުގެ 17 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް، ވީހާ ވެސް ގިނަ ބަޔަކު ނުކުންނަން ޖެހޭ ކަމަށް، ރޭގެ އެއްވުމުގައި ވާހަކަދެއްކެވި ބޭފުޅުން ތަކުރާރުކުރެއްވިއެވެ.

your imageބޯހިޔާވަހި ކަމުގެ މައްސަލައިގައި އެމްޑީޕީން ރޭ ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: ފިޔެސް

ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅުން ބިން ހިއްކައި، ގޯތި ކަނޑައި ދިނުމަކީ، ގާތްގަނޑަކަށް ފަންސާސް ދެހާސް ދިވެހި އާއިލާއަކަށް ލިބިގެންދާނެ ބޯހިޔާވަހިކަމެކެވެ. އެހެންކަމުން ނިސްބަތުން އާއިލާއެއްގައި ހަތަރު މެންބަރުން ތިބިކަމަށް ބެލި ނަމަވެސް، މިއީ ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބިގެންދާނެ ބޯހިޔާވަހިކަމަކަށް ވެގެންދާނެއެވެ.

ދައުލަތުގެ މާލިއްޔަތާއި، ވަސީލަތްތައް ހުޅުމާލޭގެ ފޭސް-3 އަކާއި، ގިރާވަރު ފަޅާއި، ގުޅީފަޅު، އަދި އުތުރުތިލަފަޅު ތަރައްޤީކުރުމަށް  ހޭދަ ކުރުމުގެ ބަދަލުގައި، ހަމައެކަނި ފުށިދިއްގަރުފަޅުގައި ހިންގާ މަޝްރޫއަށް ބޭނުންކުރަމުން ދިޔުމަކީ، ދެ ލައްކަ އަށްވުރެ ގިނަ ރައްޔިތުންނަށް ލިބެން އޮތް ބޯހިޔާވަހިކަމުގެ ހައްގުތަކަކުން އެ ރައްޔިތުން މަހުރޫމުވެ، އެ ތަންތަނުން ގޯތި ލިބިފައިވާ ފަރާތްތަކަށް ހައްގުވެގެންވާ ބޯހިޔާވަހިކަމަށް ކުރިމަތިކުރުވާނެ އިތުރު ހުރަސްތަކެކެވެ.

ކޮމެންޓް