
މިކަން ރަސްމީކޮށް އިއުލާން ކުރެއްވީ އެ ނެޓްވޯކުގެ ރައީސް ސައުދު ބިން ފައިސަލް ސުލްތާން އަލްގާސިމީ ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ނަޝީދަކީ ރާއްޖޭގެ ފުރަތަމަ ޑިމޮކްރަޓިކް ރައީސް ކަމާއި 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަން ކުރެއްވުމުގެ އިތުރުން ކްލައިމެޓް ވަލްނަރަބަލް ފޯރަމް ސެކްރެޓަރީ ޖެނެރަލް އަދާކުރެއްވިކަން ފާހަގަކޮށްފައި ވެއެވެ.
ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކްގެ އިންޓަނޭޝަނަލް އެޑްވައިޒަރީ ބޯޑަކީ ދުނިޔޭގެ އެކި ގައުމުތަކާއި، މުއައްސަސާތަކާއި، ސަރަހައްދުތައް ބައްޓަންކުރެއްވި ތަޖުރިބާކާރު ލީޑަރުންގެ މައްޗަށް އެކުލެވިގެންވާ ބޯޑެކެވެ.
މި ބޯޑުގެ މައިގަނޑު މަގްސަދަކީ ކޮމަންވެލްތުގެ 56 ގައުމަށް ބޭނުންވާ ބްލޮކްޗެއިން ޓެކްނޮލޮޖީ، ފިންޓެކް، ޑިޖިޓަލް ބޭންކިން އަދި އީޖާދީ ކަންކަން ކުރިއެރުވުމަށް އުފައްދާފައިވާ ޑިޖިޓަލް އިސްނެގުމެކެވެ. މީގެ މަގްސަދަކީ ބްލޮކްޗެއިން، އާޓިފިޝަލް އިންޓެލިޖެންސް އަދި ރައްކާތެރި ޑިޖިޓަލް ނިޒާމުތައް ފަދަ ޓެކްނޮލޮޖީތަކުގެ އެހީގައި ޒަމާނީ ޑިޖިޓަލް އިގްތިސާދަކަށް މަގުފަހިކޮށްދިނުމެވެ.
މިއީ ކޮމަންވެލްތުގެ އެކި ގައުމުތަކަށް ނިސްބަތްވާ އިލްމީ ބޭފުޅުންނާއި އިންވެސްޓަރުންގެ ގްރޫޕަކުން އުފައްދާފައިވާ މަސައްކަތެކެވެ. މީގެ އިތުރުން، މިއީ ދުނިޔޭގެ ބާޒާރުތަކަށް ވަދެވޭނެ ދޮރެއްގެ ގޮތުގައާއި، ކޮމަންވެލްތު ހިމެނޭ ސަރަހައްދުތަކަށް ހާއްސަ މާކެޓިން އަދި އިޝްތިހާރު ކުރުމުގެ ފުރުސަތުތަކުގެ އެހީގައި ކުންފުނިތަކަށް އިންވެސްޓްމަންޓާއި ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިދޭ މަގަކަށް ވެސް ވެއެވެ.
މި ބޯޑުގައި ރައީސް ނަޝީދުގެ އިތުރުން ދުނިޔޭގެ ފާހަގަކޮށްލެވޭ އެހެން ލީޑަރުންވެސް ހިމެނިވަޑައިގަންނަވައެވެ. އޭގެ ތެރޭގައި ގާނާގެ 10 ވަނަ ރައީސް އަދި އެފްރިކަން ޔޫނިއަންގެ 5 ވަނަ ޗެއަރ ޖޯން ކުފޫރާއި، މޯލްޓާގެ ކުރީގެ ބޮޑުވަޒީރު ޖޯސެފް މުސްކަޓާއި، ޕާކިސްތާނުގެ ސެނެޓް ޑިފެންސް އެންޑް ފޮރިން އެފެއާޒް ކޮމިޓީގެ ޗެއަރ ސެނެޓަރ މުޝާހިދު ހުސައިންގެ އިތުރުން ތުރުކީގެ އެސްއީއެސް ޕާޓީގެ ޗެއާމަން އާތިފް އޮޒްބޭ ހިމެނިވަޑައިގަންނަވައެވެ.
ނެޓްވޯކުގެ ރައީސް ސައުދު ބިން ފައިސަލް ވިދާޅުވީ، މިފަދަ ގާބިލު ބޭފުޅުންނާއެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ ލިބޭ ފަހުރެއް ކަމަށެވެ. އަދި މި ނެޓްވޯކްގެ ސައްހަކަމަކީ ހަމައެކަނި ދައްކާ ވާހަކައެއް ނޫން ކަމަށާއި، އެއީ މި މަސައްކަތުގެ ފަހަތުގައި ތިއްބެވި ބޭފުޅުންގެ ފެންވަރުން ސާބިތުވާ ކަމެއްކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ.
ޖުމްލަގޮތެއްގައި، ކޮމަންވެލްތު ޔޫނިއަން ބްލޮކްޗެއިން ނެޓްވޯކްގެ އަމާޒަކީ ކޮމަންވެލްތު ގައުމުތަކުގެ މެދުގައި ޑިޖިޓަލް ބަދަލުތަކާއި އިގްތިސާދީ އެއްބާރުލުން އިތުރުކުރުމެވެ. އެކަމުގެ ލީޑަރޝިޕާއި، ފަންނީ އެހީތެރިކަމާއި އަދި ސްޓްރެޓީޖިކް މިސްރާބު ކަނޑައެޅުމުގައި އެޑްވައިޒަރީ ބޯޑުން މުހިންމު ދައުރެއް އަދާކުރެއެވެ.
އެޑްވައިޒަރީ ބޯޑަށް ރައީސް ނަޝީދު އައްޔަނުކުރިކަން އިއުލާން ކުރިއިރު އެމަނިކުފާނު މިހާރު ހުންނެވީ 10 ވަނަ އިންޑިއަން އޯޝަން ޑަޔަލޮގް (އައިއޯޑީ) ގައި ބައިވެރިވެވަޑައިގަތުމަށް އިންޑިއާގެ ނިއުދިއްލީ ގައެވެ.




