ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތެއްގެ ތެރެއިން - ފޮޓޯ: ޕޮލިސް
ސަތާރަހާހަށް ވުރެ ބޮޑު މުސާރަ ދޭގޮތަށް 29 މީހަކު ފުލުހުންގެ މަގާމަށް ހޯދަނީ
ހަސަން އިބްރާހީމް 15 ސެޕްޓެމްބަރ 2026 (އަންގާރަ)   13:43
މުސާރައިގެ ގޮތުގައި ސަތާރަހާހަށް ވުރެ ބޮޑު އަދަދެއް ދޭގޮތަށް 29 މީހުން ފުލުހުންގެ ވަޒީފާއަށް ހޯދުމަށް އިއުލާކޮށްފިއެވެ.

ސްޕެޝަލް ކޮންސްޓެބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް މީހުން ހޯދުމަށް މިއަދު ކުރި އިއުލާނުގައިވާ ގޮތުގައި، އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ގްރޭޑް ދިހައެއް ނިންމާފައިވުމާއި 18 އަހަރާއި 35 ދެމެދުގެ މީހެއް ކަމުގައިވުމާއި ފުލުހުންގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ސިއްހަތާއި އަހުލާގާއި ގާބިލުކަން ހުރި މީހަކު ކަމުގައިވާން ޖެހެއެވެ.

މީގެއިތުރުން، ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން ނުވަތަ ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެ ކުށް ސާބިތުވެ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ ހުކުމް ކަނޑައަޅާފައިވާ އަދަބު މައާފުކުރިތާ ތިން އަހަރުވެފައިވާ މީހެއް ކަމުގައިވާން ޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައިވާއިރު، އިތުރު ޝަރުތުތަކުގެ ގޮތުގައި ވެސް ޝަރުތުތަކެއް ހިމަނާފައި ވެއެވެ.

އެގޮތުން ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުއީ ކޯޓަކުން އެ މީހެއްގެ މައްޗަށް ރައްކާތެރިކަމުގެ އަމުރެއް އެއްވެސް އިރަކު ނެރެފައިވާ މީހެއް ކަމުގައި ނުވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމުގައިނުވުމާއި ގާނޫނުއަސާސީއާއި ގާނޫނެއްގައި ބަޔާންކޮށްފައިވާ އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުމުން ވެސް މި މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާ އުފުލިފައިވާ މީހެއް ކަމުގައި ނުވުން އަދި ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހުންގެ ތަމްރީނު ފުރިހަމަ ކުރެވޭ ފަދަ ސިއްހަތެއްގައިވާ މީހެއް ކަމުގައިވުން އަދި ފިރިހެނެއް ނަމަ އިސްކޮޅު ފަސް ފޫޓާއި ތިން އިންޗި ހަމަވުން، އަންހެނަކު ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވުން ވެސް ޝަރުތު ތަކުގެ ތެރޭގައި ހިމެނެއެވެ.

މި ވަޒީފާ ހަމަޖެހޭ މީހުންނަށް 17،175 ރުފިޔާގެ މަހު މުސާރައެއް ދިނުމަށް ހަމަޖެހިފައިވާއިރު، މި މަގާމަށް ހޮވޭ ފުލުހުން އާންމުކޮށް މަސައްކަތް ކުރަން ޖެހޭނީ މާލެ ސަރަހައްދުގައި ކަމަށާ، ވަޒީފާއަށް ކުރިމަތިލާ މީހުން ހަދާ ފިޒިކަލް ފިޓްނަސް އާއި ފެތުމުގެ ޓެސްޓާއި މެޑިކަލް އެގްޒަމިނޭޝަން, ޕޮލިގްރަފީ ޓެސްޓް، ކުރެވޭ އިންޓަވިއުއާއި ބެކްގްރައުންޑް އެސެސްމަންޓުން ފާސްވާ މީހުން ވަޒީފާއަށް ހޮވުމުގައި އިސްކަންދޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

އަދި، އެސެސްމަންޓްތަކުން މަތީ ނަތީޖާ ހޯދާ މީހުންނަށް އިސްކަންދޭނެކަމަށް ވެސް އެ އިއުލާނުގައި ބުނެފައި ވާއިރު، އެ މަގާމަށް 29 މީހަކު ހޯދުމަށް ވަނީ އިއުލާނުކޮށްފައެވެ. އެހެންކަމުން އެ ވަޒީފާއަސް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 30 ވަނަ ދުވަހުގެ 16:00އާ ހަމައަށް ކަމަށް ވެސް މިއަދު ފުލުހުންގެ ވަޒީފާއަށް މީހުން ހޯދުމަށް ކުރި އިއުލާނުގައި ވެއެވެ.

ކޮމެންޓް