
އެ އިސްލާހުތައް މިފަހުން ވަނީ، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ނައިބްރައީސް އަދި އޭރުގެ ރައްޔިތުންގެ މަޖިލީހުގެ މ.އަތޮޅުގެ އެއް މެންބަރު ކަމަށްވާ އަހުމަދު ނާޒިމް އާންމު ކުރައްވާފައެވެ. ނާޒިމް އެ އިސްލާހުތައް އާންމުކުރެއްވީ، ސަރުކާރުން މިހާރު ރައްޔިތުންނަށް ކުރިމަތިކޮށްފައި އޮތް ސުވާލަށް ބާރު ހޯއްދެވުމުގެ ގޮތުންނެވެ. ދެ އިންތިހާބު އެކުގައި ބޭއްވުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު އަންނަ އެޕްރީލު 4 ގައި ނަގާއިރު، އެއީ ގާނޫނުއަސާސީ އިސްލާހު ކުރިއިރުވެސް ދެއްކި ވާހަކަ އެއްކަން ހާމަކުރެއްވުމުގެ ގޮތުންނެވެ.
ނާޒިމް އެކަން ހާމަކުރެއްވުމަށްފަހު އެވާހަކަ އިތުރަށް ނުދައްކަވާ ދޫކޮށްލެއްވީ އެވެ. އޭރު އެވާހަކަ ދެކެވުނު ގޮތާއި އެކަމަށް ތާއީދުކުރެއްވި ބޭފުޅުންނާއި ނުކުރައްވާ ބޭފުޅުންވެސް ނާޒިމަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންނަމަވެސް އެވާހަކަ އިތުރަށް ދައްކަވައިފިނަމަ މިއަދު ކުރިމަތީގައި އޮތް ސުވާލުގައި ސަރުކާރުން ނެރެން ބޭނުންވާ ނަތީޖާއާ ދެކޮޅަށް ކުރެވޭ ކަމަކަށް އެކަން ވެދާނެއެވެ.
އިންތިގާލީ ކަންތައްތަކުގެ ބާބުގެ މަސައްކަތް ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ކުރެވުނު އިރު، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށް 3 ހުށަހެޅުމެއް ހުށަހެޅި، ތާއީދު ލިބުނެވެ. އެއީ ރައްޔިތުންގެ މަޖިލީހުގެ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލް ހުށަހެޅުއްވި އިޞްލާޙަކާއި، ރައްޔިތުންގެ މަޖިލީހުގެ ރ.އަތޮޅު މެންބަރު ޢަލީ ވަޙީދު ހުށަހެޅުއްވި އިޞްލާޙަކާއި، ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ރ.އަތޮޅު މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިސްލާހެކެވެ.
ހާއްސަ މަޖިލިސް އެކުލެވިފައި އޮތީ ރައްޔިތުންގެ މަޖިލީހާއި ވަޒީރުންގެ މަޖިލީހާއި ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާ މެންބަރުންނާއެކު ހާއްސަ މަޖިލީހަށް ކޮންމެ އަތޮޅަކުންނާއި މާލެއިން ހޮވި ދެ މެންބަރުންގެ މައްޗަށެވެ. ހާއްސަ މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތީ އޭރުގެ ސަރުކާރަށެވެ. އެހެންކަމުން ސަރުކާރުން ބޭނުން ނުވާ އިސްލާހެއް ހާއްސަ މަޖިލީހުން ފާސްކުރުން ވެފައި އޮތީ ނާދިރު ކަމަކަށެވެ.
އާ ގާނޫނު އަސާސީއަށް އަމަލުކުރަން ފެށުމާއެކު އިންތިގާލީ މަރުހަލާގައި ކަންކަން ކުރާނެ ގޮތުގެ ވާހަކަ ދެކެވުނުއިރު އިންތިގާލީ ސަރުކާރެއް އެކުލަވައިލުމަށްވެސް އޭރުގެ އިދިކޮޅު ފަރާތްތަކުން ގޮވައިލި އެވެ. އަދި އާ ގާނޫނުއަސާސީގެ ދަށުން ފުރަތަމަ ބާއްވާ އިންތިހާބުތައް ތަރުތީބު ކުރުމުގައި ސަރުކާރުގެ ނުފޫޒު ވީހާވެސް ކުޑަކުރެވޭނެ ގޮތަކަށް ތަރުތީބު ކުރުމަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ބާރުއެޅިކަން ހާއްސަ މަޖިލީހުގެ އޭރުގެ ޔައުމިއްޔާ ތަކުން ފެންނަން އެބަ ހުއްޓެވެ.
