ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުން.-- ފޮޓޯ: ރައީސް އޮފީސް
ސާފު ހަކަތައަށް ބަދަލުވުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސް ގޮވާލައްވައިފި
12 ނޮވެމްބަރ 2026 (ބުރާސްފަތި)   06:24
ލުއިފަސޭހަ މާލީ އެހީތެރިކަމާއި ޓެކްނޮލޮޖީގެ ވަސީލަތްތައް ލިބުމުގެ އިތުރުން ހަކަތައިގެ އުމްރާނީ ތަރައްގީއަށް އިންވެސްޓްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ސާފު ހަކަތައަށް ބަދަލުވުމުގެ ދުވެލި ހަލުވިކުރުމަށް ބައިނަލްއަގްވާމީ އެއްބާރުލުން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.

ތުރުކީވިލާތުގެ އަންތާލިޔާގައި ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވާކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖްގެ ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 31 ވަނަ ސެޝަން (ޔޫއެންއެފްސީސީސީ ކޮޕް31)ގެ ލީޑަރުންގެ ސަމިޓްގައި "ކްލީން އެނާޖީ ޓްރާންސިޓަން އެންޑް އިލެކްޓްރިފިކޭޝަން" ހައިލެވެލް ޑައިލޮގްގައި ރައީސް ވިދާޅުވީ، މޫސުމީ ބަދަލުތަކުން އަރައިގަތުމަށް، ތިމާވެށްޓާ ރައްޓެހި ހަކަތައަށް ބަދަލުވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.

ރާއްޖެއަށް އަލިއަޅުވާލަމުން ރައީސް ވިދާޅުވީ، ހަކަތައިގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އިގްތިސާދު ހިމާޔަތް ކުރުމަށާއި، ރައްޔިތުންނަށް މެދުނުކެނޑި ހަކަތަ ފޯރުކޮށްދިނުމަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށެވެ.

"ރާއްޖެއަކީ އިމްޕޯޓްކުރާ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއް، މިހެންވުމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި، ސަޕްލައިއަށް ދިމާވާ ހުރަސްތަކުގެ ނުރައްކާ އަބަދުވެސް އޮވޭ. އެހެންކަމުން، ތެލަށް ބަރޯސާވުން ކުޑަކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑަށް އިސްކަން ދޭ ގައުމީ ކަމެއް،". އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތުން، 2023 ވަނަ އަހަރު، ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ %33 އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމުގެ ލަނޑުދަނޑި ރާއްޖެއިން ކަނޑެޅިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މި ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފެއްދުމަށާއި، ރަށްތަކުގައި މި ނިޒާމުތައް ފުޅާކުރުމަށް ބޭނުންވާ ހަކަތަ ރައްކާކުރާ ނިޒާމުތަކަށް އިންވެސްޓްމަންޓްތައް ބޭނުންވާ ކަމަށެވެ.

ނަމަވެސް، މި ބަދަލުތައް ގެނައުމުގައި ގޮންޖެހުންތަކެއް އެބަހުރި، ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި އޮތުމުން، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ގާއިމުކޮށް ބެލެހެއްޓުމަށް ހިނގާ ހަރަދު، ބޮޑެތި ގައުމުތަކާ އަޅާބަލާއިރު ވަރަށް ބޮޑު،". ރައީސް ވިދާޅުވިއެވެ.

މި ގޮންޖެހުންތަކަށް ރިއާޔަތްކޮށް، 2024 އިން 2033 އަށް ހަކަތައިގެ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ މަގު ޗާޓެއް ރާއްޖެއިން އެކުލަވާލާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަގުޗާޓަކީ ތެލަށް ބަރޯސާވާ ނިޒާމުތަކުން ދުރުވެ، ދެމެހެއްޓެނިވި، ހަރަދު ކުޑަ އަދި ވަރުގަދަ އިއާދަކުރަނިވި ހަކަތައިގެ ދާއިރާއަކަށް ބަދަލުވުމަށް އެކުލަވާލާފައިވާ އޮނިގަނޑެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިކަމުގައި ކުރިއަށް ދިއުމަށް އަގުހެޔޮ މާލީ އެހީތެރިކަމާއި، ޓެކްނޮލޮޖީއާއި، ހަކަތައިގެ އުމްރާނީ ވަސީލަތްތައް ތަރައްގީކުރުމަށް އިންވެސްޓް ކުރުން ފަދަ ބައިނަލްއަގްވާމީ މުޖުތަމައުގެ ފުރިހަމަ އެއްބާރުލުމަށް އެދިވަޑައިގެންފައެވެ.

"ދުނިޔޭގެ ހަކަތައިގެ ދާއިރާއަށް ގެންނަ ބަދަލުތަކުގެ ކާމިޔާބީ މިނެކިރޭނީ، އަޅުގަނޑުމެން އިޢުލާންކުރާ އުންމީދުތަކުން އެކަންޏެއް ނޫން. އެއީ އެކަންކަން ހަގީގަތަކަށް ހެދުމަށް ކުރާ މަސައްކަތުން. ތިމާވެށްޓާ ރައްޓެހި އަދި ރައްކާތެރި ހަކަތައިގެ މުސްތަގްބަލެއް ބިނާކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން ދެން. އަދި މި މަގްސަދު ހާސިލުކުރުމަށް ބައިނަލްއަގްވާމީ ބައިވެރިންނާއެކު މަސައްކަތްކުރުމަށް އަޅުގަނޑުމެން އުންމީދުކުރަން،". ރައީސް ވިދާޅުވިއެވެ.

ކޮމެންޓް