މާލެ ސިޓީ ކައުންސިލްގެ ޖަލްސާގެ ތެރެއިން.-- ފޮޓޯ: މާލެ ސިޓީ ކައުންސިލް
މާލޭ ސިޓީ ކައުންސިލުގެ ދަށުގައި އޮތް 14 ބިމެއް ސަރުކާރަށް ނަގާތީ ކޯޓަށް
ދައުލަތަށް ނަގާފައިވާ ބިންތަަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށް ވީހިނދު، ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ – މޭޔަރު އާޒިމް
ހިޝާމް ހާރޫން 16 އޮކްޓޯބަރ 2026 (ހުކުރު)   23:48
މާލޭ ސިޓީ ކައުންސިލްގެ ދަށުގައި އޮތް 14 ބިމެއް މިސަރުކާރުން ނަގަން ނިންމުމާ ގުޅިގެން، މާލޭ ސިޓީ ކައުންސިލުން ކޯޓަށް ދިޔުމަށް މިރޭ ނިންމައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން އެގޮތަށް ނިންމީ، މިރޭ ބޭއްވި އެ ކައުންސިލްގެ ކުއްލި ޖަލްސާއެއްގައި، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބް އެ މައްސަލަ މިރޭގެ ބައްދަލުވުމަށް ހުށަހެޅުއްވުމުންނެވެ.

މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް މިރޭގެ ބައްދަލުވުމުގައި ވިދާޅުވީ، ދައުލަތަށް ނަގާފައިވާ ބިންތަަކަކީ ކައުންސިލަށް އާމްދަނީ ލިބޭ ބިންތަކެއް ކަމަށާ، އެހެންކަމުން ކުރިއަށް އޮތް ތަނުގައި ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެކަމަށެވެ.

ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މީކާއީލް މުހައްމަދު ރިޔާޒް، ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބިންތައް ސަރުކާރަށް ނެގުމުން އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަލްސާގައި ވިދާޅުވީ، ކައުންސިލްގެ ބިންތައް ނަގައިގެން ސަރުކާރުން ގެންނަން އުޅެނީ ތަރައްގީ ނޫން ކަމަށާ އެއީ ސްކޭމެއް ކަމަށެވެ.

އޭނާ ވިދާޅުވީ، މި ސަރުކާރުން ބިންތައް ނެގުމުގެ ބޭނުމަކީ ގަސްތުގައި ލާމަރުކަޒީ ނިޒާމު ފުނޑާލުން ކަމަށާ، އަދުގެ ސަރުކާރަށް ގާނޫނު ހަނދާންކޮށްދިނުމަށް މި މައްސަލަ ކޯޓަށް ވައްދަންޖެހޭ ކަމަށެވެ.

އެ ބައްދަލުވުމުގައި މާފަންނު އުތުރު ދާއިރާގެ މެމްބަރު ހުސެއިން ފުރުޝާން ވިދާޅުވީ، ފިނޭންސް މިނިސްޓްރީއިން ހުޅުމާލެއިން ބިމެއް 94.5 މިލިއަން ރުފިޔާއަށް ގަނެފައިވާ ކަމަށާ، އެހެން ނަމަވެސް މާލެއިން ބިމެއް ބޭނުންވުމުން އެއްވެސް އަގަކާނުލައި ދޭންވީތޯ ސުވާލު އުފެދޭ ކަމަށެވެ.

އެހެންކަމުން ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ގާލިބް ހުށަހަޅާފައިވާ، އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަށް ކޯޓަށް ދިއުމަށާ، ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ސުޕްރީމް ކޯޓާ ހަމައަށް ގެންދިޔުއަށް މިރޭގެ ކުއްލި ޖަލްސާއިން ފާސްކޮށްފައި ވެއެވެ.

ކޮމެންޓް