ބައެއް މެންބަރުން ބޭނުންފުޅުވީ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބު ބާއްވާށެވެ. އަތޮޅުވެރިންނާއި ކަތީބުން މެދުވެރިކޮށް ސަރުކާރުން ވޯޓް އޮޅުވާލާކަމަށް ވިދާޅުވެ، އެފަދަ މެންބަރުންގެ ރައުޔަކީ ފުރަތަމަ ކައުންސިލް އިންތިހާބުތައް ބޭއްވުމެވެ. އަދި އޭގެ ފަހުން މަޖިލިސް އިންތިހާބު ބާއްވައި އޭގެ ފަހުން ރިޔާސީ އިންތިހާބު ބޭއްވުމަށްވެސް އޭރު އިސްލާހީ މަސައްކަތުގައި އުޅުއްވި ބައެއް ބޭފުޅުން ވަކާލާތު ކުރެއްވިއެވެ.
"އަޅުގަނޑު ދެކޭގޮތުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށްވުރެ ކުރިން އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކުގެ އިންތިޚާބު ބާއްވަންޖެހޭނެ. އެހެންނޫނިއްޔާ އަޅުގަނޑުމެނަށް މިނިވަންކަމާ އެއްކޮށް އިންތިޚާބުތަކެއް އިންތިޒާމު ނުކުރެވޭނެކަމަށް އަޅުގަނޑު ދެކެން. އެންމެ ފުރަތަމަ ބާއްވަނީ ރިޔާސީ އިންތިޚާބުކަމަށްވެއްޖެއްޔާ އަޅުގަނޑު ދެކޭގޮތުގައި ޙަޤީޤީ ސިފައެއްގައި މިނިވަންކަމާ އެއްކޮށް ރިޔާސީ އިންތިޚާބެއް ބޭއްވޭނެ ކަމަކަށް އަޅުގަނޑު ނުދެކެން. އަޅުގަނޑު ދެކޭގޮތުގައި ރިޔާސީ އިންތިޚާބު ބާއްވަންޖެހޭނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބު ބޭއްވުމަށްފަހު، އެ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި އެކުލަވާލެވޭ އިންސިސިޓިއުޝަންތަކެއްވެސް ގާާއިމުކުރުމަށް ފަހު. ދެން، ހަމައެއާއެއްކޮށް ފުރިހަމަ މަލްޓި ޕާޓީ އިލެކްޝަނެއް ދިވެހިރާއްޖޭގައި ބާއްވަން ބޭނުންކަމަށްވެއްޖިއްޔާ އަޅުގަނޑުމެނަށް މި އިންތިޤާލީ މަރުޙަލާގައި ކަންތައްތަކެއް އިންތިޒާމުކުރެވެންޖެހޭނެ، އެކަމަށް ސަމާލުކަން ދޭން އެބަޖެހޭ." އައްޑު އަތޮޅު މެންބަރު ހުސްނުއްސުއޫދު، 31 މާޗް 2008 ގައި އޮތް ހާއްސަ މަޖިލީހުގެ ޖަލްސާގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން، އެ މަޖިލީހުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނިވަޑައިގެންނެވި.-- ފޮޓޯ: މަޖިލިސް
