އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު
ބޭރުގެ އިންވެސްޓްމަންޓްތަކުން މިނިވަން ކަމެއް ނުގެއްލޭނެ: ނަޝީދު
ހިޝާމް ހާރޫން 15 ނޮވެމްބަރ 2026 (އާދީއްތަ)   18:59
ބޭރުގެ އިންވެސްޓްމަންޓްތައް ނުވަތަ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ތަކުގެ ސަބަބުން ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލު ނުގެއްލޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓަށް މަރުހަބާކީ ގައުމުތަކަށް ކަމަށެވެ.

އެ އިންވެސްޓްމަންޓަކީ ރޯ މެޓީރިއަލް ނެގުން އެކަނި ކަމަށް ވެގެން ނުފުދޭ ކަމަށާއި އެ ޕްރޮސެސްކޮށް، އުފެއްދުންތެރި ކަމަށް މަގުފަހިވުން ލާޒިމު ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެ މިސާލެއްގެ ގޮތުން ސިންގަޕޫރާއި ދެކުނު ކޮރެއާގެ ތަރައްގީ ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވީ، ބޭރުގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން އެ ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އެއްވެސް އުނިކަމެއް ނާންނަ ކަމަށެވެ. އޭގެ ބަދަލުގައި އެގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އެ ބާރުގައި އިސްތިގުލާލު ހިމާޔަތްކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގުވާމީ ދަނޑުގައި ޖާގަ ކަށަވަރުވި ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވިއިރު، ޔޫއޭއީގެ އީގަލް ހިލްސް އިން ރަސްމާލޭގައި ކުރިއަށް ގެންދަން ނިންމާފައިވާ މަޝްރޫއާ ދެކޮޅަށް ގައުމީ ހަރަކާތުގެ ނަމުގައި "ނޫނެކޭ" ބުނެ އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ.

އަދި ނަޝީދު ނިސްބަތްވެވަޑައިގަންނަވާ އެމްޑީޕީގެ ގައުމީ މަޖިލީހުންވެސް ވަނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކުރިން ރަސްމާލެ، އީގަލް ހިލްސް އަށް ދޫނުކުރުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ބޭއްވި އެއްވުމުގައިވެސް އެމްޑީޕީގެ އިސް ބައެއް ފަރާތްތަކުން ބައިވެރިވިއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އެ މަޝްރޫއާ ދެކޮޅު ހަރަކާތްތަކެއް މާލޭގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.

ކޮމެންޓް