ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު މީޑިއާއަށް ބަސްދީގަތުމެއް ދެއްވަނީ.--
ދިރާގުގެ އިތުރު ހިއްސާ މިވަގުތު ސަރުކާރުން ގަތުމަކީ ބޭކާރު ހަރަދެއް: ނަޝީދު
ހަސަން އިބްރާހީމް 7 ސެޕްޓެމްބަރ 2026 (ހޯމަ)   17:57
ދިރާގަށް ސަރުކާރުގެ ނުފޫޒު ނެތީ އެ ކުންފުނި ޕްރައިވަޓައިޒް ކޮށްފައިވުމުން ކަމަށާއި، ސަރުކާރުން ހިއްސާ ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިރާގުގެ މެޖޯރިޓީ ހިއްސާ ސަރުކާރަށް ހޯއްދަވާނެކަމަށް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން ދިރާގަކީ ސަރުކާރުގެ މެޖޯރިޓީ ޝެއާ އޮއްވައި އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ދިރާގުގެ ޝެއާ ވަނީ ވިއްކާލާފައި. ރައްޔިތުންގެ ވަރަށް ބޮޑު ހަރު މުދަލެއް. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ދިރާގުގެ ޝެއާ 51 ޕަސެންޓަށް ބޮޑުކުރުމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ރާއްޖޭގެ އިގުތިސާދު ފުޅާކުރުމަށްޓަކައި އަދި ރާއްޖޭގެ އިގުތިސާދު އިތުރަށް ކުރިއަށް ގެންދިއުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއް،" ރައީސް މުއިއްޒު ވިދާޅުވިއެވެ.

ދިރާގު އެންމެ ފުރަތަމަ އުފެދިގެން އައީ ދިވެހި ސަރުކާރުގެ 55 ޕަސެންޓު ހިއްސާއާއި، އިނގިރޭސިވިލާތުގެ ކޭބަލް އެންޑް ވަޔާލެސް ކުންފުނީގެ 45 ޕަސެންޓު ހިއްސާ އޮންނަ ގޮތަށެވެ. ނަމަވެސް 2009 ވަނަ އަހަރު އޭރު އޮތް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދިރާގުގައި އޮތް ދައުލަތުގެ ހިއްސާގެ ތެރެއިން ހަތް ޕަސެންޓް، 40 މިލިއަން ޑޮލަރަށް ކޭބަލް އެންޑް ވަޔާލެސްއަށް ވިއްކާލުމުން، ދިރާގުގައި އޮތް ސަރުކާރުގެ ހިއްސާ ވަނީ 48 ޕަސެންޓަށް ދަށްވެފައެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ސަރުކާރުން ވަނީ އެ ކުންފުނީގައި އޮތް ހިއްސާގެ ތެރެއިން އިތުރު 6.2 ޕަސެންޓު އާންމުންނަށް ވިއްކައި، ދިރާގަކީ އާންމު ހިއްސާދާރުން ހިއްސާވާ ޕަބްލިކް ކުންފުންޏަކަށް ބަދަލު ވެސް ކޮށްފައެވެ.

މުއިއްޒުގެ ވާހަކަތަކާ ގުޅުވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ދިރާގަކީ ސިޔާސީ ނުފޫޒާއި ބާރުވެރިކަން ނުފޯރާ އޮތް ހަމައެކަނި ކުންފުނި ކަމަށެވެ. ސަބަބަކީ އެ ކުންފުނި ޕްރައިވެޓައިޒްކޮށްފައި އޮތުމުން ސަރުކާރުގެ މެޖޯރިޓީ ނެތުމުން ކަމަށް ނަޝީދު ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގައި ހިންގާ ސަރުކާރު ކުންފުނިތަކުން ފައިދާވެ، ސިޔާސީ ބޭނުމަށް އޮތް ވަސީލަތެއްގެ ގޮތުގައި ނެތީ ހަމައެކަނި ދިރާގުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ދިރާގުގެ އިތުރު ހިއްސާ މިވަގުތު ސަރުކާރަށް ގަތުމަކީ ބޭކާރު ޚަރަދެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ދިރާގުގެ ހިއްސާ ބޮޑުކުރާނެކަން މިއަދު އިއުލާންކުރިއިރު، ގިނަ އެސްއޯއީތަކަކީ މިހާރު ވެސް މާ ބޮޑު ފައިދާއެއް ނުވާ ކުންފުނިތަކެކެވެ. އާންމު ގޮތެއްގައި އެސްއޯއީތަކަކީ ސަރުކާރުތަކުން ކުންފުންޏާ ނުބައްދަލު މިންވަރަށް ބޭކާރު ގޮތުގައި މުވައްޒަފުން ނަގައި، ކޮރަޕްޝަންގެ މުއާމަލާތްތައް ހިންގާ ވަސީލަތެކެވެ.

ކޮމެންޓް