އިންތިގާލީ ކަންތައްތަކުގެ ބާބުގެ ބަހުސް 2008 ވަނަ އަހަރުގެ މާޗް މަހުގެ ފަހުކޮޅު އަދި އެޕްރީލް މަހުގެ ކުރީކޮޅު ބޭއްވި ހާއްސަ މަޖިލީހުގެ ޖަލްސާތަކުގެ ޔައުމިއްޔާއިން ފެންނަން އެބައޮތެވެ. ހެނދުނާއި މެންދުރުފަހު، ކޮންމެ ދުވަހަކު ދެ ޖަލްސާ ބޭއްވިއިރު ވަރަށް ބޮޑަށް ހިޔާލު ތަފާތުވެ، ނުރަސްމީކޮށް ވާހަކަތައް ކުރިއަށް ގެންދިޔުމަށް ޖަލްސާތައް މެދުކަނޑާލާފައި ވެސް ވެއެވެ. އަދި ބައެއް ޖަލްސާތައް ކޯރަމް ގެއްލިގެން ހުއްޓާލާފައި ވެސް ވެއެވެ. އަދި އިންތިގާލީ ބާބަށް މެންބަރުން ވޯޓް ދެއްވަންވީ ގޮތުގެ ކަރުދާހެއް ސަރުކާރުގެ މެންބަރުންނަށް ބައްސަވައިގެން ޖަލްސާ ހޫނުވެ، މެދުކަނޑާލާފައިވެސް ވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ހާއްސަ މަޖިލީހުގެ ޑްރާފްޓިން ކޮމިޓީން އިންތިގާލީ ބާބު އެކުލަވައިލި ގޮތާ ހިލާފަށް ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހެޅީއެވެ. އެހެންވެ ޑްރަފްޓިން ކޮމިޓީގެ މުގައްރިރު މާލޭ މެންބަރު އިބްރާހީމް އިސްމާއީލް ވަނީ އެފަދަ އިސްލާހުތައް ވަކިން ހާއްސަ މަޖިލީހުގެ ތަޅުމަށް ހުށަހަޅުއްވާފައެވެ. ދެ އިންތިހާބު އެކުގައި ބޭއްވުމުގެ އިސްލާހަކީވެސް އެފަދަ އިސްލާހެކެވެ. އެހެންނަމަވެސް އެ އިސްލާހާއެކު ޑްރާފްޓިން ކޮމިޓީގައި އިތުރު ވަރަށް ގިނަ ވާހަކަތަކާއި ހުށަހެޅުންތައް ކުރިއަށް ދިޔަ ކަމަށް ވެއެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދެބައިކުޅަ އެއްބައި "މިޑްޓާމް އިލެކްޝަނެއް" ގޮތަށް އިންތިހާބު ކުރުމަށްވެސް މަޝްވަރާ ކުރެވުނު ކަމަށް ވެއެވެ.
އާންމު ކޮށްފައިހުރި ހާއްސަ މަޖިލީހުގެ ޔައުމިއްޔާތަކުން ފެންނަ ގޮތުގައި، އިންތިގާލީ ބާބު ފާސްކުރީ ސަރުކާރު ބޭނުންވާ ގޮތަށެވެ. ސަރުކާރުގެ އިސްލާހުތައް ހުށަހެޅުއްވީ މ.އަތޮޅުގެ މެންބަރު އަނީސާ އަހުމަދެވެ. އަނީސާގެ ހުށަހެޅުއްވުމުގައި އޮތީ ރިޔާސީ އިންތިހާބު، 2008 އޮކްޓޯބަރު 11 ގެ ކުރިން ބާއްވައި އަލަށް އިންތިހާބުވެވަޑައިގަންނަވާ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރު 2008 ނޮވެމްބަރު 11 ގައި ފެށުމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބު 2009 ފެބްރުއަރީ 15 ގެ ކުރިން ބާއްވައި އެ މަޖިލީހުގެ ފުރަތަމަ ޖަލްސާ 2009 މާޗް 1 ގެ ކުރިން ބޭއްވުމަށެވެ. މިގޮތަށް ތާއީދު ކުރައްވައި ސަރުކާރަށް ނިސްބަތްވެވަޑައިގެންނެވި މެންބަރުން ވާހަކަ ދެއްކެވުމުގައި ދެ އިންތިހާބު އެކުގައި ނުބޭއްވުމުގެ މުހިންމުކަން ފާހަގަ ކުރެއްވިއެވެ.
