މޫސުން ގޯސްވެ ބޯކޮށް ވާރޭވެހުމުން މާލޭގެ މަގުތަކުގައި ފެންބޮޑުވެފައި - ފޮޓޯ: ފިޔެސް
މޫސުން ގޯސްވެ ކ. އިން ވ. އަތޮޅަށް އޮރެންޖު ސަމާލު
މާލޭގެ މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން ޕަމްޕުޖަހައިގެން ފެންހިންދަނީ
ހަސަން އިބްރާހީމް 21 އޮކްޓޯބަރ 2026 (ބުދަ)   23:33
ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، ކ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން އޮރެންޖު ސަމާލު ނެރެފިއެވެ.

މިރޭ 8:50 އިން ފެށިގެން ނެރުނު މި އޮރެންޖު ސަމާލާއެކު، ވެރިރަށް މާލޭގެ ގިނަ މަގުތަކެއްގައި ވަނީ ފެންބޮޑުވެފައެވެ. އެހެންކަމުން، އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިޔު ސަވިސްއިން ދަނީ އެކި ސަރަހައްދުތަކުގައި ޕަމްޕު ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.

ވިއްސާރަ ވަރުގަދަވުމާ ގުޅިގެން ކުރިން ނެރެފައިވާ ރީނދޫ ސަމާލު އޮރެންޖު ސަމާލަކަށް މަތިކުރި ނަމަވެސް، ފަހުން މިރޭ 22:30 ގައި ވަނީ އަލުން ރީނދޫ ސަމާލަށް ދަށްކޮށްފައެވެ.

މި ހާލަތާ ގުޅިގެން ގެތަކަށް ފެން ވަނުން ހުއްޓުވުމަށް ވެލިބަސްތާ ޖެހުމަށާއި، ކާބޯތަކެއްޗާއި މުދަލަށް ގެއްލުން ނުވާނެހެން އުސްތަންތަނަށް ބަދަލުކުރުމަށް އެންޑީއެމްއޭ (ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ) އިން ވަނީ އިލްތިމާސްކޮށްފައެވެ.

މެޓް އޮފީހުން ލަފާކުރާގޮތުގައި ހުޅަނގު މޫސުން ބާރުވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެއެވެ. އަދި އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އެދިފައެވެ.

ކޮމެންޓް