މާލެ ސިޓީ ކައުންސިލް
ހުޅުމާލެ ރައްޔިތުން ރަށްވެހިވުމަށް "މާވެހި" ޕޯޓަލްއިން ބޮޑު ލުއިތަކެއް ދީފި
ސިޓީކައުންސިލުން ހުޅުމާލެ ރައްޔިތުންނަށް މާވެހި ޕޯޓަލް މެދުވެރިކޮށް މި ފަހިކޮށްދެއްވި ފުރުސަތުގެ ބޭނުން ފުރިހަމައަށް ހިފުމަށް ފަހި ޔޫނިއަން އިން މިއަދު އިލްތިމާސް ކޮށްފި
މުޙައްމަދު ޤާސިމް 29 ޖުލައި 2026 (ބުދަ)   13:12
ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ އެންމެހާ ފަރާތްތަކަށް  ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް، މާލޭ ސިޓީ ކައުންސިލްގެ "މާވެހި" ޕޯޓަލް ގައި ހުރި ދަތިތައް އެ ކައުންސިލުން ހައްލުކޮށްދެއްވާ، ރަށްވެހިންގެ ރަޖިސްޓަރީގައި ޖެއްސުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ފަހިކޮށްދެއްވައިފިއެވެ.

ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގައި ދިރިއުޅުއްވަމުން ގެންދަވާ އެންމެހާ ފަރާތްތައް ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް، މާލޭ ސިޓީ ކައުންސިލްގެ "މާވެހި" ޕޯޓަލްގައި ބައެއް ދަތިތައް ހުރުމުން އެ ދަތިތައް ސިޓީ ކައުންސިލުން ހައްލުކޮށްދެއްވާ، މާލޭރަށްވެހިންގެ ރަޖިސްޓަރީގައި ޖެއްސުމަށް އިތުުރު ލުއިފަސޭހަތަކެއް މާލެ ސިޓީ ކައުންސިލުން ދެއްވައިފިއެވެ.

މާވެހި ޕޯޓަލް އަކީ މާލެ ސިޓީ ކައުންސިލްގެ ޑިޖިޓަލް އިނިޝިއޭޓިވްގެ ދަށުން މާލެ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ޒަމާނީގޮތެއްގައި އަދި ޑިޖިޓަލްކޮށް ލުއިފަސޭހަ ހިދުމަތްތަކެއް ފޯރުކޮށްދީ، ރައްޔިތުންގެ މުހުތާދުތަކަށް ވީހާވެސް އަވަސް ހައްލުތައް ހޯދައިދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލުން ގާއިމްކުރައްވާފައިވާ ޕޯޓަލްއެކެވެ.

މިކަމާގުޅޭގޮތުން ފިޔެސް އިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާ އެކަމުގެ މައުލޫމާތު ހިއްސާކުރައްވަމުން، މާލޭސިޓީ ކައުންސިލްގެ ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލަރ، ފާތިމަތު ޒަހިއްޔާ (ޒާޔާ) ވިދާޅުވީ، ހުޅުމާލޭގެ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވާ، އެކިއެކި ކަންކަމާ އެ ރައްޔިތުންނާ ކުރެވުނު މަޝްވަރާތަކާއި، އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަހާ އޮޅުންފިލުވުމަށް މި ވޭތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކުން، ހުޅުމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ލިބިފައިވާ ބޯހިޔާވަހިކަމުގެ ދަށުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި ސިޓީ ކައުންސިލަށް ހުށަހެޅުމުގައި ދަތިތަކެއް ހުރިކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑަށް ލިބިގެން ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން މާލެ ސިޓީގެ މޭޔަރަށާއި ކައުންސިލްގެ ޖަލްސާތަކަށް އެ ކަންބޮޑުވުންތައް ހުށަހަޅުއްވާ އެކަމަށް ހައްލުހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކުގައި މާލެ ސިޓީގެ މޭޔަރުގެ ފުރިހަމަ އެއްބާރުލެއްވުމާ އެކު، "މާވެހި" ޕޯޓަލް މެދުވެރިކޮށް ހުޅުމާލޭގެ ރައްޔިތުން މާލޭގެ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށްޓަކައި ހުށަހެޅުމަށް ބޮޑެތި ލުއިފަސޭހަތަކެއް މިހާރު ލިބިގެން ގޮސްފައިވާކަމަށް ޒާޔާ ވިދާޅުވިއެވެ.