ހާއްސަ މަޖިލީހުގައި ވަޒީރުންގެ މަޖިލިސް ތަމްސީލުކުރެއްވި އޭރުގެ ޕްލޭނިން އެންޑް ނޭޝަނަލް ޑިވެލޮޕްމަންޓް މިނިސްޓަރު ހަމްދޫން ހަމީދު ވިދާޅުވީ އިންތިހާބުތަކުގެ ތަރުތީބު އެއީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
"އެ ތަރުތީބު ގެނެވޭގޮތަކުން ރާއްޖޭގެ ކުރިއަށްއޮތް ތަރައްޤީއަށްވެސް ވަރަށް ބޮޑު އަސަރުތަކެއް ކޮށްފާނެ ކަހަލަ ކަންތަކެއް އެބަހުރި. އެހެންވީމަ، އަޅުގަނޑުގެ ޚިޔާލުގައި ނުވަތަ އަޅުގަނޑު ދެކޭގޮތުގައި މި އިންތިޚާބުތައް ތަރުތީބުވެ ނުވަތަ ރޭވިގެން އަންނައިރު އެންމެފުރަތަމަ ރިޔާސީ އިންތިޚާބު، ދެން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު، ދެން އެއަށްފަހު ރަށު ކައުންސިލްތަކުގެ އިންތިޚާބު ގެނައުން. އެއީ ޤައުމީ ދުވެލި ތަރައްޤީގެ ދުވެލިވެސް ހިފަހައްޓަން މިހާރު އޮތްގޮތަށް ދަމަހަށްޓަންވެސް ވަރަށް މުހިންމު ތަރުތީބެއްކަމަށް އަޅުގަނޑު ދެކެނީ." 31 މާޗް 2008 ގައި އޮތް ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ހަމްދޫން ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައި ހާއްސަ މަޖިލީހުގައި މަސައްކަތްކުރެއްވި ގާނޫނީ ވަކީލު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ އެންމެފުރަތަމަ އޮންނަންވާނީ ރިޔާސީ އިންތިޚާބުކަމަށެވެ.
"ދެން ހަމައެއާއެކު މިޢިއްޒަތްތެރި މަޖިލީހުގައި ދެކެވުނު ބައެއް ވާހަކަތަކާއި ގުޅިގެން ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެކުގައި ބޭއްވުމާބެހޭގޮތުންވެސް އަޅުގަނޑު ހަމަ އަޅުގަނޑުގެ ޚިޔާލު ޙިއްސާކޮށްލަން ބޭނުންވޭ. އަޅުގަނޑުގެ ޚިޔާލަކީ މި ދެ މުއައްސަސާ އެކުގައި އިންތިޚާބުކުރުމަށްވުރެ މީގައި ފައިދާ ބޮޑުވެފައި އެންމެ އޮމާންކަމާއި އަމާންކަމާއިއެކުގައި މިކަން ގެންދެވޭނީ ދެ އިންތިޚާބު ވަކިން ބާއްވައި، ފަހަރަކު މުއައްސަސާއެއްގެ އިންތިޚާބު ބާއްވައި އިންތިޚާބުތައް ނިންމައިގެން ކުރިއަށް ގެންދިއުންކަމުގައިވާތީ އަޅުގަނޑު ޤަބޫލުކުރާގޮތުގައި އެވެސް އެކަންކުރުމަށް އެންމެރަނގަޅު ގޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަން." ރައީސް މައުމޫންގެ ވެރިކަމުގެ ފަހުކޮޅު ބަންޑާރަ ނައިބްކަންވެސް ކުރެއްވި އާޒިމާ، ހާއްސަ މަޖިލީހުގެ 261 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ވިދާޅުވެފައި ވެއެވެ.
މިހާރު ރައްޔިތުންގެ މައްޗަށް ހުށަހެޅިފައިވާ ސުވާލާއި އޭރު ހާއްސަ މަޖިލީހުގައި ކުރެވުނު ބަހުސާ އަޅާކިޔާނަމަ، މި ދެކެވެނީ ދެ ވާހަކަ އެކެވެ. ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އަހުމަދު ނާޒިމް، އެދުވަހުގެ ވާހަކައިން ތަންކޮޅެއް މިއަދު އެ ހާމަ ކުރެއްވީ ވަކިގޮތަކަށް ސިފަކޮށްދެއްވުމުގެ ބޭނުމުގައެވެ. ގާނޫނުއަސާސީގެ އިންތިގާލީ ބާބުގެ ކަންތައް ކުރިއަށް ދިޔަ ގޮތާއި، ސަރުކާރުގެ ފަރާތުން އިސްލާހުތައް ހުށަހެޅިގޮތް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ އޭރުގެ މ.އަތޮޅު މެންބަރު ނާޒިމް އެވެ. އެ އިސްލާހުތައް ހުށަހެޅުއްވީ މ.އަތޮޅުގެ އަނެއް މެންބަރު އަނީސާ އެވެ. އަނީސާ އެފަދަ އިސްލާހުތައް ގިނަ އަދަދަކަށް ހުށަހަޅުއްވާތީ، އެ ކަމަނާއަކީ ރައީސުލްޖުމްހޫރިއްޔާގެ މެންބަރެއްގެ ގޮތުގައިވެސް ބައެއް މެންބަރުން ހާއްސަ މަޖިލީހުގެ ބަހުސްގައި ސިފަކުރައްވާފައި ވެއެވެ.