އެގޮތުން ހުޅުމާލޭގެ ރައްޔިތުން ވެސް ގޭގައި ތިއްބަވައިގެންގެން މާވެހި ޕޯޓަލް އަށް ލޮގިންކުރައްވާ މާލޭގެ ރަށްވެހިކަމުގައި ރަޖިސްޓަރީ ވުމަށްޓަކައި ހުޅުމާލޭގެ ބޯހިޔާވަހިކަން އިހްތިޔާރުކުރެއްވުމަށް، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހުރިހާ ފުލެޓް ތަކުގެ ނަންތައް ޓަވަރުތަކާ އެކު ފެންނާނޭހެން މިހާރު މާވަހި ޕޯޓަލް ވާނީ ވާނީ މާލެ ސިޓީ ކައުންސިލުން ބައްޓަންކުރައްވާފައި ކަމަށް ޒާޔާ ވިދާޅުވިއެވެ.

އެހެންކަމުން މާލެ ސިޓީ ކައުންސިލުން ދެއްވި މި ލުއިފަސޭހަކަމާއެކު މިކަން ކުރެވޭނެ މަގުފަހިވުމުން، ސޯޝަލް ހައުސިންގެ ގޮތުގައި އިމާރާތްކޮށްފައިވާ ފަހި ފްލެޓު އަދި ހިޔާ ފްލެޓާއި ވިނަރެސް ފުލެޓުތައް އަދި ރިއަލް އެސްޓޭޓް ކުންފުނިތަކުން އަޅާފައިވާ ފުލެޓް ތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން ވެސް އަދި ޖުމްލަކޮށް ހުޅުމާލާގައި ދިރިއުޅުއްވާ އެންމެހާ ފަރާތްތަކުން މާވެހި ޕޯޓަލް މެދުވެރިކޮށް ރަށްވެހިކަމުގައި ރަޖިސްޓަރީވުމަށްޓަކައި ހުށަހެޅުއްވުމަށް، ފަހި ފްލެޓުތަކުގެ ރައްޔިތުުންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާ "ފަހި ޔޫނިއަން" އިން މިއަދު ވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި މީގެއިތުރުން މާވެހި ޕޯޓަލް މެދުވެރިކޮށް މާލޭ ރަށްވެހިންގެ ގޮތުގައި ރަޖިސްޓަރީވުމަށް ހައްދަވަން ޖެހިވަޑައިގަންނަވާ ގޮތްތަކުގެ ފުރިހަމަ މައުލޫމާތުތަކާއި އިރުޝާދުތައް ވެސް ފަހި ޔޫނިއަން އިން މިއަދު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ.

އެގޮތުން މާވެހި ޕޯޓަލްއިން މާލެ ސިޓީ ރަށްވެހިންގެ ރަޖިސްޓަރީގައި ޖެއްސުމަށް ހުށަހަޅަންޖެހޭ ޑޮކިއުމެންޓް ތަކުގެ ގޮތުގައި ފާހަގަކުރައްވާފައި ވަނީ:

  1. ހުށަހަޅާ ފަރާތުގެ ޕާސްޕޯޓް ސައިޒް ފޮޓޯ.
  2. އެފްޑީސީ ޕޯޓަލް އަށް ހުށަހަޅައިގެން ހުށަހަޅާ ފަރާތަށް އެފްޑީސީން ފޮނުވާފައިވާ ސިޓީގެ ކޮޕީ.
  3. ފުލެޓް އެގްރީމެންޓްގެ ޕޭޖް -3
  4. ފުލެޓް އެގްރީމެންޓްގެ ޕޭޖް -6 (ފްލެޓު އެގްރީމެންޓްގެ ޕޭޖް 3 އަދި ޕޭޖް 6 ހޯދުމަށް އެފްޑީސީގެ ޕޯޓަލްއަށް ލޮގިން ކުރެއްވުމުން އެގްރީމެންޓް ފެނިލައްވާނެއެވެ. ޕޭޖް 3 އަދި ޕޭޖް 6 ގެ ސްކްރީން ޝޮޓް ނަންގަވާފަ އަޕްލޯޑް ކުރައްވިދާނެ އެވެ).
  5. ފުލެޓްގެ ލޭއައުޓް ޕޭޖް.
  6. ފުލެޓް ހުރި ޓަވަރުގެ ލޮކޭޝަން ޕޭޖް. (ފުލެޓްގެ ލޭއައުޓް ޕޭޖް އަދި ލޮކޭޝަން ޕޭޖް ހޯއްދެވުމަށް އެފްޑީސީގެ ޕޯޓަލް އަށް ލޮގިންކުރެއްވުމަށް ފަހު ޔުނިޓް އޮޕްޝަން ނެންގެވުމުން ލޭއައުޓް އަދި ލޮކޭޝަން ޕޭޖް ފެނިލައްވާނެ އެވެ. އެ ދެ ޕޭޖްގެ ސްކްރީން ޝޮޓް ނެންގެވުމަށް ފަހު އަޕްލޯޑް ކުރެވިދާނެ އެވެ).

އަދި މީގެ އިތުރުން ރަށްވެހިކަމަށް އެދި ހުށަހަޅާފަރާތުގެ އައިޑީކާޑާއި އެފަރާތުގެ މަންމަ އަދި ބައްޕަގެ އައިޑީކާޑު ކޮޕީ އަދި ހުށަހަޅާފަރާތުގެ އުފަންދުވަހުގެ ސެޓްފިކެޓް ކޮޕީއެއް ހުށަހަޅުއްވަން ޖެހޭކަމަށް ވެސް ފަހި ޔޫނިއަން އިން މައުލޫމާތު ދެއްވާފައި ވެއެވެ.

އަދި މީގެ އިތުރުން، ރަށްވެހިކަމަށް އެދި ހުށަހެޅުމަށްޓަކައި އެފްޑީސީ (ފަހި ދިރިއުޅުން ކޯޕަރޭޝަން) ގެ އިއުތިރާޒެއް ނެތްކަމަށް ބަޔާންކޮށް ވެރިފަރާތަށް ދެއްވާ ސިޓީ ހޯއްދެވުމަށްޓަކައި، އެ ކޯޕަރޭޝަންގެ ޕޯޓަލް މެދުވެރިކޮށް އެކަން ހުށަހަޅަންޖެހޭ ގޮތުގެ މައުލޫމާތުތަކާއި އިރުޝާދުތައް ވެސް ފަހި ޔޫނިއަން އިން މިއަދު ވަނީ ހިއްސާކުރައްވާފައި ކަން ފާހަގަކޮށްލެވެއެވެ.
އެފްޑީސީ ޕޯޓަލްގެ ލިންކް: portal.fdc.mv 

ފަހި ޔޫނިއަންއިން މިއަދު ކުރެއްވި ޕޯސްޓު ނިންމަވާލައްވާފައި ވަނީ، ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހުރިހާ ފުލެޓް ތަކުގެ ނަންތައް މާވެހި ޕޯޓަލްގައި ޖެއްސެވުމުން އެ ފުލެޓެއް ހިމެނޭ ޓަވަރު އަދި ނަންތައް ފެނިލައްވާނެ ގޮތަށް މާލޭސިޓީ ކައުންސިލުން ޕޯޓަލް ބައްޓަންކޮށްދެއްވާ ރައްޔިތުންނަށް މި ފުރުސަތު ފަހިކޮށްދެއްވި ކަމަށްޓަކާ ފަހި ޔޫނިއަންގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށް ވިދާޅުވަމުންނެވެ.

މާވެހި ޕޯޓަލްގެ ލިންކް: maavehi.gov.mv

ކޮމެންޓް
ކިޑްނީ
3 months ago
ދެން ތިކޯޕަރޭޝަންކުދިން މެދުވެރިކޮށް އެފޯމް ފުރުމަށް ފައިސާ ދައްކަންޖެހޭ ގޮތައްވެސް ހަމަޖައްސާލަދެއްވާ، އެންމެންނަކަށް ޓިފޯމްފުރާކަށް ނޭގޭނެވިއްޔާ